އަތޮޅު ޗެމްޕިއަން ދިއްދު އާއި ނައިވާދޫ ފެށީ ގަދަކޮށް
އަތޮޅު ޗެމްޕިއަން ދިއްދު އާއި ނައިވާދޫ ފެށީ ގަދަކޮށް

މިދިޔަ އަހަރުގެ ހއ. އަތޮޅު ޗެމްޕިއަން ދިއްދޫ އާއި ހދ. އަތޮޅު ޗެމްޕިއަން ނައިވާދޫ މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބު ކޮށްފި އެވެ.

އަތޮޅު ޗެމްޕިއަން ދިއްދު އާއި ނައިވާދޫ ފެށީ ގަދަކޮށް
އަތޮޅު ޗެމްޕިއަން ދިއްދު އާއި ނައިވާދޫ ފެށީ ގަދަކޮށް

ހއ. އަތޮޅު ގުރޫޕް ބީގެ ފުރަތަމަ މެޗުގައި ދިއްދޫން ވަނީ 2-0 އިން މުރައިދޫ ބަލިކޮށްފަ އެވެ. ދިއްދޫގެ ގޯލުތައް ޖަހައިދިނީ ހުސެއިން ޝިފާހު އާއި އަހްޒަމް ރަޝީދެވެ.

މި ގުރޫޕްގެ ދެ ވަނަ މެޗުގައި ވަށަފަރުން ވަނީ މިދިޔަ އަހަރުގެ އަތޮޅު ރަނަރަޕް އުތީމާ ވާދަކޮށް 2-2 އިން އެއްވަރު ކޮށްފަ އެވެ. ވަށަފަރުގެ އިބްރާހިމް ސަނޫން މެޗުގެ ކުރީކޮޅު ލީޑު ގާފައި ވަނިކޮށް އަހުމަދު އައިހަމް (ފަތޯ) ގެ ދެ ގޯލުން އުތީމުން މެޗުގެ ކޮންޓްރޯލް ނެގި އެވެ. ނަމަވެސް ފަހު މިނިޓުގައި ވަށަފަރުން ޕޮއިންޓެއް ހޯދީ އިބްރާހިމް އަތީގު ހަސަން ކާމިޔާބު ކުރި ގޯލުންނެވެ.

ގުރޫޕް އޭގެ ފުރަތަމަ މެޗުގައި ބާރަށުން ވަނީ 4-2 އިން ހޯރަފުށީ ބަލިކޮށްފަ އެވެ. ހޯރަފުށީގެ ދެ ގޯލު ވެސް ޖަހައިދިނީ މުހައްމަދު ރައްޔާން ބިން އަބްދުﷲ އާމިރެވެ. ބާރަށުގެ މުހައްމަދު މާއިޒް ޔޫސުފް ދެ ގޯލު ޖެހި އިރު އަނެއް ދެ ލަނޑު ޖެހީ އަހުމަދު ޝަޒީމް އާއި ހަސަން ސޮލާހެވެ. ގުރޫޕްގެ ދެވަނަ މެޗުގައި ކެލާ ވަނީ 2-0 އިން މާރަންދޫ ބަލިކޮށްފަ އެވެ.

ހދ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫ ހިމެނެނީ އެ އަތޮޅުުގެ ގުރޫޕް ބީގަ އެވެ. ރޭ އެޓީމުން ވަނީ ވައިކަރަދޫއާ ވާދަކޮށް 4-0 އިން މޮޅުވެފަ އެވެ. އަބްދުﷲ ވިސާމް މި މެޗުގައި ތިން ގޯލު ޖަހައި ހެޓްރިކް ފުރިހަމަ ކުރި އިރު، އިސްމާއިލް ވަހީދު ވެސް ވަނީ ގޯލު ޖަހައިފަ އެވެ.

މި ގުރޫޕްގައި ހިމެނޭ ނެއްލައިދޫ އާއި ކުމުންދޫ ބައްދަލުކުރި ފޯރިގަދަ މެޗު 4-3 އިން ކާމިޔާބު ކުރީ ނެއްލައިދޫ އެވެ. ކުމުންދޫގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ސާވިން އާއި މުހައްމަދު ފާރިސް އަދި އަލީ ހަސަން އެވެ. ނެއްލައިދޫގެ ގޯލުތައް ޖަހައިދިނީ މުޝްރިފް މުހައްމަދާއި ފަހުމާން އަބްދުލް ހަމީދު އަދި އަހުމަދު ޝަރީފް އެވެ. މުޝްރިފް ވަނީ ދެ ގޯލު ޖަހައިފަ އެވެ.

ގުރޫޕް އޭގައި ހިމެނޭ މަކުނުދޫ ވަނީ 3-2 އިން ނޮޅިވަރަނަފަރު ބަލިކޮށްފަ އެވެ. މަކުނުދޫގެ ތިން ގޯލު ވެސް ޖަހައިދިނީ ނުހާދު ފައުޒީ އެވެ. ނޮޅިވަރަންފަރުގެ ގޯލުތައް ޖަހައިދިނީ އަކްރަމް އަބްދުއްރަޝީދާއި އިބްރާހިމް ވަހީދު ހަސަން އެވެ. މި ގުރޫޕްގެ ނޭކުރެންދޫ އާއި ހިމަންދޫ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބު ކުރީ ނޭކުރެންދޫ އެވެ. އެޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ މުހައްމަދު ވިލްފް އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް ކަޕުގައި މިރޭ ކުޅުމަށް ހަމަޖެހިފައި ވަނީ ށ. އަތޮލާއި ތ. އަތޮޅުގެ މެޗުތަކެވެ.