07 ޖެނުއަރީ 2025 - 12:26

ގޯލްޑަން ފުޓްސަލް ޗެލެންޖް ތިން ފަހަރު ކާމިޔާބު ކޮށްފައިވާ ތ. ތިމަރަފުށި މި އަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 2-1 އިން ތ. ކިނބިދޫ ބަލިކޮށްފި އެވެ.

ތ. އަތޮޅުގެ ގުރޫޕް އޭގެ މި މެޗުގައި އަހުމަދު އަފްލާޒް ތިމަރަފުއްޓަށް ލީޑު ނަގައިދީފައި ވަނިކޮށް ކިނބިދޫން އެއްވަރުކުރީ އަލީ ފަލާހުގެ ގޯލަކުންނެވެ. މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި ތިމަރަފުށި މެޗު ކާމިޔާބު ކުރީ ކިނބިދޫގެ އަހުމަދު ހަމްދާން ހުސެއިން އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މެޗުގެ ފަހު ވަގުތު ތިމަރަފުށީގެ ކެޕްޓަން އިބްރާހިމް ސިނާހު (ސިނާ) އަށް ވަނީ ދެ ރީނދޫކާޑަކާ އެކު ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.
މިދިޔަ އަހަރު ވެސް ތ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ތިމަރަފުށިން ވަނީ މިހާތަނަށް އަތޮޅު ތަށި ހަ ފަހަރު އުފުލާލައިފަ އެވެ. އަދި ފަސް ފަހަރު ޒޯން ތަށި ވެސް އުފުލާލި ތިމަރަފުއްޓަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމު ވަނީ 2016، 2019 އަދި 2022 ވަނަ އަހަތު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި އުފުލާލައިފަ އެވެ.
މިދިޔަ އަހަރު ތ. އަތޮޅުގެ ރަނަރަޕް އޮމަދޫ ވެސް ހިމެނެނީ މި ގުރޫޕްގަ އެވެ. އޮމަދޫ ވަނީ 2-1 އިން ވިލުފުށި އަތުން ބަލިވެފަ އެވެ. އޮމަދޫގެ މުހައްމަދު ނާބިތު ހުސެއިން މެޗުގެ ކުރީކޮޅު ލީޑު ނަގައިދިންތާ މާ ގިނައިރެއް ނުވެ ވިލުފުއްޓަށް އެއްވަރު ކޮށްދިނީ ސަލްމާން ސަދީފް އެވެ. ވިލުފުށި މޮޅު ކޮށްދިން ގޯލު ފަހު މިނިޓުގައި ޖަހައިދިނީ ޒަކަރިއްޔާ ޒަހޫރު އިސްމާއިލް އެވެ.
މި އަތޮޅުގެ ގުރޫޕް ބީ ގެ ހިރިލަންދޫ ވަނީ 3-2 އިން ވޭމަންޑޫ ބަލިކޮށްފަ އެވެ. ހިރިލަންދޫގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ޝަމްހާން އާއި މުހައްމަދު ނިޝާހު އަދި މުހައްމަދު ޝާން އެވެ. ވޭމަންޑޫގެ ފުރަތަމަ ގޯލު ޖަހައިދިނީ އަބްދުﷲ ލަތީފް އެވެ. ދެ ވަނަ ލަނޑަކީ ހިރިލަންދޫގެ ކީޕަރު އަހުމަދު ހުޒާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި ގުރޫޕްގައި ދެން ކުޅުނު ބުރުނީ އާއި ކަނޑޫދޫ ބައްދަލުކުރި މެޗު 4-1 އިން ކާމިޔާބުކުރީ ބުރުނީ އެވެ. ބުރުނީގެ މުހައްމަދު ނާހިލް ނޫހް ދެ ގޯލު ޖެހިއިރު މުހައްމަދު ޝާމް އާއި ހުސެއިން މަމްދޫހް އަހުމަދު ވެސް ގޯލެއް ޖަހާފައިވެ އެވެ. ކަނޑޫދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ މުހައްމަދު ޒިދާން އީސާ އެވެ.
މިދިޔަ އަހަރު ށ. އަތޮޅުގެ ޗެމްޕިއަން ކަނޑިތީމު ވަނީ ރޭ 1-0 އިން މަރޮށި ބަލިކޮށްފަ އެވެ. ކަނޑިތީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ އަހުމަދު ރިޒާން އެވެ. ކަނޑިތީމާ އެކު ގުރޫޕް އޭގައި ހިމެނޭ އެންމެ ފަހުގެ އަތޮޅު ރަނަރަޕް ފޭދޫ ވަނީ 2-1 އިން މިލަންދޫ އަތުން ބަލިވެފަ އެވެ. އިބްރާހިމް ޒާހީ އާއި އަހުމަދު ޝާނީގެ ގޯލުތަކުން މިލަންދޫ ލީޑު ކުރަމުން ދަނިކޮށް ފޭދޫއަށް މެޗުގައި ލަނޑެއް ޖަހައިދިނީ މާއިލް މުހައްމަދެވެ.
ށ. އަތޮޅުގެ ގުރޫޕް ބީގައި ބިލެތްފަހި ވަނީ ވަނީ 2-1 އިން ގޮއިދޫގެ މައްޗަށް ކުރި ހޯދައިފަ އެވެ. ބިލެތްފަހި މޮޅުވި ގޯލު ޖަހައިދިނީ އަލީ އިފުރާދް އެވެ. އޭގެ ކުރިން އިބްރާހިމް އިމާންގެ ގޯލުން ބިލެތްފަހި މެޗުގައި ލީޑު ކުރަމުން ދަނިކޮށް މުހައްމަދު ޝައުފާން ގޮއިދުއަށް އެއްވަރު ކޮށްދީފަ އެވެ. މި ގުރޫޕްގައި ނަރުދޫ ވަނީ ރޭ 3-2 އިން ޅައިމަގު ބަލިކޮށްފަ އެވެ. ހުސެއިން ހަލީމްގެ ދެ ގޯލާއި ހަސަން ފައިރޫޒްގެ ގޯލަކުން ނަރުދޫ ފުރަތަމަ ހާފު ލީޑު ކުރި އިރު، ޅައިމަގުން ދެ ލަނޑު ވެސް ޖެހީ މެޗުގެ ފަހު 10 މިނިޓުތެރޭގަ އެވެ. ދެ ގޯލު ވެސް ޖަހައިދިނީ އަބްދުލް ކަރީމް އަހުމަދެވެ.
މުބާރާތުގައި މިރޭ ކުޅޭނީ ފ. އަތޮޅާއި އއ. އަތޮޅުގެ މެޗުތަކެވެ.