ނޭނގި ޕާޓީ ބަދަލުވުން: ހަ މަސް ތެރޭގައި 300 މައްސަލައެއް
ނޭނގި ޕާޓީ ބަދަލުވުން: ހަ މަސް ތެރޭގައި 300 މައްސަލައެއް

މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ 300 މައްސަލައެއް ވޭތުވެދިޔަ ހަ މަސް ދުވަހު ތެރޭގައި ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ "މިހާރު" އަށް ވިދާޅުވި ގޮތުގައި އީސީގެ ޕޯޓަލްގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ފަހުން މިދިޔަ އަހަރުގެ ފަހު ދެ ކުއާޓާ ތެރޭގައި 300 ޝަކުވާއެއް ވަނީ ލިބިފަ އެވެ.

އެއީ މީހުންނަށް ނޭނގި އެ މީހުން ޕާޓީތަކަށް ވެއްދުމާއި ޕާޓީ ބަދަލު ކޮށްފައި ހުންނަ މައްސަލަތައް ކަމަށާއި އޭގެ ތެރެއިން ބައެއް މައްސަލަތައް ފުލުހުން ވެސް ތަހުގީގު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުން ތަހުގީގުކޮށް އަޅުގަނޑުމެންނަށް ހުށަހަޅާފައިވާ މައްސަލަތަކުގައި އަޅުގަނޑުމެން ވާނެ ފިޔަވަޅު ވެސް އަޅާފައި." އޭނާ ވިދާލުވި އެވެ.

އެގޮތުން އެފަދަ މައްސަލަތަކާ ގުޅިގެން މިދިޔަ އަހަރު ތެރޭގައި ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި އަދާލަތު ޕާޓީ އަށް ވެސް ފިޔަވަޅު އެޅި ކަމަށް ހަސަން ވިދާޅުވި އެވެ.

އެފަދަ މައްސަލަތަކުގައި އީސީން އަޅާ ފިޔަވަޅަކީ ޕާޓީގެ ރަޖިސްޓްރާ އާއި އެކަމުގައި ހިމެނޭ ފަރާތްތައް ޖޫރިމަނާ ކުރުމެވެ.

ނަމަވެސް އެފަދަ މައްސަލަތަކަކީ ހުއްދަ ނެތި މީހުންގެ ޒާތީ މައުލޫމާތު ބޭނުން ކޮށްގެން ސޮއި ފަދަ މައުލޫމާތު ފޯޖު ކޮށްގެން ކުރާ ކަމަކަށް ވާއިރު، އެކަންކަމުގައި ޖިނާއީ ތަހުގީގެއް ނުކުރާތީ އީސީއަށް ވަރަށް ބޮޑަށް ފާޑު ކިޔުން އޮވެ އެވެ.

މި ފަހުން އެ މައްސަލަތައް އަލުން ފެންމަތިވެފައި ވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތް ހިންގުމަށްފަހު އެ ޕާޓީގެ މެމްބަރުންގެ އަދަދު 3،000 އިން 60،000 އަށް އިތުރު ކޮށްފައި ވަނިކޮށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގަވާ ޕީއެންއެފްގެ މެންބަރުންނާއި ބައެއް އާންމުން ވެސް ވަނީ އެ މީހުންނަށް ނޭނގި ޕީއެންސީއަށް ބަދަލުކޮށްފައިވާ ކަމުގެ ޝަކުވާކޮށް އެ މައްސަލަތައް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

އެހެން ނަމަވެސް ޕީއެންސީން އެ ތުހުމަތުތައް ދޮގު ކުރެ އެވެ.

އެފަދަ މައްސަލަތައް ބަލަމުން އަންނަ ކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.