09 މާޗް 2017 - 10:33

ތެލް އަވީވް (މާޗް 9) - ބަންޑީގެ އަޑު މަޑު ކުރަން އިޒްރޭލުން ފާސްކުރަން އުޅޭ ޚިޔާލު ތަފާތުވުން ބޮޑު ބިލުގެ ފުރަތަމަ ކިޔުމުގައި ޕާލަމެންޓުން ރުހުން ލިބުމާ އެކު އަރަބި އިޒްރޭލް މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

"މުދިމުންގެ ބިލް" ގެ ގޮތުގައި އިޒްރޭލުގެ މީޑިއާ އިން ސިފަކުރާ މި ބިލުގެ ފުރަތަމަ ކިޔުން ފާސްވީ ވަރަށް ހަނި އަޣުލަބިއްޔަތަކުންނެވެ. ބަހުސްގެ މަރުހަލާގައި ބައެއް އަރަބި މެންބަރުން ވަނީ ބިލް ވީދާ އުކާލައިފަ އެވެ. މި ބިލް ގާނޫނަކަށްވުމުގެ ކުރިން އަދި އިތުރު ކިޔުންތައް އިއްވާނެ އެވެ.

މި ބިލުގެ އެއް މާއްދާއެއްގައިވާ ގޮތުން އަޅުކަންކުރާ އެއްވެސް ތަނެއްގައި ރޭގަނޑު 11 އާއި ހެނދުނު 7 އާ ދެމެދު އަޑުގަދަ ކުރާ ބޭނުމެއް ނުކުރެވޭނެ އެވެ. އަނެއް މާއްދާއެއްގައިވާ ގޮތުން އުނދަގޫވާ ކަމަށް ބެލެވެންޏާ ދުވާލުގެ އެއްވެސް ގަޑިއެއްގައި ވެސް އަޑުގަދަކުރާ ބޭނުމެއް ނުކުރެވޭނެ އެވެ.
ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓުން ނޮވެމްބަރު މަހު ފާސްކުރި މި ބިލަށް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. ނަތަންޔާހޫ އޭރު ވިދާޅުވެފައި ވަނީ އަޅުކަންކުރާ ތަންތަނުގެ އަޑުގަދަވުމުން އިޒްރޭލުގެ ހުރިހާ ދިމާއަކުން ވެސް ޝަކުވާ ލިބޭ ކަމަށެވެ.
މި ބިލް ސްޕޮންސާ ކުރި ޔަހޫދީ ހޯމް ޕާޓީގެ މޮއްޓީ ޔޮގޭފް އިއްޔެ ވިދާޅުވީ މިއީ އަރާމުކުރާ ގަޑީގައި ހަމަޖެހިލައިގެން ތިބުމަށް ބާރު އަޅާ އިޖްތިމާއީ ބިލެއް ކަމަށެވެ. އަދި އެކަމުގައި ޔަހޫދީނެއް އަރަބިންނެއް ތަފާތު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބިލް ހުށަހެޅި ހޯމް ޕާޓީން ބުނެފައި ވަނީ މިފަދަ ބިލެއް ހުށަހަޅާފައި ވަނީ އިޒްރޭލުގައި ދިރިއުޅޭ މުސްލިމް ނޫން މީހުންނަށް ކޮންމެ ދުވަހަކުވާ އުނދަގުލުން ސަލާމަތް ކުރުމަށް ކަމަށެވެ.
ބަންގީގެ އަޑު މަޑުކުރަން އިޒްރޭލުން ފާސްކުރަން އުޅޭ ބިލުގައި ވަކި ދީނެއްގެ ނަން ލިޔެފައި ނެތް ނަމަވެސް ތަޖްރިބާކަރުން ބުނަނީ މިއީ މުސްލިމުންނަށް އަމާޒުކޮށް ފާސްކުރަން އުޅޭ ބިލެއް ކަމަށެވެ.
"ބަންގީގެ އަޑަކީ މުޖްތަމައަށް އިއްވާ އުނދަގުލުގެ އަޑެއް ނޫން. އެއީ އިސްލާމީ މުހިންމު މެސެޖެއް. ޔަހޫދީންގެ ދީނަށް އުނދަގުވާ ކަމެއް މި ތަނުގައި އަޅުގަނޑުމެން ނުކުރަން. މިހާރު ތިޔަ ކުރަން އުޅެނީ ނަސްލީ ވަރަށް ބޮޑު ތަފާތު ކުރުމެއް. ތިޔަ ކުރަން އުޅެނީ ކޮންމެ މުސްލިމެއްގެ ހިތާއި ފުރާނައާ ގުޅިފައިވާ ކަމެއް،" ޕާލަމެންޓުގެ ބަހުސްގައި އަރަބިން ހިމެނޭ ޖޮއިންޓް އެލަޔަންސްގެ އަހުމަދު ތީބީ ވިދާޅުވި އެވެ.
ޖޮއިންޓް ލިސްޓުގެ ލީޑަރު އަހުމަދު އޮދާ ވަނީ ބިލު ވީދާލުމުން ޕާލަމެންޓުން ނެރެފަ އެވެ.
އަރަބި އިޒްރޭލް މީހުންނަކީ އިޒްރޭލުގައި ދިރިއުޅޭ ފަލަސްތީނު ދަރިކޮޅު މީހުންނެވެ. އެއީ 1948 ވަނަ އަހަރު އިޒްރޭލް އުފެއްދި އިރު އެ ތަނުގައި ތިބި އަރަބިންނެވެ. އެ މީހުންގެ ތެރޭން 80 ޕަސެންޓަކީ މުސްލިމުންނެވެ. އިޒްރޭލުގެ އަށް މިލިއަން މީހުންގެ އާބާދީގައި އަރަބި އިޒްރޭލް މީހުންގެ ނިސްބަތަކީ 17.5 ޕަސެންޓެވެ.
މި ބިލް ފާސްކޮށްފި ނަމަ މިސްކިތްތަކުގައި އަޑު ގަދަކުރާ ބޭނުންކޮށްގެން ފަސް ވަގުތު ބަންގި ގޮވުން ހުއްޓުމަކަށް އަންނާނެ އެވެ. އޭގެ ތެރޭގައި ފަލަސްތީނު މީހުން ގިނަ އަދަދަކަށް ދިރިއުޅޭ އިރުމަތީ ގުދުސްގެ މިސްކިތްތައް ވެސް ހިމެނެ އެވެ. ނަމަވެސް މި ބިލުން އަގްސާ މިސްކިތް އިސްތިސްނާވެ އެވެ.
އިޒްރޭލުގެ ރައީސް ރެއުވެން ރިވްލިން ވެސް ވަނީ މި ބިލަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވައިފަ އެވެ. އިޒްރޭލުގެ ޒަޔޮނިސްޓް ޔޫނިއަން ޕާޓީގެ ލީޑަރު އަދި ކުރީގެ ފޮރިން މިނިސްޓަރު ޒިޕީ ލިވްނީ ވިދާޅުވީ "ފަޚުރުވެރި އިޒްރޭލް މީހުން" މި ބިލަށް ދެކޮޅު ހަދަން ޖެހޭ ކަމަށާއި މި ބިލުގެ ސަބަބުން މުސްލިމުންނާއި ޔަހުދީންނާ ދެމެދު ރުޅިވެރިކަމާއި ނަފުރަތު އުފެދޭނެ ކަމަށެވެ.