09 ޖެނުއަރީ 2025 - 09:27

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ގއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ކަނޑުހުޅުދޫގެ ފުރަތަމަ މެޗުން 2-1 އިން ގެމަނަފުށި އަތުން ބަލިވެއްޖެ އެވެ.
ކަނޑުހުޅުދޫން ވަނީ އަހުމަދު އުމަރު އަބްދުﷲ ގެ ގޯލަކުން ފުރަތަމަ ހާފުގައި ލީޑު ނަގައިފަ އެވެ. ގެމަނަފުށި މޮޅުވީ ފަހު ހާފުގައި ކާމިޔާބުކުރި ދެ ގޯލުންނެވެ. މެޗު ނިމެނިކޮށް ގެމަނަފުއްޓަށް އެއްވަރު ކޮށްދިނީ އަހުމަދު ޝާމް އެވެ. އަދި ފަހު ވަގުތުކޮޅުތެރޭ މޮޅުވީ ކަނޑުހުޅުދޫގެ އަހްނަފް ޒާހިރު އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
މިދިޔަ އަހަރުގެ އަތޮޅު ފައިނަލްގައި ކަނޑުހުޅުދޫ މޮޅުވީ ގެމަނަފުއްޓާ ދެކޮޅަށް ކުޅެ، ޕެނަލްޓީ ޖަހައިގެންނެވެ.
ކަނޑުހުޅުދޫ އާއި ގެމަނަފުއްޓާ އެކު ގުރޫޕް އޭގައި ހިމެނޭ ނިލަންދޫ އާއި ދާންދޫ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބު ކުރީ ދާންދޫ އެވެ. ދާންދޫގެ ދެ ގޯލު ވެސް ޖަހައިދިނީ މުހައްމަދު އަޒާން މައާދު އެވެ. ނިލަންދޫގެ ގޯލު ޖަހައިދިނީ ހުސެއިން ނިހާދެވެ.
މި އަތޮޅުގެ ގުރޫޕް ބީގައި ރޭ ދެއްވަދޫ ވަނީ 6-1 އިން ވިލިނގިލި ބަލިކޮށްފަ އެވެ. ދެއްވަދޫގެ އަހްނަފް ރަޝީދު ތިން ލަނޑު ޖެހި އިރު އަހުމަދު ރާހިލް ރަޝީދާއި އައިމަން ތައުފީގް އަދި ޝިފާޒް އާދިލް ވެސް ގޯލެއް ޖެހި އެވެ. ވިލިނގިލީގެ ހަމައެކަނި ލަނޑު ޖަހައިދިނީ އައުޝަމް ރަޝާދެވެ.
މި ގުރޫޕްގައި ހިމެނޭ މާމެންދޫ ވަނީ 2-1 އިން ކޮލަމާފުށި ބަލިކޮށްފަ އެވެ. މާމެންދޫގެ ގޯލު ޖަހައިދިނީ ޝަމްވީލް މުހައްމަދާއި ރައުހާން ރިއްފަތެވެ. ކޮލަމާފުއްޓަށް ލަނޑު ޖަހައިދިނީ މުހުލިސް ނަޖީބެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅޭނީ ހއ. އަތޮޅާއި ހދ. އަތޮޅުގެ މެޗުތަކެވެ.