އިރަމް
އިރަމް

(އާދިއްތަ ދުވަހާ ގުޅޭ)

"ކޮން ގޮތެއް؟" ހާސްވެފައި އަހަންނަށް އެހުނެވެ.

"ވަރަށް އެހެން ކަހަލަ ގޮތަކަށް ހުޅުކޮޅު ހަރަކާތް ކޮށްފާނެ،" އޭނަ ބުންޏެވެ. "އެކަމަކު ކަލޭމެންނަކަށް ގޯނާއެއް ނުކުރާނެ. ހާސްނުވާތި!"

ހާސް ނުވާނީ ކާކު ހެއްޔެވެ؟ އަހަންނަކީ އެ ކަހަލަ ކަންކަން ގަބޫލުކުރާ މީހެއް ނޫން ނަމަވެސް، އެ ހިސާބުން ދެނެއް ބީރު ކަންފަތެއް ނުދެވުނެވެ. އިރަމް ކުއްލިއަކަށް ރޯން ފެށުމާއި، ކުއްލިއަކަށް ހުއްޓައިލުމުންނެވެ. ތަވީއަށް އަހަރުމެންގެ ގައުމު އެނގުމާއި އޭނަ ދެއްކި ވާހަކަތައް ސީދާ ވީމައެވެ. މީސްމީޑިޔާއަށް ނާދިޔާ ދެވި ހިފާފައި ހުންނަ ވަރު ތަވީއަށް އެނގުނީމައެވެ. ކާރުގައި އަހަރުމެން ގެއަށް އައި އިރު އަލި ވަނީއެވެ.

އަހަރެން އިނީ ބުނާނެ އެއްޗެއް، ވާހަކަ ފަށަންވީ ހިސާބެއް ނޭނގިފައެވެ. އިރަމްއަށް ދެރައެއް ދޭކަށް ނާދިޔާ ބޭނުމެއް ނުވާނެއެވެ. އެއީ ޔަގީން ކަމެކެވެ. އެހެނަސް، ނާދިޔާއަށް ކުރެވުނު ކަންތައްތަކެއްގެ ސަބަބުން ދަރިފުޅަށް އެ ލިބުނީ ކިހައި ބޮޑު ދެރައެއް ހެއްޔެވެ؟ ނާދިޔާއަށް އެ ކަން މަނާ ކުރަންވީ ހެއްޔެވެ؟ މިހާރު މާ ލަސްވެއްޖެ ހެއްޔެވެ؟ ހިތުގައި އެނބުރުނީ އެ ކަހަލަ ސުވާލުތަކެކެވެ.

އިރަމް ދެނެއް ނުރޮއެވެ. ގެއަށް އައި ގޮތަށް އޭނަ ނިދީއެވެ. އަހަރެން ކޮފީތަށްޓެއް ހިފައިގެން ގޯތިތެރޭގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިނީމެވެ. އެ ތަނުގައި ހުރި ގާފޮޅެއް މަތީގައި ނާދިޔާ އިށީނދެލައިގެން އިނެވެ. އަހަރެން ވައްކަޅިން އޭނައަށް ބަލައިލީމެވެ. ހިތަށް އެރިއެވެ. ކިތަންމެ ވަރަކަށް ވެސް އަހަންނަށް ހަޅޭއްލެވިދާނެއެވެ. ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ބައްޕައެއްގެ ހައިސިއްޔަތުން އަހަރެން ދެރަވާ ވަރަށް ވުރެ ބޮޑަށް، މަންމައެއްގެ ހައިސިއްޔަތުން ނާދިޔާ ދެރަވާނެއެވެ. މީ ރުޅި އަންނަންވީ ވަގުތެއް ނޫނެވެ. މާފުކުރަންވީ ވަގުތެވެ. ދަރިފުޅަށް ޓަކައެވެ. އެކަކު އަނެކަކަށް ޓަކައެވެ. އަހަރެން ތެދުވެގެން ގޮސް ނާދިޔާ ކައިރީގައި އިށީނީމެވެ. ނާދިޔާ ގައިގައި ފިރުމައިލީމެވެ. ހަމަ ފިރުމައިލާ އިރަށް ނާދިޔާ ބަޑިފަޅައިގެން ދިޔައެވެ. ދެން އޭނަ ކުރިހައި ވެސް ކަމަކީ މާފަށް އެދިއެދިފައި ރުއިމެވެ. ކުށް ގަބޫލުކޮށްކޮށްފައި ރުއިމެވެ. އެއްޗެއް ބުނަން އަހަރެން އަނގަހުޅުވައިލި ނަމަ، އަހަންނަށް ވެސް ފެށުނީހީ ރޯށެވެ. ވީމައި، ހިތްވަރު ކޮށްލައިގެން އިނީއެވެ. އެސްފީނާއަކީ ކިހައި ވިހަ އެއްޗެއްކަން އަހަރުމެންނަށް ގަބޫލު ކުރެވުނީ އޭގެ އެންމެ ހިތި ގޮތަށެވެ. އަގު އަދާކުރަން މި ޖެހުނީ ދަރިފުޅަށެވެ.

"އަހަރެން ހުރިހާ އެކައުންޓަކުން އިރަމްގެ ފޮޓޯތައް ޑިލީޓް ކޮށްލާނަން،" ނާދިޔާ ބުންޏެވެ. "އެކައުންޓުތައް ވެސް ޑިލީޓް ކޮށްލާނަން."

އެ ވަގުތު އަހަރެން ހަމަ އެކައްޗެއް ވެސް ނުބުނަމެވެ. އަހަންނަށް ރޮވިއްޖެ ނަމަ ނާދިޔާ މާ ދެރަވާނެތީއެވެ. އެހެނަސް، އަހަރެންގެ ހިތް ކުދިކުދިވެ، ކޮންމެ އެތިކޮޅެއް އެތައް ގުނައަކަށް ފުނޑުފުނޑުވިއެވެ.

"ކާކުބާ އަހަރުމެންގެ ދަރިފުޅަށް އެސްފީނާ އެޅީ؟" ނާދިޔާގެ އަމިއްލަ ހިތާ ކުރި ސުވާލު އަހަންނަށް ވެސް އިއްވައިލިއެވެ. "ހީ ވެސް ނުކުރަން އަހަރެންގެ ދަރިފުޅަށް މީހަކު އެސްފީނާ.."

"ހިނގާ ދެން އިތުރު ގޯހެއް ނަހަދަމާ!" ވަރަށް ހިތްވަރު ކޮށްފައި އަހަރެން ބުނީމެވެ.

"ވަރަށް ބޮޑު ކަމަކާ ފޭސްކުރަން މި ޖެހުނީ. އަހަރުމެންނަކަށް ނޭނގެ ދެން ވާނީ ކިހިނެއް ކަމެއް ވެސް. އެކަމަކު އެހެން އެއްވެސް މީހަކަށް މި ކަމެއް އަދި ނޭނގޭނެ. އެކަމަކު އިރަމްގެ ހުރިހާ ފޮޓޯތައް ޑިލީޓް ކޮށްލާ، އެކައުންޓުތައް ޑިލީޓް ކޮށްލައިފިއްޔާ އެންމެނާ އަހަރުމެން ފޭސްކުރަން ޖެހޭނެ. ކީކޭ އަހަރުމެން ބުނާނީ؟ އިރަމްގެ ފޮޓޯތައް އެބަ ޖެހޭ ޑިލީޓް ކުރަން. ވީޑިޔޯތައް ވެސް. އެކަމަކު ވަން ބައި ވަން. އެކަކަށް ވެސް ޝައްކުވިޔަ ދީގެން ނުވާނެ."

ރޯން ކިތަންމެ ބޭނުންވިޔަސް އަހަންނެއް ނުރޮމެވެ. ނާދިޔާއަށް ހިތްވަރު ވެސް ދިނީމެވެ. އަހަރުމެން ނިންމީ، ތަވިސިން ބުނި ގޮތަށް ކަންތައް ކޮށްފައި، ވީހައި ވެސް އަވަހަކަށް މާލެ ދާށެވެ. އޭރުން އިތުރު އެހީ ހޯދަން އަހަންނަށް ފަސޭހަވާނެއެވެ. ކުރެވޭނެ އެހެން ކަންކަން ވެސް ހުންނާނެއެވެ. ވަގުތު ކިހައި ކުޑަތަން ވެއްޖެ ކަމާއި، ބިންދައިލަން އުޅޭ ރާޅު ކިހައި ބިޔަކަމެއް އޭރަކު އަހަންނަކަށް ނޭނގެއެވެ.

ގޭގެ ރީތި ކަމާއި ޝައުގުވެރިކަން އެއްކޮށް ގެއްލުނު ކަހަލައެވެ. ކުރިން ރީތިވި މަސްފެންގަނޑާއި، ގަސްތަކާއި، މުޅި ބަގީޗާއަށް ވެސް ބިރުވެރި ހިޔަންޏެއް ވެރިވި ކަހަލައެވެ. ފުރަތަމަ ރެޔަށް އަހަރުމެން ތައްޔާރުވީމެވެ. ވާނީ ކިހިނެއް ކަމެއް، ތައްޔާރު ވާންވީ ކޮން ފަދަ މުސީބާތަކާ ކަމެއް އެކަކަށް ވެސް ނޭނގެއެވެ. ކަމުގެ ބާވަތުން، އެއްވެސް މީހެއްގެ ލަފައެއް އަހަރުމެން ނުހޯދަމެވެ. ދަންވަރުގެ ހަމަހިމޭންކަމާ އެކުގައި ދޮރުތައް ލެއްޕީމެވެ. އުއްބައްތި ރޯކުރީމެވެ.

"ރެޑީ؟" އަހަރެން އެހީމެވެ.

ނާދިޔާ ބޯޖަހައިލުމާ އެކު މުޅި ކޮޓަރި ނިއްވައިލީމެވެ. އިރަމް މެދުގައި ބާއްވައިފައި އަހަރުމެން ތިބީ އެނދުގެ ދެފަރާތުގައި އިށީނދެގެންނެވެ. އެއް ފަހަރު އުއްބައްތިއަށް އަނެއް ފަހަރު އިރަމްއަށް ބަލަބަލައި ތިބީމެވެ. އިރަމް އޮތީ ހޭލައެވެ. ބައެއް ފަހަރު ހިނިތުންވެލައެވެ. ބައެއް ފަހަރު ފަންގިފިލާއަށް ނަޒަރު ހުއްޓައިލައެވެ.

އުއްބައްތިއަށް ބަލައިލާހެން ވެސް ހީވެއެވެ. ވައި ރޯޅިއެއްގެ އެއްވެސް ހިލަމެއް ނުވާ ކޮޓަރީގައި ހުރި އުއްބައްތީގެ ހުޅުކޮޅު ހެލިލިއެވެ. ހީވީ ކައިރިން މީހަކު ހުރަސް ކުރި ހެންނެވެ. އަހަންނަށް އިރަމްގެ ކުޑަކުޑަ އަތްތިލައިގައި ހިފުނެވެ. ނާދިޔާއަށް ތެދުވެވުނެވެ. ދެނެއް އިތުރު އެއްވެސް ކަމެއް ނުވެއެވެ. ހުޅުކޮޅު ހުރި ގޮތަށް ތެދަށް ހުރީއެވެ. ދެން ނިވުނީއެވެ. އަނދިރިގަނޑުގައި އިރުކޮޅަކު އަހަރުމެން ތިބީމެވެ. ޔަގީނުން ވެސް އަހަރެންގެ ހިތުވިންދު އޭރު ހުރީ އަވަސްވެފައެވެ.

"ދެން ކިހިނެއް ހަދަންވީ؟" ނާދިޔާ ވައިއަޑުން ބުނި އަޑު އިވުނެވެ.

"ދިއްލާ!" އަހަރެން ބުނީމެވެ.

ބޮކި ދިއްލިއެވެ. އިރަމް އޮތީ ހޭލައެވެ. ވީ ކަމެއް ވީއެވެ. އަހަރުމެންނަކަށް އެއްވެސް ހިލަމެއް ނުވެއެވެ. ދެވަނަ ރޭ އެއްވެސް ކަމެއް ހުޅުކޮޅަކަށް ނުވެއެވެ. ތިރީސް މިނިޓަށް ފަހު އެންމެ ފަހުން ބޮކި ދިއްލީއެވެ.

އިރަމްއަށް އައި ބަދަލެއް ނެތެވެ. ކަނދުރާ އަށާއި އުނަގަނޑަކު ވަރެއް ވެސް ނުޖެހުނެވެ.

އަހަރެން ދަތުރު ހަދައިގެން، އަނެއްކާ ވެސް ތަވިސިންއާ ބައްދަލުކުރަން ދިޔައީމެވެ. ހަމަ އެންމެ ދެ ސުވާލުގެ ޖަވާބު ހޯދުމަށް ޓަކައެވެ. އިރަމް އާއި ނާދިޔާއެއް ނުގެންދަމެވެ. އެ ރެއަކީ ތަވިސިން ބަލާ ރެޔަކަށް ނުވިއެވެ. އެ ގޭދޮށަށް އެކަކު ވެސް ނާދެއެވެ. ޑުރައިވަރުގެ އެހީއާ އެކު، ގަޑިއެއްހައި އިރު މަޑުކޮށްގެން ތަވިސިން ބައްދަލުކުރިއެވެ. އަހަރެން ފެންނަ އިރަށް އޭނައަށް އަހަރެން އެނގުނެވެ. އެއްވެސް އެއްޗެއް އަހަރެން ކިޔައިދޭކަށް ނުޖެހުނެވެ.

"އަހަންނަށް ކޮށްދެވޭނެ ހުރިހާ ކަމެއް މި ކޮށްދިނީ،" ރޯގާ ޖެހިފައިވާ އަޑަކުން އޭނަ ބުންޏެވެ.

"ކުރިން ވެފަ ހުރި ކަންތަކެއް އަހަންނަކަށް ރަނގަޅެއް ނުކުރެވޭނެ. އެކަމަކު އިތުރު ގޯނާއެއް ދެނެއް ނުކުރެވޭނެ."

"ކީއްވެ އަހަރެންގެ ދަރިފުޅަށް އެސްފީނާ ޖެހުނީ؟" އަހަރެން ސުވާލުކުރީމެވެ. "ކުރި މީހަކު އެ ކަން ކުރި ސަބަބަކީ ކޮބާ؟ އަހަންނަކީ އެއްވެސް މީހަކަށް ދެރައެއް ދީ، ޖެއްސުމެއް ކަމެއް ކުރި މީހެއް ނޫން."

"ތީ ވަރަށް ގިނަ މީހުންނަށް އޮޅުންއަރާ ކަމެއް،" އޭނަ އެހެން ބުނެފައި، އޮޅާފައިވާ ދިގު ލިސްޓެއް އޭނަ ނިއުޅުވައިލިއެވެ. "މިހިރީ ތި ކަމުގަ އަހަރެން ކައިރިއަށް އައިހާ މީހުން. މިހާ ތަނަށް އައި މީހުންނެއް ނޫން. މި މަހު އައި މީހުން."

އަހަރެން އެ ލިސްޓެއް ނުގުނަމެވެ. ލިޔެފައި ހުރީ ދަންނަ ބަހަކުން ވެސް ނޫނެވެ. ލަފާކުރެވޭ ގޮތުގައި އޭގައި ސަތޭކަ ފަންސާހެއްހައި ނަން އޮންނާނެއެވެ.

"އެސްފީނާގެ އެތައް ވައްތަރެއް ހުންނާނެ،" އޭނަ ބުންޏެވެ. "މިހެން ބުނެފަ ފުއްދާލަމާ ހިނގާ! ލޯބިވާ މަންމަގެ އެސްފީނާ ވެސް ދަރިފުޅަށް ޖެހިދާނެ."

އަހަރެން ދިޔައީ ދެ ސުވާލު ހިފައިގެންނެވެ. އެ ތަނުން ނުކުތީ އެތައް ސުވާލެއް ހިފައިގެންނެވެ. އެސްފީނާއިން ސަލާމަތްވުމަށް ތަވީދެއް ބޭނުން ކުރެވިދާނެ ހެއްޔެވެ؟ އެސްފީނާއިން މީހަކު މަރުވެދާނެ ހެއްޔެެވެ؟ ފިރިމީހާގެ ފަރާތުން އަނބިމީހާއަށް، އަނބިމީހާގެ ފަރާތުން ފިރިމީހާއަށް އެސްފީނާ ޖެހިދާނެ ހެއްޔެވެ؟ އެސްފީނާއަކީ ލޯބީގެ ވައްތަރެއް ހެއްޔެވެ؟ ހެޔޮ ނިޔަތެއްގެ ފަހަތުގައި ނުބައި ނަތީޖާއެއް އޮވެދާނެ ހެއްޔެވެ؟ އެ ހުރިހައި ސުވާލެއް ވެސް ތަވިސިންއާ ކުރަން އަހަރެން ބޭނުންވިއެވެ. ބަލިކަމުން އޭނައަށް ވަގުތު ނުދެވުނީއެވެ.

މާލެ އަންނަން ޓިކެޓު ނަގާފައި ހިތަށް އެރިއެވެ. ކުޑަކުދިންގެ ޑަކުޓަރަކަށް ދައްކާލަން އަހަރެން ނުވިސްނީ ކީއްވެގެން ހެއްޔެވެ؟ އެ ދުވަހު މަސައްކަތް ކޮށްގެން، އަހަރެން ބޭނުންވާ ޑަކުޓަރުގެ މިވާދެއް ލިބުނީ، ފުރުމުގެ އެއް ދުވަސް ކުރިންނެވެ. ޑަކުޓަރަށް ދެއްކުމާ އެކު ވަގުތުން ދަރިފުޅު ވެއްދީ އައިސީޔޫއަށެވެ. ދެން ދުލެއް ނުކުރިއެވެ. ޑަކުޓަރު އެދުނީ ފުރުން ކެންސަލު ކުރުމަށެވެ. އިރަމް ގޮވައިގެން ފުލައިޓަށް އަރާކަށް ވެސް ހުއްދައެއް ނުދިނެވެ. އަހަންނާއި ނާދިޔާއަށް ވެސް ލިބުނީ ވަރުގަދަ ޝޮކެކެވެ. ޑަކުޓަރު ލަފާކުރި ގޮތުގައި އިރަމްއަށް ޖެހިފައިވަނީ ސީއެމްޑީގެ ވަރަށް ނުފެންނަ ވައްތަރެކެވެ. ޔަގީން ކުރަން އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭނެއެވެ.

އަހަރެން ޓިކެޓު ކެންސަލު ކުރީމެވެ. އާއިލާއަށް ޚަބަރު ދިނީމެވެ. ފުރަތަމަ އައީ ދޮންތައެވެ. އެ ކަމާ އަހަރެން ހައިރާނެއް ނުވެއެވެ. އިރަމް ދެކެ އެންމެ ލޯބި ވަނީ ދޮންތަކަން އަހަންނަށް އެނގެއެވެ. ނޭނގުނީ އެންމެ ކަމެކެވެ. ޑަކުޓަރު ބުނި ބައްޔަކީ އެސްފީނާގެ ސަބަބުން އިރަމްއަށް ވީ ގޮތުގެ "މެޑިކަލް" ނަން ހެއްޔެވެ؟ ނުވަތަ އެ ބަލިޖެހުމުން ވެފައި ހުރި ގޮތަކީ، އެސްފީނާގެ ސަބަބުން ވެފައި ހުރި ގޮތެއްހެން ތަވިސިންއަށް ހީވީ ހެއްޔެވެ؟ އަހަންނާއި ނާދިޔާ ވެސް ނިންމީ "އެސްފީނާ ސްޓޯރީ" ގައި ބޮޑުތަޅު އަޅުވާފައި، ހުރިހައި ސަމާލުކަމެއް އިރަމްގެ ފަރުވާއަށް ދޭށެވެ.

ޑަކުޓަރު އަހަރުމެންނަށް ދިނީ ޑަކުޓަރަކު ދޭން ވެސް ޖެހޭނެ ކަހަލަ ނަސޭހަތެކެވެ. އޭނަ ތަކުރާރުކޮށް ބުންޏެވެ. އިރަމްއަށް ޖެހިފައިވަނީ ތަދު ބައްޔެކެވެ. އުންމީދު ކަނޑައިނުލާށެވެ. އެކަމަކު ހުރިހައި ކަމަކަށް ވެސް ތައްޔާރު ވެގެން ތިބޭށެވެ. އެ ބުނެވުނީ ކީކޭ ކަން އަހަރުމެންނަށް އެނގެއެވެ. ހައެއްކަ މަސް ވަންދެން އިރަމް ގެންގުޅުނީ އައިސީޔޫގައެވެ. އެ މުއްދަތުގެ ތެރޭގައި، އިރަމްގެ ފޮޓޯތައް މީސްމީޑިޔާއިން ގެއްލެން ފެށިއެވެ. އެކަކަށް ވެސް ނޭނގޭހައި ލަސްލަހުންނެވެ. އަހަންނަށް އެ ކަން އެނގެނީ، އަހަންނަށް ދައްކައިގެން ނާދިޔާ އެ ކަން ކުރީތީއެވެ. އިރަމް ގާތުގައި އަހަރެން ނުވަތަ ނާދިޔާ ނެތް ވަގުތެއް ނުދާނެއެވެ. ނަސީބު ދިމާކުރި ގޮތުން އިރަމް ވަކިވެގެން ދިޔައީ، އަހަރުމެން ދެ މީހުން ދެ ފަރާތުގައި އިރަމްއަށް ބަލަހައްޓައިގެން ތިއްބައެވެ. އުމުރު ދުވަހަށް އަަހަރުމެންގެ ހިތުގައި ހަރުލާފައި ހުންނާނެ ކަހަލަ ފޮނި ހިނިތުންވުމެއް އަހަރުމެންގެ ހިތުގައި ބިންވަޅު ނަގައިފައެވެ. އެ ލޯބިލޯބި ދޮންދޫންޏަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ.

މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. (ނިމުނީ)