02 ޖެނުއަރީ 2025 - 20:16

ހަމަލާ ނުދޭ ސަރަހައްދެއްގެ ގޮތުގައި އިޒްރޭލުން ކަނޑައަޅާފައިވާ ތަނަކަށް އިޒްރޭލުން ހަމަލާތަކެއްދީ ހަމާސްގެ ފުލުހުންގެ ވެރިޔާ މަހްމޫދު ސަލާހް އަވަހާރަކޮށްލައިފި އެވެ.
އިޒްރޭލުން ވަނީ ރޭ ހަމަލާތަކެއް ދިން ކަމަށާއި އެއީ ފުލުހުންގެ ޑެޕިއުޓީ ޗީފް ހުސާމް ޝަހްވަން އަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށް ބުނެފަ އެވެ. އޭނާއަށް ހަމަލާ ދިނީ އިޒްރޭލު ސިފައިންނާ ދެކޮޅަށް ހަމަލާތައް ރޭވުމުގައި އޭނާގެ ބައިވެރިވުން އޮތުމުން ކަމަށް ވެސް އިޒްރޭލުން ބުންޏެވެ.
މަހްމޫދު އާއި ޝަހްވަންގެ އިތުރުން މި ހަމަލާގައި އިތުރު 11 މީހަކު ޝަހީދުވި ކަމަށް ފަލަސްތީންގެ ސިވިލް ޑިފެންސް އެޖެންސީން ބުންޏެވެ.
"ޣައްޒާގެ ދެކުނުގައި އޮންނަ ހާން ޔުނިސް ސިޓީގެ ހުޅަނގުން އޮންނަ އަލް-މަވާސީ ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓަކަށް (އިޒްރޭލުގެ) އިސްތިއުމާރުން ވައިގެ މަގުން ދިން ހަމަލާގައި 11 މީހަކު ޝަހީދުވި އިރު އޭގެ ތެރޭގައި ކުޑަ ތިން ތިން ކުދިންނާއި ދެ އަންހެނުން ހިމެނޭ އަދި 15 މީހުން ޒަހަމްވި،" ސިވިލް ޑިފެންސްގެ ބަޔާނުގައިވެ އެވެ.
އެ އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބަސަލް ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ އިސް ދެ އޮފިސަރަކު ވެސް ހިމެނޭ ކަމަށެވެ.