07 ޖެނުއަރީ 2025 - 15:15

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ވެލިޑޭޓްކުރަން ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ސެޓްފިކެޓްތައް އަންނަ ޖުލައި މަހުގެ ނިޔަލަށް ނުގެންގޮސްފި ނަމަ ފައިލްކުރާނެ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފި އެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކުން ކިޔަވާ ދަރިވަރުންގެ ސެޓްފިކެޓްގެ ސައްހަކަން ކަށަވަރުކުރުމަށް ވެލިޑޭޓް ކުރަން ހުށަހެޅުމުން އެމްކިއުއޭ އިން ތައްގަނޑު ޖަހައިދެ އެެވެ. އެގޮތަށް ތައްގަނޑު ޖަހައިދޭން އެދި ގިނަ އަދަދެއްގެ ސެޓްފިކެޓް ނުގެންގޮސް ހުރި ކަމަށް އެމްކިއުއޭ އިން ބުންޏެވެ.
އެމްކިއުއޭ އިން ކުރި އިއުލާނެއްގައި ބުނީ އެކިއެކި ފަރާތްތަކުން ސެޓްފިކެޓް ވެލިޑޭޓް ކުރުމަށް ފަހު، އެ ސަނަދުތަކާ ހަވާލު ނުވާ ކަން ފާހަގަކުރެވޭ ކަމަށެވެ.
އެމްކިއުއޭ އިން ބުނީ ޑިސެމްބަރު 31، 2022ގެ ކުރިން ވެލިޑޭޓްކޮށްފައިވާ ސަނަދުތަކާ މިމަހުގެ ނިޔަލަށް ހަވާލުވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެ މުއްދަތުގައި ނުގެންދާ ސަނަދުތައް ފައިލް ކުރެވޭނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެމްކިއުއޭ އިން ބުނި ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ފަހުން އެ ތާރީހުގެ ސަނަދެއް ބޭނުންވެއްޖެ ނަމަ، ޖެހޭނީ އަލުން އާ އެޕްލިކޭޝަނެއް ހުށަހަޅައިގެން ސެޓްފިކެޓް ވެލިޑޭޓްކުރާށެވެ.
އެ އޮތޯރިޓީން ވަނީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވެލިޑޭޓްކޮށް، ވެރިފަރާތުން ހަވާލުނުވާ ސަނަދުތައް ވެސް ވީއެންމެ އަވަހަކަށް ހަވާލުވުމަށް އެދިފަ އެވެ.