"ވިޝްކާ"އިން ރިޝްމީއަށް ފިލާވަޅެއް ލިބިއްޖެ
"ވިޝްކާ"އިން ރިޝްމީއަށް ފިލާވަޅެއް ލިބިއްޖެ

ފިލްމް މިހާރު އެ އޮތީ ޝްވެކް ސިނަމާގަ އެވެ. އަންހެނުންގެ ދުވަހު ޕްރިމިއާ ކުރި ޔާރާ ޕްރޮޑަކްޝަންގެ ފިލްމް "ވިޝްކާ" އަށް އެތައް ބައެއްގެ ތައުރީފު މިހާރު އަންނަނީ އޮހެމުންނެވެ.

"ވިޝްކާ"އިން ރިޝްމީއަށް ފިލާވަޅެއް ލިބިއްޖެ
"ވިޝްކާ"އިން ރިޝްމީއަށް ފިލާވަޅެއް ލިބިއްޖެ

ހާއްސަކޮށް މި ފިލްމް ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ޕްރޮޑިއުސަރު/ބަތަލާ ރިޝްމީ ރަމީޒް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިތިލައިފަ އެވެ. ދިމާވި ހުރިހާ ހުރަސްތަކާ އެކު ވެސް ރިޝްމީ ބޭނުންވި ގޮތަށް ފިލްމް ޕްރިމިއާ ކުރެވިއްޖެ އެވެ.

"ވިޝްކާ"އިން ރިޝްމީއަށް ފިލާވަޅެއް ލިބިއްޖެ
"ވިޝްކާ"އިން ރިޝްމީއަށް ފިލާވަޅެއް ލިބިއްޖެ

"ވިޝްކާ" ވެގެން ދިޔައީ ދިވެހި ސިނަމާގައި މިހާތަނަށް އެންމެ މައްސަލަ ބޮޑުވި އެއް ފިލްމަށެވެ. އެހެންވެ "ވިޝްކާ" ގެ ޓީމުން އެ ފިލްމް ޕްރޮމޯޓް ވެސް ކުރަނީ "މޯސްޓް ކޮންޓްރަވާޝަލް މޫވީ އޮފް ދި އިޔާ" ގެ ގޮތުގަ އެވެ. ސަބަބުތައް މަދެއް ނޫނެވެ.

"ވިޝްކާ"އިން ރިޝްމީއަށް ފިލާވަޅެއް ލިބިއްޖެ
"ވިޝްކާ"އިން ރިޝްމީއަށް ފިލާވަޅެއް ލިބިއްޖެ

ރިޝްމީ ޕްރޮޑިއުސްކޮށް، ޓައިޓްލް ރޯލް ކުޅުނު "ވިޝްކާ" އެންމެ ފުރަތަމަ ސިނަމާ އަށް ގެންނަން ނިންމީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

"ވިޝްކާ"އިން ރިޝްމީއަށް ފިލާވަޅެއް ލިބިއްޖެ
"ވިޝްކާ"އިން ރިޝްމީއަށް ފިލާވަޅެއް ލިބިއްޖެ

އެކަމަކު ފިލްމުގައި އެކި ގޮތްގޮތުން ހިއްސާވާ ބައެއް މީހުން އޭރު އެހެން ބައެއް މަސައްކަތްތަކުގައި އުޅެންޖެހުމުން "ވިޝްކާ" ގެ ބައެއް މަސައްކަތްތައް ނުނިމިގެން ފިލްމް ލަސްކޮށްލީ އެވެ. ފަހުން ރިޝްމީ ސިފަކުރި ގޮތުގައި މިދިޔަ އަހަރު ފިލްމް ނޭޅުވުނީ ފަހުން ވާން ހުރި ރަނގަޅަކަށެވެ.

އޭނާ ބުނީ މި އަހަރުގެ އަންހެނުންގެ ދުވަހަކީ "ވިޝްކާ" ރިލީޒް ކުރަން އެންމެ މުނާސަބު ދުވަސް ކަމަށެވެ. ސަބަބަކީ ފިލްމްގެ މައިގަނޑު ބިނާވެފައި އޮތީ މިހާރުގެ މުޖުތަމައުގެ ތެރެއިން އަންހެނަކަށް ކުރިމަތިލާން ޖެހިފައިވާ ކަންތައްތަކެއްގެ މައްޗަށް ކަމަށްވާތީ އެވެ. މުޅި ފިލްމްގެ ވާހަކަ އަންހެނެއްގެ ވަށައިގެން އެނބުރޭތީ އެވެ.

"ވިޝްކާ" ގެ ވާހަކަ އެންމެ ފުރަތަމަ އެ ފިލްމުގެ ޓީމުން މެއި، 30، 2016 ގައި މީޑިއާތަކަށް ތިލަކުރި އިރު، ފިލްމުގެ ޝޫޓިން އޮތީ ނިންމައިފަ އެވެ. މީޑިއާތަކަށް ފިލްމުގެ ވާހަކަތައް ހިއްސާ ކުރީ ފިލްމުގެ ފުރަތަމަ ޓީޒާއާ ވެސް އެކުގަ އެވެ.

މީގެ ވާހަކަ ލިޔުނީ އަބްދުﷲ ވިޝާމްކަމާއި ސްކްރީންޕްލޭ ލިޔުނީ މަހުދީ އަހުމަދުކަމާއި ޕްރޮޑިއުސް ކުރީ ރިޝްމީކަމާއި ޑައިރެކްޓް ކުރީ ރަވީ ފާރޫގްކަން އޭރު އޮތީ އެންމެންނަށް ވެސް އެނގޭ ގޮތަށް ހާމަކޮށްފަ އެވެ.

މިދިޔަ އަހަރު ޓީޒާ ރިލީޒްކޮށް، ފަހުން ޓްރެއިލާއަކާއި ލަވައެއް ވެސް ދައްކާލައި ފިލްމް ޕްރޮމޯޓް ކުރަމުން ދިޔަ އިރު، "ވިޝްކާ" ގެ ފަހަތުގައި މައްސަލަތަކެއް ކުރިއަށް ހުރި ކަމެއް ނޭނގެ އެވެ.

އެކަމަކު މާޗް 8 ގައި ފިލްމް ރިލީޒް ކުރަން ނިންމައި ފަހުގެ ތައްޔާރީތައް ފެށުމާ އެކު ހޫނު ގަދަވި އެވެ. އެހެންވެ އެންމެ ބޮޑު ސުވާލަކަށްވީ މާޗް 8 ގައި ފިލްމް ރިލީޒް ކުރެވޭނެތޯ އެވެ؟

އޭގެ ސްކްރީންޕްލޭގެ ކްރެޑިޓަށް އަހުމަދު ޒަރީރު ވަކާލާތު ކުރުމާއި "ވިޝްކާ" ގެ މިލްކުވެރި ކަމަށް ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ދައުވާ ކުރަން ފެށުން ވެގެން ދިޔައީ "ވިޝްކާ" އަށް އިންތިޒާރު ކުރަމުން ދިޔަ އެތައް ބަޔަކަށް ލިބުނު ބޮޑު ހައިރާން ކަމަކަށެވެ. ޝޮކަކަށެވެ.

ސަބަބަކީ ކުރިން އެ މީހުންގެ ނަން އެއްވެސް ވަރަކަށް "ވިޝްކާ" އާ ގުޅިފައި އޮތްކަން ނޭނގޭތީ އެވެ.

މަހުދީ އަހުމަދާ އެކު ރައިޓިން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޒަރީރު ބުނެފައިވާ ގޮތުން "ވިޝްކާ" ގެ ސްކްރީންޕްލޭ ލިޔުނީ އޭނާ އެވެ. އޭނާ ލިޔުނު ޑައިލޮގްތައް ފިލްމްގައި އެބަ ހުއްޓެވެ. އެކަމަކު އޭނާ އަށް ކްރެޑިޓް ދީފައެއް ނެތެވެ. މަހުދީ ބުނަނީ ޒަރީރަށް ކްރެޑިޓް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އޭނާ ބުނީ ވިޝާމް ލިޔުނު ވާހަކައިގެ އައުޓްލައިން ރާވާލައި، ސްކްރިޕްޓްގެ ފުރަތަމަ ޑްރާފްޓް އެކުލަވައިލަން ޒަރީރުއާ ހަވާލުކުރީ އަގު ދޭ ގޮތަށް ކަމަށާއި އެ މަސައްކަތް އޭނާ ނިންމުމުން، އުޖޫރަ ދީފައި ވާނެ ކަމަށެވެ.

އަދި "ވިޝްކާ" ގެ ފައިނަލް ސްކްރިޕްޓް ނިންމައިލި އިރު، އޭގައި ޒަރީރުގެ ހިއްސާއެއް ނޯންނާނެ ކަމަށާއި މުޅި އެއްޗަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވާނެ ކަމަށް މަހުދީ ބުންޏެވެ.

ރިޝްމީ ބުނީ ސްކްރީންޕްލޭ ލިޔަން ހަވާލުކުރީ މަހުދީއާ ކަމަށާއި އެގްރިމަންޓް ހަދައި، ފައިސާގެ މުއާމަލާތް ވެސް ކުރީ މަހުދީއާ ކަމަށެވެ. އެހެންވެ މަހުދީގެ މަސައްކަތުގެ ތެރެއަށް އެހެން މީހަކު ވެއްދުމަކީ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ރިޝްމީއާ ބެހޭ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އެކަމަކު ފަހުން ޒަރީރު ދެއްކި ވާހަކަތަކާ ގުޅިގެން މަހުދީ އާއި ޒަރީރާ ދެމެދު އުފެދުނު މައްސަލަތައް ހައްލުކުރަން ރިޝްމީ އާއި ރަވީ މަސައްކަތް ކުރި ކަމަށް އެ މީހުން ބުންޏެވެ. އެންމެ ފަހުން ޒަރީރު ބޭނުންވި ގޮތަށް ކަންކަން ނުދިއުމުން އޭނާ ދުރުގައި މަޑުކޮށްލީ އެވެ.

އެ ހިސާބުން ދެން "ވިޝްކާ" ގެ މައްސަލަ މާ ބޮޑަށް ހޫނުވި އެވެ. އެއީ އޭގެ ވާހަކަ އާއި ސްކްރީންޕްލޭއަކީ އެ ލިޔުނު މީހުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކުން އޭނާގެ ހައްގެއް ކަމަށް ބުނެ އޭގެ މިލްކުވެރިކަމުގެ މައްސަލާގައި ކޮކޯ ހަސަން ދައުވާ ކުރުމެވެ.

މައްސަލަ ހިފައިގެން ފުރަތަމަ ދިޔައީ ފުލުހަށެވެ. އެކަމަކު މަދަނީ މައްސަލައަކަށްވާތީ ފުލުހުން މައްސަލަ ބަލައި ނުގަތުމުން ސިލްވި ކޯޓަށް ހުށަހެޅީ އެވެ. އެއީ ފިލްމުގެ މިލްކުވެރިކަން ސާބިތުކޮށް ދިނުމުގެ އިތުރަށް، އޭގެ ޕްރިމިއާ ހުއްޓުވުމުގެ އަމުރަކަށް ވެސް އެދި އެވެ

މި މައްސަލަގަނޑުގެ ތެރެއިން ރިޝްމީ އާއި ކޮކޯ ހަސަނާ ދެމެދު ވަނީ ވަރަށް ބޮޑަށް ކުނި ޖެހިފަ އެވެ. އަނެއްކޮޅުން ފިލްމް އަޅުވާ ހިސާބަށް ދިއުމުން އޭގެ މިލްކުވެރި ކަމަށް ކޮކޯ ދައުވާ ކުރަން ފެށުމުން އެތައް ބައެއްގެ ފާޑު ކިޔުންތައް އޭނާ އަށް އަމާޒުވި އެވެ. ރިޝްމީ އަށް އެތައް ބަޔަކު ހިތްވަރު ދެމުން ގެންދިޔަ އެވެ.

"އެގްރިމަންޓެއް ހަދައިގެން އޭގެ ޑޮކިއުމަންޓްތައް އަތުގައި ބަހައްޓައިގެން ނޫނީ ދެން މި ކަހަލަ އެއްވެސް މަސައްކަތެއް ނުކުރާނަން،" ކުރަން ޖެހުނު ހިތްދަތި ތަޖުރިބާއާ ބެހޭ ގޮތުން ރިޝްމީ ބުންޏެވެ. "ވަރަށް ބޮޑު ނަސީބެއް ވިޝްކާގެ ހުރިހާ މުއާމަލާތެއްގެ ހުރިހާ ޑޮކިއުމަންޓެއް، ފިލްމް މިހާ ކޮންޓްރަވާޝަލް އިޝޫއަކަށްވެގެން ދިޔަ އިރު އަހަރެންގެ އަތުގައި ހުރިކަން. މީގައި އަސްލު ނީންނާނެ ރިޝްމީ އެއްވެސް ކަމެއް ގަވައިދާ ހިލާފަށްކޮށްފައެއް."

އޭނާގެ އާއިލީ ފިލްމް ކުންފުނި ޔާރާ އިން މީގެ ކުރިން ވެސް ފިލްމް ހެދިޔަސް "ވިޝްކާ" އަކީ ރިޝްމީ އަށް ޕްރޮޑިއުސަރުގެ ފުލް ކްރެޑިޓް ލިބޭ ފުރަތަމަ ފިލްމެވެ. އެ ފިލްމަކީ އޭނާ "ވިއްސައި ބޮޑުކޮށް، ބެލުންތެރިންނާ ހަމައަށް ގެނެސް ދިން" އެއްޗެކެވެ.

"ވިޝްކާ" ހަދަން ނިންމި ސަބަބަކީ ވަރުގަދަ އަންހެން ކެރެކްޓާއެއް، ސްކްރީނުން ދައްކައިލަން ރިޝްމީ ބޭނުންވުމެވެ. ވިޝާމް ވާހަކަ ލިޔުނީ ރިޝްމީ ބޭނުންވި ގޮތަށް ސެންޓްރަލް އަންހެން ކެރެކްޓާއަކާ އެކުގަ އެވެ.

"އަސްލު އެއްވެސް މީހަކާ، އެއްވެސް ބަޔަކާ ޗެލެންޖް ކުރާކަށް ފެށި މަސައްކަތެއް ނޫން ވިޝްކާއަކީ. ރަނގަޅު ފިލްމެއް ރިޝްމީ ހަދަން ބޭނުންވެގެން ކުރި މަސައްކަތެއް. ރާއްޖޭގެ ފިލްމީ ދާއިރާއަކީ ވަރަށް ކުޑަކުޑަ، ވަރަށް މަދު ބަޔަކު ތިބި ދާއިރާއެއް،" އޭނާ ބުންޏެވެ. "އަހަރެން ހިތަށް އަރަނީ ކީއްވެގެންބާއޭ މި ދާއިރާގައި އެއް ބަޔަކު އަނެއް ބަޔަކަށް ސަޕޯޓް ދީގެން މަސައްކަތް ނުކުރެވެންވީ. އެގޮތަށް މަސައްކަތް ކުރާ ނަމަ، ގައިމު ވެސް ކޮލިޓީ އުފެއްދުންތަކެއް ދިވެހި ސިނަމާއިން ފެންނާނެ."

އެހެން ނަމަވެސް "ވިޝްކާ" އާ އެކު ރިޝްމީ އަށް ކުރަން ޖެހުނީ މުޅިން އެހެން ކަހަލަ ތަޖުރިބާއެކެވެ.

"އަސްލު ވަރަށް ދެރަވި މީތި މިހާ ބޮޑަށް ކޮންޓްރަވާޝަލްވެގެން ދިޔައިމަ،" ވިޝްކާގެ ކޯޓް ކޭހާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "މިހާރު ކަންތައްތައް ދިޔަ ގޮތުން ދެން ވަރަށް އުނދަގޫ ވާނެ މީސްމީހުންނަށް އިތުބާރު ކުރަން ވެސް. އެއީ ކިތަންމެ ގާތް މީހަކަށް ވިޔަސް."

ކޮކޯ ހަސަނަކީ ޔާރާގެ އާއިލާ މެންބަރެއް ކަހަލަ މީހެކެވެ. އެ މީހުންގެ ވަރަށް ގިނަ އުފެއްދުންތަކުގައި އޭނާގެ ހިއްސާ ބޮޑެވެ. ހާއްސަކޮށް ކެމެރާ ކުރުމުގަ އެވެ. އެކަމަކު ކޮކޯ ހަސަންގެ ފަރާތުން އައި މައްސަލަތަކާ ގުޅިގެން، މިހާރު މި ވަނީ އެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

"ހަސަންބަގެ ފަރާތުން އަސްލު އުންމީދު ވެސް ނުކުރާ ކަހަލަ ކަމަކާ މި ކުރިމަތިލާން ޖެހުނީ،" ރިޝްމީ ބުންޏެވެ.

ރިޝްމީ ބުނީ ޒަރީރާ އޮތް ގުޅުމަށް "ވިޝްކާ" ސަބަބުން އެއްވެސް ބުރުލެއް ނާރާ ކަމަށެވެ. އަދި އޭނާ ހުރީ ޒަރީރާ އެއްކޮށް މަސައްކަތް ކުރަން ތައްޔާރަށެވެ

"މިކަމަކާ ހެދިއެއް އިރާދަކުރިއްވިއްޔާ އަހަރެމެންގެ ގުޅުމަކަށް އެއްވެސް އަސަރެއްކޮށްފައެއް ނެތް. ޒަރީރު މިހާރު ވެސް ލިޔަމުން އެބަ ގެންދޭ ރިޝްމީމެންގެ ފިލްމަކަށް ސްކްރިންޕްލޭއެއް،" އޭނާ ބުންޏެވެ.

ރިޝްމީ ބުނީ "ވިޝްކާ" މާޗް 8 ގައި ޕްރިމިއާ ކުރެވުނީ އޭނާގެ ފަހަތުގައި ތިބި އެތައް ބައެއްގެ އެހީތެރިކަމާއި ހިތްވަރާ އެކުގައި ކަމަށެވެ. އެހެންވެ ހުރިހާ ފަރާތްތަކަށް އޭނާގެ ހާއްސަ ޝުކުރެއް އެބަ އޮތެވެ. ހާއްސަކޮށް އާއިލާ އާއި "ވިޝްކާ" ގެ ޓީމާއި ގާތް ރައްޓެހިން ހިމެނެ އެވެ.

"އަންހެނަކަށް މި ވަރުގެ ޕްރޮޖެކްޓެއް ހެންޑްލް ކުރުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން. އަސްލު މީތި ބޭނުންވި ގޮތަށް މި ހެދުނީ ރިޝްމީ ޓޮލެރޭޓްކޮށްގެން މަސައްކަތް ކުރި އެތައް ބަޔަކު ކަށިން ނެރުނު ހިތްވަރުން،" އޭނާ ބުންޏެވެ.

ރިޝްމީ ބުނީ "ވިޝްކާ" އަކީ އޭނާ ފަހުރުވެރިވާ، މުޅި ޔާރާ އާއިލާ ވެސް ފަހުރުވެރި ވާނެ މަސައްކަތެއް ކަމަށެވެ.

"ބޮޑެތި ޗެލެންޖްތަކާ އެކު ވެސް ބޭނުންވި ގޮތަށް، ވިޝްކާ ޕްރިމިއާކޮށް، ބެލުންތެރިންނާ ހަމައަށް ފިލްމް ގެނެސް ދެވުނީތީ ވަރަށް ފަހުރުވެރިވަން. މިއީ އަސްލު ވަރަށް ބޮޑު ކާމިޔާބީއެއް،" އޭނާ ބުންޏެވެ. "މީގެން ދަސްވި ފިލާވަޅާ އެކު ދެން ކުރިއަށް ދާނީ."

"ވިޝްކާ" އާ އެކު ރިޝްމީ އަށް ދިމާވި ކަންތައްތަކަކީ ފިލްމް ދާއިރާގެ އެހެން މީހުންނަށް ވެސް އޮތް ފިލާވަޅަކަށް ވާނެ އެވެ.