ފޮޓޯ އާއި ސޮއި ވެސް ދިމައެއްނުވޭ، އެކަމަކު އީސީން އެޕްރޫވް!
ފޮޓޯ އާއި ސޮއި ވެސް ދިމައެއްނުވޭ، އެކަމަކު އީސީން އެޕްރޫވް!

ކުރީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ތޯރިގް (މަނަދޫ ތޯރިގް) ގެ ނަމުގައި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފައި ވަނީ އެހެން މީހެއްގެ ފޮޓޯ ޖަހައިގެންކަން ހާމަވެއްޖެ އެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި 2005 ވަަނަ އަހަރުން ފެށިގެން ހުންނެވި އަދި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުކަން ކުރައްވާ ތޯރިގު ވަނީ ޕީއެންސީގެ ދަފްތަރަށް ބަދަލުކޮށްފަ އެވެ.

ފެށުނީންސުރެ ވެސް އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނަވާ ތޯރިގް ކުރެއްވި ޓުވީޓެއްގައި، އީސީއަށް ހުށަހަޅާފައިވާ ފޯމާއި އައިޑީކާޑުގެ ތަފްސީލް ވަނީ އާންމުކުރައްވައިފަ އެވެ. އެ ފޯމުގައި އެހެން މީހެއްގެ ފޮޓޯ ޖަހާފައިވާ އިރު މަންމަގެ އެޑްރެސްގެ ގޮތުގައި ޖަހާފައި އޮތީ ތޯރިގުގެ މާލެ ދަފްތަރު ނަމްބަރެވެ.

އޭގެ އިތުރުން ސޮއި ވެސް އައިޑީ ކާޑުގައި އޮތް ސޮޔާ އެއްވެސް ގޮތަކަށް ދިމާނުވާކަން ފޯމުން އެނގެން އޮވެ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ އޭނާ އެ މައްސަލާގައި ފުލުހަށް ކުރިން ސިޓީއެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އީސީން ފޯމު ހޯދުމަށް ފަހު އެ ފޯމާ އެކީ އެ މައްސަލަ އަނެއްކާވެސް ހުށަހަޅާފައިވާ ކަމަށް ތޯރިގު ވިދާޅުވި އެވެ.

"އަޅުގަނޑު މި ހުރީ މިކަން ދޫކުރާ ގޮތަކަށް ނޫން. މި މައްސަލައިގައި ކޯޓަށް ދެވެން އޮތް ނަމަ އެކަން ވެސް ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ ޕީއެންސީއަށް ވެއްދިއިރު އޭނާއަށް ނޭނގި އޮތީ ފޯމުގައި އެހެން މީހެއްގެ ފޯނު ނަންބަރު ޖަހާފައި އޮތުމުން ކަމަށެވެ. އަދި އެމްޑީޕީން ވަކިކޮށްފިކަން އެނގުނީ އީސީން ޕާޓީއަށް އެކަން އެންގުމުން ކަމަށް ވިދާޅުވި އެވެ.

އެ މައްސަލާގައި "މިހާރު"ން އީސީ އާ ސުވާލު ކުރުމުން އެ ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ތޯރިގު ހުށަހެޅުއްވި މައްސަލައިގައި ގޮތެއް ނިންމާނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށެވެ.

"ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އެ މައްސަލަ ތަހުގީގުކޮށް ނިމުމުން އަޅުގަނޑުމެން ގޮތެއް ނިންމާނަން،" އޭނާ ވިދާޅުވި އެވެ.

ޕީއެންސީން މި ފަހުން 50،000 އަށް ވުރެ ގިނަ މެންބަރުން އެ ޕާޓީއަށް ހަމަކޮށްފައި ވާއިރު އެހެން ޕާޓީތަކުގެ މެންބަރުން އެ ޕާޓީއަށް ވައްދާފައިވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ނަމަވެސް ޕީއެންސީން އެ ތުހުމަތުތައް ދޮގުކޮށް ބުނެފައިވަނީ ޕާޓީން ހުށަހަޅަނީ ސައްހަ ފޯމުތައް އެކަނި ކަމަށެވެ.