07 ޖެނުއަރީ 2025 - 11:43

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގދ. ހޯނޑެއްދޫގައި ގާއިމްކުރި ފެނާއި ނަރުދަމާ ނިޒާމު މިއަދު އިފްތިތާހުކޮށްފި އެވެ.
ދެކުނުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ދެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެގްޒިމް ބޭންކުގެ ލޯނުގައި 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރަން ކުރީގެ ސަރުކާރުން ވަނީ ޓްރެވެނީ އިންޖީނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑާ ހަވާލުކޮށްފަ އެވެ.
އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ވަނީ ނިންމައިފަ އެވެ.
ހޯނޑެއްދޫގައި ނަރުދަމާގެ ފަސް ޕަމްޕު ސްޓޭޝަން ގާއިމްކުރުމާއި ސީ އައުޓް ފޯލް އެޅުމާއި މުޅި ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގަ އެޅުމާއި ދުވާލަކު 75 ޓަނުގެ ފެން އުފެއްދޭ ވަރުގެ ދެ އާރުއޯ ޕްލާންޓު ބަހައްޓާފައިވެ އެވެ.
އޭގެ އިތުރުން ފެން ރައްކާކުރުމަށް ދެ ޓޭންކު ބަހައްޓައި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅާފައިވެ އެވެ.
ހޯނޑެއްދޫގައި އޭޓީއެމް އެއް ބަހައްޓަން ވެސް މި ރަށު ކައުންސިލާއި ބީއެމްއެލްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.