08 ޖެނުއަރީ 2025 - 16:30

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގއ. ކަނޑުހުޅުދު އަށް ވަޑައިގެން، އާއްމުންނާ ސަލާން ކުރައްވަނިކޮށް އުމުރުން ތިން އަހަރުގެ ފިރިހެން ކުއްޖަކު ދިއްކޮށްލީ ނޯޓެކެވެ. އާޔަލް ބިން އަލީ ސައީދު އެ ނޯޓުކޮޅުގައި ލިޔެފައި އޮތީ އޭނާގެ ބައްޕަ މަތިން ހަނދާންވާ ކަމަށެވެ. ނުވަތަ "އައި މިސް މައި ޑެޑީ" އެވެ.

އެއާ އެކު، ރައީސް ވަނީ މި އަތޮޅާ ޖެހިގެން އޮންނަ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އާޔަލް އަށް، އެ ކުއްޖާގެ ބައްޕައާ ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދެއްވައިފަ އެވެ.

އާޔަލްގެ މަންމަ އައިޝަތު ހުޒާމާ "މިހާރު" އަށް ބުނީ އެ ކުއްޖާ އާއި ބައްޕައާ ދެމެދު ވަރަށް ވަރުގަދަ ގުޅުމެއް އޮންނަ ކަމަށެވެ. އެހެންވެ، ފިރިމީހާ ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަނަށް ބަދަލުވުމަށް މަސައްކަތް ކުރާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބުންޏެވެ.
"އާޔަލް އަށް އަހަރެއް ވީއްސުރެ މި ބަލަނީ މި ކޮޅަށް ބަދަލުކުރެވޭތޯ،" އުމުރުން ފަސް މަހުގެ އަންހެން ކުއްޖަކު ވެސް ހުންނަ ހުޒާމާ ބުންޏެވެ.
އެ ކުޑަކުއްޖާގެ ނޯޓުކޮޅު ފެނިވަޑައިގަތުމާ އެކު، އެ ކުއްޖާގެ ބައްޕަ ސާޖަންޓު އަލީ ސައީދު މި ރަށަށް އައުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ރައިސް އެދިވަޑައިގަތެވެ. އެއާއެކު، ގާތްގަނޑަކަށް 45 މިނެޓުގެ ލޯންޗު ދަތުރަކަށް ފަހު، އަލީ ސައީދު ކަނޑުހުޅުދު އަށް ފޭބުމާއެކު އާޔަލް ވަނީ ދުވެފައި ގޮސް ބައްޕަގެ ގައިގައި ބައްދާލައިފަ އެވެ.
އެ ވަގުތު އަލީ ސައީދުގެ ލޮލުން އުފާވެރި ކަރުނަ އަންނަން ފެށި އެވެ.
އާޔަލް ވަނީ އޭނާގެ ބައްޕަގެ ބޮލުގައި އަޅާފައި އޮތް ތޮފި ނަގައި އަމިއްލަ އަށް ބޮލުގައި އަޅައިފަ އެވެ.
"ކޮންމެ މަހަކު 72 ގަޑިއިރު ލިބޭނެ އާއިލާއާ ބައްދަލުކުރަން. ރަށުގައި ހުރެފައި ދާ ކޮންމެ ފަހަރަކު އުޅޭނެ ވަރަށް ބޮޑަށް ބައްޕަ ހަނދާން ވެގެން،" ހުޒާމާ ބުންޏެވެ.
މި ފަހަރު ވެސް ތިން ދުވަހަށް ފަހު އަލީ ސައީދު އަނބުރާ ފަރެސްމާތޮޑާއަށް ދާނެ އެވެ. އެކަމަކު، މި މަސް ނިމުމުން މި އަތޮޅަށް އޭނާ ރަސްމީކޮށް ބަދަލުކުރަން މިހާރު ވަނީ ނިންމައިފަ އެވެ.
އާޔަލް ވަނީ ބައްޕައާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމުން ރައީސް މުއިއްޒަށް ޝުކުރު އަދާކޮށްފަ އެވެ.