09 މާޗް 2017 - 12:25

މޮސްކޯ، ރަޝިއާ (މާޗް 9) - ޔޫރޮޕާ ލީގުގެ ތިން ވަނަ ބުރުގެ މެޗު މިރޭ ކުޅޭ ރަޝިއާގެ އެފްސީ ރޮސްޓޯވް ދަނޑުގެ ހާލަތާ މެދު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުު ހޯސޭ މޮރީނިއޯ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރޮސްޓޯވްގެ ދަނޑު އޮލިމްޕިކް އަކީ 1930 ހެދި ދަނޑެކެވެ. ޖުމްލަ 15،000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްގައި ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ތިން މެޗެއް ކުޅެފަ އެވެ. ޗެމްޕިއަންސް ލީގުގައި ރޮސްޓޯވްއާ ދެކޮޅަށް ކުޅުނު ޓީމުތަކުން ވެސް ވަނީ އެ ދަނޑުގައި ކުޅެން އުނދަގޫކަަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި އެތުލެޓިކޯ މެޑްރިޑާއި ބަޔާން މިއުނިކް ހިމެނެ އެވެ.
ފިނި މޫސުމުގައި މެޗުތައް ކުޅުމަށް ފަހު ރޮސްޓޯވް ދަނޑުގެ ވިނަގަނޑު މި ވަގުތު އޮތީ ހަަލާކުވެފަ އެވެ. މޮރީނިއޯ ބުނީ ރޮސްޓޯވް ދަނޑު އޮތީ މެޗެއް ކުޅެވޭނެ ހާލަތުގައެއް ނޫން ކަމަށެވެ.
"އަހަންނަށް ގަބޫލުކުރަން ވެސް ދަތި އަހަރެމެން މި އުޅެނީ އެ ދަނޑުގައޭ މި މެޗު ކުޅެން. އެކަމަކު މުބާރާތް އިންތިޒާމްކުރާ ފަރާތްތަކަށް ދަނޑުގައި ކުޅެން މައްސަލައެއް ނެތް ނަމަ އަހަރެމެން ވެސް ޝަކުވާއެއް ނުކުރާނަން. އެކަމަކު ހަގީގަތަކީ މިއީ،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ ރޮސްޓޯވް އަކީ މި ފަހަރު ޗެމްޕިއަންސް ލީގުގައި ވެސް ކުޅުނު ޓީމަކަށް ވުމުން މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށެވެ.
"ރޮސްޓޯވް ވަނީ އަމިއްލަ ދަނޑުގައި ބަޔާން ބަލިކޮށްފައި. ޗެމްޕިއަންސް ލީގުގައި އެ ޓީމުން ވަރަށް ރަނގަޅަށް ކުޅުނު. އެ ހުރިހާ ކަމަކަށް ވިސްނާއިރު މެޗު ފަސޭހަ ކޮށްލައިފިއްޔާ އަހަރެމެންނަށް ލިބޭނެ ގެއްލުން ބޮޑު،" މޮރީނިއޯ ބުންޏެވެ.
މިރޭގެ މެޗުގައި އަނިޔާ އާއި ސަސްޕެންޝަންގެ ސަބަބުން ވޭން ރޫނީ އާއި އެރިކް ބެއިލީ އަދި ލޫކް ޝޯ ނުކުޅޭނެ އެވެ. އެހެން ނަމަވެސް ފާއިތުވި މެޗުތައް އަނިޔާގެ ސަބަބުން ގެއްލުނު ހެންރިކް މިކިތާރްޔަން އަށް މި މެޗުގައި ކުޅެވޭނެ ކަމަށް ޔުނައިޓެޑުން ވަނީ ބުނެފަ އެވެ.
ރަޝިއާ ލީގުގެ ފަސް ވަނައިގައި މި ވަގުތު އޮތް ރޮސްޓޯވް އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.
ރޮސްޓޯވް ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.