08 ޖެނުއަރީ 2025 - 13:03

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުން ހައިސްޕީޑް ބްރޯޑްބޭންޑު އިންޓަނެޓުގެ ހިދުމަތް ދީފި އެވެ.

މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑު ހިދުމަތް ކުންފުންޏަކުން ދޭން ފެށި ފުރަތަމަ ފަހަރެވެ. މިކަން އިއުލާނު ކުރަން ދިރާގުން މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ މިއީ އެ ކުންފުނިން މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.
"މިހާރު ރާއްޖޭގެ 100 ޕަސެންޓު ގޭބިސީއަށް ދިރާގު ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑު ހިދުމަތާ ގުޅާލުމުގެ ފުރުސަތު މިއޮތީ ފަހިވެފައި. މިއީ ރާއްޖޭގެ މުއާސަލާތީ ތާރިހުގައި ފާހަގަކޮށްލެވޭ ލަނޑުދަނޑިއެއް،" އިސްމާއިލް ވިދާޅުވި އެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ހިދުމަތްފުޅާކުރެވުމަކީ އިންޓަނެޓް ހިދުމަތުގެ ފެންވަރު މަތިކޮށް އަތްފޯރާ ފަށުގައި އިންޓަނެޓުގެ ހިދުމަތް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ކުރައްވާ މަސައްކަތަށް ލިބުނު ކުރިއެރުމެއްގެ ގޮތަށް އިސްމާއިލް ސިފަކުރެއްވި އެވެ. އަދި އެ ކުންފުނިން ސަރުކާރުގެ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޑިޖިޓަލް ރާއްޖެއަކަށް ވާސިލުވުމުގެ މަސައްކަތުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އެރުވި އެވެ.
އިސްމާއިލް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތް ލިބުމަކީ ރާއްޖެ އިތުރަށް ތަރައްގީވާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
"މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިހާރު ފަސޭހަކަމާ އެކު ޑިޖިޓަލް ހިދުމަތްތަކަށް އެކްސެސް ލިބޭނެ. މި ކަމުގެ ސަބަބުން އިގްތިސޯދީގޮތުން ވެސް ކުރިއެރުންތަކެއް ލިބޭނެ. މިއީ ތަރައްގީގެ އިތުރު ހަރުފަތަކަށް އަރާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި ހުރިހާ ރަށަކަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ފުޅާކުރުމަކީ އެންމެނަށް އެއް ފެންވަރެއްގައި ހަމަހަމައަށް ހިދުމަތް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން އަންނާނީ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމައަށް އެންމެ ފުރިހަމައަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ދިނުމަށް އެކި މަރުހަލާތަކަށް ބަހާލައިގެން ފަސް އަހަރެއްހާ ދުވަސްވަން ދެން ވަނީ މަސައްކަތް ކޮށްފަ އެވެ. މި ހިދުމަތް ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް މިހާރު ލިބޭނެ އެވެ.