މަތިވެރި އާއި ބިލެތްދޫ ވެސް ފެށީ މޮޅަކުން
މަތިވެރި އާއި ބިލެތްދޫ ވެސް ފެށީ މޮޅަކުން

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ފ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ބިލެތްދޫ އާއި އއ. އަތޮޅު ޗެމްޕިއަން މަތިވެރި ވެސް މޮޅަކުން މުބާރާތް ފަށައިފި އެވެ.

މަތިވެރި އާއި ބިލެތްދޫ ވެސް ފެށީ މޮޅަކުން
މަތިވެރި އާއި ބިލެތްދޫ ވެސް ފެށީ މޮޅަކުން

އއ. އަތޮޅު ގުރޫޕް އޭގައި މަތިވެރިން 3-1 އިން ރޭ ތޮއްޑޫ ބަލިކުރި މެޗުގައި އަލީ އަލްސަން ދެ ގޯލު ޖެހި އިރު މުހައްމަދު މިދުހަތު ވެސް ވަނީ ގޯލު ޖަހައިފަ އެވެ. ތޮއްޑޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު އިޖްލާޒް އެވެ.

މި ގުރޫޕްގެ ދެ ވަނަ މެޗުގައި ހިމަންދޫ ވަނީ 3-2 އިން އުކުޅަސް ބަލިކޮށްފަ އެވެ. ހިމަންދޫގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އިޚްލާސް އާދަމް އާއި އަހުމަދު އަތީފް އާދަމް އަދި މުހައްމަދު އާދަމް އެވެ. އުކުޅަހުގެ ގޯލުތައް ޖެހީ ޝިޒާން ޝަހީމް އާއި ހުސެއިން ޣަޒީލް ސާމީ އެވެ.

ބިލެތްދޫ މޮޅުވީ ފ. ނިލަންދުއާ ދެކޮޅަށް ކުޅެ 3-2 އިންނެވެ. މުހައްމަދު ޒިދާން ޒުހުރީ ބިލެތްދޫގެ ދެ ގޯލު ޖަހައިދިން އިރު ނަދީފް ވެސް ގޯލެއް ކާމިޔާބު ކޮށްދިނެވެ. ނިލަންދޫގެ ލަނޑުތައް ޖަހައިދިނީ ފާރޫގް އިސްމާއިލް އާއި އަހުމަދު ރިޒްވާން އިސްމާއީލް އެވެ.

މި އަތޮޅުގެ ދެ ވަނަ މެޗުގައި މަގޫދޫން ވެސް ވަނީ 3-2 އިން ފީއަލި ބަލިކޮށްފަ އެވެ. މަގޫދޫގެ ގޯލުތައް ޖަހައިދިނީ މޫސާ މާހިލް މިގްދާދު އާއި ޖަޒްލާން މާހިރެވެ. އޭގެ ތެރެއިން މާހިލް ދެ ގޯލު ޖެހި އެވެ. ފީއަލީގެ ޒިޔާން ހުސެއިން ގޯލެއް ޖަހާފައި ވާއިރު އަނެއް ލަނޑަކީ މަގޫދޫ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އއ. އަތޮޅުގެ ގުރޫޕް ބީގައި ރޭ ބޮޑުފޮޅުދޫ ވަނީ 4-1 އިން ފެރިދޫ ބަލިކޮށްފަ އެވެ. ބޮޑުފޮޅުދޫގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ޝިރުހާން އާއި މާހިދު އިބްރާހިމް އަދި ޖާދުﷲ އަހުމަދެވެ. ފެރިދޫގެ ލަނޑު ޖެހީ އިސްމާއިލް މާޒިން އެވެ. ގުރޫޕް ބީގެ ދެ ވަނަ މެޗުގައި ރަސްދޫ އިން ވަނީ 2-1 އިން މާޅޮސް ބަލިކޮށްފަ އެވެ. ސުޖާދު މުހައްމަދާއި އިބްރާހިމް އާޒިމް ރަސްދުއަށް ލަނޑުތައް ޖަހައިދިން އިރު މާޅޮހަށް ލަނޑު ޖަހައިދިނީ އަހުމަދު ވަޖީހެވެ.

މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ގއ. އަތޮޅުގެ ހަތަރު މެޗެވެ.