03 ޖެނުއަރީ 2025 - 13:27

ރާއްޖެ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރަ އާއި ވައިގަދަވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ބައެއް ފްލައިޓްތައް ޖައްސަން އުނދަގޫވެ، ކޮންމެވެސް ވަރެއްގެ ޑިލޭތަކެއް އުޅޭ ކަމަށް އެމްއޭސީއެލް އިން ދެންމެ ބުނެފި އެވެ.

އެ ކުންފުނީގެ އިސްވެރިއަކު "މިހާރު" އަށް ވިދާޅުވީ، މިއަދު މިއީ ވީއައިއޭ އަށް ވަރަށް ބާރު ބޮޑު ދުވަހަކަށް ވެފައިވާއިރު، ހެނދުނު އައި ގަދަ ކޮޅިގަނޑެއްގެ ސަބަބުން ބައެއް ފްލައިޓްތައް ނުޖެއްސި އިރުކޮޅެއް ވި ކަމަށެވެ.
"އެއް ފްލައިޓް ޓްރިވެންޑްރަމަށް ޖެއްސީ. ކޮޅިގަނޑާ އެކު ވިޒިބިލިޓީ ދަށްވެގެން ނުޖެއްސި ދިޔައީ،" އޭނާ ވިދާޅުވި އެވެ.
މޫސުމާ ބެހޭ އިދާރާ އިން މިވަގުތު ވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދުގެ ހެނދުނު 11 އިން މެންދުރުފަހު 3 އާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. މެޓުން ލަފާކުރާ ގޮތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކުރެ އެވެ.
މެޓުން ކުރިން ވެސް ބުނެފައިވާ ގޮތުގައި ރާއްޖެ އަށް މޫސުން ރަނގަޅު ވާނީ އާދިއްތަ ދުވަހުން ފެށިފެންނެވެ.
އިރުވައި މޫސުމުގެ ހަޅަ ޖަހަން ފަށާފައިވާ އިރު، އެއީ އިރުމަތީ ފަރާތުން ގަދަޔަށް ވައި ޖެހުމެވެ. ނަކަތް ބުނާ ގޮތުން ހަޅަ ލައްވާލާނީ މިދިޔަ އަހަރުގެ ޑިސެމްބަރު 23 އިން ފެށިގެން މި ޖެނުއަރީ 18އާ ހަމައަށެވެ. އެއީ ހަޅައަށް ހާއްސަކޮށް ނަން ދީފައިވާ އިރުވައި މޫސުމުގެ ފުރަހަޅަ އާއި އުތުރުހަޅައިގެ ދުވަސްތަކުގަ އެވެ.
މިދިޔަ ޑިސެމްބަރު 23 އިން ފެށިގެން ކުރިއަށް މިދަނީ އިރުވައި މޫސުމުގެ ދެވަނަ ނަކަތް ކަމަށްވާ ފުރަހަޅަ ނަކަތުގެ ދުވަސްތަކެވެ. މި ދުވަސްވަރު އިރު އުތުރުން ބާރަށް ވައިޖެހި، ކަނޑުތައް ގަދަވެ އެވެ. ފުރަހަޅަ ނިމޭނީ އަންނަ އާދިއްތަ ދުވަހު އެވެ.
މި ސްކޫލް ޗުއްޓީއާ ދިމާކޮށް ޑިސެމްބަރު މަހު އުމްރާއަށް ދިޔަ ގިނަ ބަޔަކު މިއަދު އެނބުރި އަންނާތީ، އެއާޕޯޓުގެ ޓްރެފިކް ފްލޯ އަށް ބާރުބޮޑުވާނެ ކަމަށް ލަފާކޮށް ސަމާލުވާން އެމްއޭސީއެލުން އިއްޔެ އެދިފައި ވެ އެވެ. އެ ކުންފުނީގެ އިރުޝާދަކީ ވީއައިއޭއިން ދަތުރުކުރާ މީހުން ފްލައިޓް ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމެވެ.
މިއަދުގެ ހެނދުނުގެ ގަޑިތަކަށް ފަހު ވީއައިއޭ އަށް ދެން އެންމެ ބާރު ބޮޑު ވާނީ އެމްއޭސީއެލުން އިއްޔެ ބުނެފައިވާ ގޮތުން ނަމަ މެންދުރު 2:00 އިން ހަވީރު 4:00 އަށެވެ. އެ ވަގުތުގެ ތެރޭގައި 2،071 މީހުން ރާއްޖެ އެތެރެވާނެ ކަމަށާއި 1،091 ފުރާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. އެ ގަޑީގައި ރާއްޖެ އަންނަ މީހުންގެ ތެރެއިން 452 މީހުންނަކީ އުމްރާގެ އަޅުކަމުން އަންނަ މީހުންނެވެ.
ބާރުބޮޑު ވަގުތުތަކުގައި ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ވެސް ފަސިންޖަރުން އަރުވައި ބޭލުމުގަޔާއި އެއާޕޯޓު ވަށައިގެންވާ ސަރަޙައްދުގައި ޓްރެފިކް ފްލޯ ދެމެހެއްޓުމަށް އެއްބާރުލުން ދިނުމަށް އެމްއޭސީއެލުން އެދިފައިވެ އެވެ.