13 ޖޫން 2016 - 19:49

ރަސްފަންނުގައި ހަދާފައިވާ މޫދަށް މިއަދު ހަވީރު ބަޔަކު ކަޅުތެޔޮ އަޅައިފި އެވެ.

މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިއަދު އިރުއޮއްސެން ވަރަށް ގާތްވެފައި ހުއްޓާ ބަޔަކު ގޮސް ކަޅުތެޔޮ އަޅާފައި ވަނީ ރަސްފަންނު މަޖީދީމަގުގެ ކޮޅުން މޫދާ ދިމާއަށެވެ. އެހެން ނަމަވެސް، އެނގިފައިވާ ގޮތުގައި އެ ތެޔޮތައް ފެތުރިގެން ދިއުމުގެ ކުރިން އެތާނގެ މުވައްޒަފުން ވަނީ ސާފުކޮށްފަ އެވެ. އެހެން ނަމަވެސް ތެޔޮތައް އަޅާލި ހިސާބުގެ މޫދު އަދިވެސް އޮތީ ކަޅުވެފަ އެވެ.
މަންޒަރު ދުށް މީހަކު ބުނީ "ބަޔަކު ޓައްޕެއްގައި އެއްޗެހިތަކެއް އަޅާލީ" ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގެ އޭގައި ހުރީ ތެލެއް ކަމެއް އެހެން އެއްޗެއް ކަމެއް. އެކަމަކު މިހެން މިހެން ގޮސް މޫދަށް ޓައްޕެއްގައި ހުރި އެއްޗެހިތަކެއް އަޅާލި،" އޭނާ ބުންޏެވެ.
މި މައްސަލައިގައި މިރޭ ހައުސިން މިނިސްޓަރު ވަނީ ނޫސްވެރިންނަށް މައުލޫމާތު ދޭ ގޮތަށް ވެސް ހަމަޖައްސައިފަ އެވެ.