ފަހު ވަގުތު ޕީކޭ ސްޕެއިން މޮޅުކޮށްދީފި
ފަހު ވަގުތު ޕީކޭ ސްޕެއިން މޮޅުކޮށްދީފި

ޓުލޫސް، ފްރާންސް (ޖޫން 13) - ޔޫރޯ ފުޓްބޯޅަ މުބާރާތް މިދިޔަ ދެ ފަހަރު ކާމިޔާބުކުރި ސްޕެއިން މި އަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މިރޭ ޗެކް ރިޕަބްލިކާ ލަނޑެއް ނުޖެހި އެއްވަރުވާން ދަނިކޮށް ފަހު ވަގުތު ޖެރާޑް ޕީކޭ ޖެހި ލަނޑުން 1-0 އިން މޮޅުވެއްޖެ އެވެ.

ފަހު ވަގުތު ޕީކޭ ސްޕެއިން މޮޅުކޮށްދީފި
ފަހު ވަގުތު ޕީކޭ ސްޕެއިން މޮޅުކޮށްދީފި

ޒުވާން ބައެއް ކުޅުންތެރިންނާ އެކު ނުކުތް ސްޕެއިނަށް ފަހު ވަގުތާ ހަމަޔަށް ލަނޑެއް ނުޖެހުމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ ޗެކް ރިޕަބްލިކުގެ ގޯލްކީޕަރު ޕެޓާ ޗެކަށެވެ. އޭނާ ވަނީ ސްޕެއިނުގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

ގްރޫޕް ޑީ ގެ ހަތަރު ޓީމު ވެސް އެއް މެޗު ކުޅެފައިވާއިރު ކްރޮއޭޝިއާ އާއި ސްޕެއިން ވަނީ ތިން ޕޮއިންޓް ހޯދައިފަ އެވެ. ތުރުކީ އާއި ޗެކް ރިޕަބްލިކަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ފުރަތަމަ ހާފުގައި ސްޕެއިނުން ނުރައްކާތެރި ތިން ހަމަލާ ފޮނުވާލި އެވެ. އެންމެ ހުސް ފުރުސަތެއް ލިބުނީ ޒުވާން ފޯވާޑް އަލްވާރޯ މޮރާޓާ އަށެވެ. ޑޭވިޑް ސިލްވާ އަރިމަތިން ނެގި ހުރަސް ގޯލް ބުޑުގައި ހުރެ މޮރާޓާ ފޮނުވާލުމުން، ޗެކް ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. އޭގެ ފަހުން އިނިއެސްޓާ އާއި ސިލްވާ އޭރިއާ ތެރެއިން ފޮނުވާލި ދެ ބޯޅައިގެ ހުރަހަކީ ވެސް އާސެނަލް އަށް ކުޅޭ ޗެކެވެ.

މި ހާފުގައި ޗެކް ރިޕަބްލިކުން އެންމެ ހަމަލާއެއް ގޯލަށް ފޮނުވާއިރު ދެ ވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ތެއޮޑީ ގެބްރެ ސެލާޗީ ވެސް ރަނގަޅަ ހަމަލައެއް ފޮނުވާލި އެވެ.

ދެ ވަނަ ހާފުގައި ސްޕެއިނުން ވަނީ ކުރިއަށް ވުރެ ބޮޑަށް ކުރިއަށް ޖެހި ޗެކް ރިޕަބްލިކަށް ނުރައްކާކޮށްފަ އެވެ. އެންމެ ހުސް ފުރުސަތެއް ލިބުނީ 70 ވަނަ މިނެޓުގައި ޖޯޑީ އަލްބާ އަށެވެ. ސިލްވާ ޖައްސާލި ބޯޅަ އޭނާ އަށް އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ނަމަވެސް އޭނާ ކޮންޓްރޯލް ކުރަން ނެގި ފައިގައި ޖެހި އެ ބޯޅަ ބޭރުވީ އެވެ. އޭގެ ފަހުން ސިލްވާ ވެސް އޭރިއާ ބޭރުން ބާރު ބޯޅައެއް ފޮނުވާލި އެވެ. އެ ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރުންނެވެ.

ސްޕެއިނުގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ 87 ވަނަ މިނެޓުގަ އެވެ. ޕެޑްރޯ ރޮޑްރިގޭޒް ޖައްސާލި ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އަންދްރޭ އިނިއެސްޓާ ނެގި ހުރަސް ޕީކޭ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.