ސްޓޯކާ އެއްވަރުވެ ސިޓީ އަށް ފުރުސަތު ގެއްލިއްޖެ
ސްޓޯކާ އެއްވަރުވެ ސިޓީ އަށް ފުރުސަތު ގެއްލިއްޖެ

މެންޗެސްޓާ (މާޗް 9) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލަނޑެއް ނުޖެހި ސްޓޯކް ސިޓީއާ 0-0 އިން އެއްވަރުވެ ލީގުގެ ދެ ވަނަ އަށް އަރަން ލިބުނު ފުރުސަތު މެންޗެސްޓާ ސިޓީން ގެއްލުވާލައިފި އެވެ.

ރޭގެ މެޗުން ތިން ޕޮއިންޓް ނުލިބުމުން ސިޓީން މި ސީޒަނުގައި ލީގަށް ކުރަމުން އައި އުއްމީދުތަކަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. އެއީ ރޭގެ މެޗުން ސިޓީ މޮޅުވިނަމަ ޗެލްސީގެ ލީޑު އަށް ޕޮއިންޓަށް ކުޑަވާނެތީ އެވެ.

ލީގުގެ އެއް ވަނައިގައި ޗެލްސީ އޮތީ 27 މެޗުން 66 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އާއި ތިން ވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ 27 މެޗުން 56 ޕޮއިންޓެވެ. ޓޮޓެންހަމަށް ކުރިލިބެނީ ފައިދާ ލަނޑުންނެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް އެ ޓީމަށް ވަނީ ލިބިފަ އެވެ. މިގޮތުން ޑޭވިޑް ސިލްވާ، ސާޖިއޯ އަގުއޭރޯ، ކެވިން ޑިބްރޭނާ އަދި ކެލެޗީ އިހެނާޗޯ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

ސިޓީގެ ހަމަލާތައް ދިފާއުކުރުމުގައި ސްޓޯކް ކީޕަރު ލީ ގްރާންޓް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ރޭގެ މެޗުގައި ސިޓީގެ އެޓޭކްތައް ހުއްޓުވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ސްޓޯކްގެ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރަޔާން ޝޯކްރޮސް އެވެ. ލަނޑު ޖަހަން ސްޓޯކަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ ސައިޑޯ ބެރަހީނޯ އަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ އަށް ގޯލަކަށް ހަދައެއް ނުލެވުނެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ލީގުގައި ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"މި ގެއްލުނީ ކުރިއަށް ޖެހިލަން ލިބުނު ރަނގަޅު ފުރުސަތެއް. ކަންބޮޑުވާން ޖެހޭ ވެސް ކަމެއް. ދެން އޮތް ގޮތަކީ މެޗަކަށް ފަހު މެޗެއް ކަމަށް ވިސްނައިގެން ކުރިއަށް ދިއުން. ޗެލްސީއާ ހަމަކުރުމަކީ ފަސޭހަކަމެއް ނޫން ކަން ކުރިން ވެސް އެނގޭ،" ގާޑިއޯލާ ބުންޏެވެ.

ސިޓީ ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހު އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ނުކުންނާނީ މިޑްލްސްބަރާއާ ދެކޮޅަށެވެ.