02 ޖެނުއަރީ 2025 - 07:25

ގަތަރުގެ އަލްޖަޒީރާ ނެޓްވޯކުން ހަމަނުޖެހުންތަކަށް ހިތްވަރުދޭ ކޮންޓެންޓް ގެނެސްދޭ ކަމަށް ބުނެ ކަމަށް ފަލަސްތީނުގެ ސަރަހައްދުތަކުގައި ބްރޯޑްކާސްޓްކުރުން ހުއްޓާލަން ފަލަސްތީން ސަރުކާރުން އަންގައިފި އެވެ.
"ސަގާފަތާއި ދާހިލީ އަދި މުއާސަލާތީ ވުޒާރާތައް ހިމެނޭ ހާއްސަ މިނިސްޓީރިއަލް ކޮމިޓީން ވަނީ [އަލް ޖަޒީރާގެ] ބްރޯޑްކާސްޓްކުރުން މެދުކަނޑާލައި، އަލްޖަޒީރާ ސެޓެލައިޓް ޗެނަލާއި ފަލަސްތީނުގައި އެ ކުންފުނީގެ އޮފީހުގެ ހުރިހާ ހަރަކާތެއް ފްރީޒް ކުރަން ނިންމާފައި،" ރަސްމީ ވަފާ ނިއުސް އެޖެންސީން ބުންޏެވެ.
މީގެ އިތުރުން އަލް ޖަޒީރާ އިން ފަލަސްތީނުގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފްވެފައިވާ ކަމަށާއި އެހެންވެ އެތަނުގެ ނޫސްވެރިންނާއި މުވައްޒަފުންނާއި ކްރޫ މެންބަރުންގެ ގާނޫނީ ހައިސިއްޔަތާ މެދު އޮތް ސުވާލު ހައްލުކުރެވެންދެން އެ އެންމެން މަސައްކަތްކުރުން ވެސް ވަނީ ވަގުތީ ގޮތުން މަނާވާނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
"މިގޮތަށް ނިންމީ ދޮގު މައުލޫމާތު ފެތުރުމާއި ހަމަނުޖެހުމަށް ހިތްވަރުދިނުމާއި ގައުމިއްޔަތާއި ފަލަސްތީނުގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވުން ފަދަ ކަންކަމަށް ހިތްވަރުދޭ ކޮންޓެންޓާއި ރިޕޯޓްތައް އަލްޖަޒީރާއިން ބްރޯޑްކާސްޓްކުރާތީ،" އެ ބަޔާނުގައި ވެ އެވެ.
އޭއެފްޕީން ވާހަކަ ދެއްކި އަލް ޖަޒީރާގެ ބައެއް ނޫސްވެރިން ވަނީ ރާމަﷲ ގައި ހުން ނަ އަލް ޖަޒީރާގެ އޮފީސް ބަންދުކުރުމުގެ ނޯޓިސް އައިސްފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
އޭގެ ފަހުން ބުދަ ދުވަހު އެ ޗެނަލުން ވަނީ ރާމަﷲ ގައި ހުންނަ ނެޓްވޯކްގެ އޮފީހަށް ފަލަސްތީނުގެ ސެކިއުރިޓީ އޮފިސަރުން ވަދެ ސަސްޕެންޝަން އަމުރުތައް ހަވާލުކުރާ މަންޒަރު ފެންނަ ވީޑިއޯ ދައްކައިފަ އެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތާ ވާދަވެރި ފަތަހް ޖަމާއަތުން އެކުލަވާލާފައި އޮންނަ ސަރުކާރުގެ މި ނިންމުން ހަމާސް އިން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ހަމާސް ގުޅިގެން އުޅޭ އިސްލާމިކް ޖިހާދުން ވަނީ އެ ނިންމުން ކުށްވެރިކޮށް ވަނީ ބަޔާން ނެރެފަ އެވެ.
އަލް ޖަޒީރާ ނެޓްވޯކާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ފަތަހްއާ ދެމެދު ނުތަނަވަސްކަން އުފެދިފައި މިވަނީ ޖެނިންގައި ފަލަސްތީނުގެ ސަލާމަތީ ބާރުތަކާއި ހަނގުރާމަވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތައް އެ ޗެނަލުން ގެނެސްދޭން ގޮތާ ހެދި އެވެ. އަލް ޖަޒީރާއިން ވަނީ އެ ކުރުމަތިލުންތަކުގައި ހިމެނޭ އެންމެންގެ ބަސް ވެސް ގެނެސްދޭނެ ކަމަށް ބުނެ ސީދާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ވާހަކަ ވެސް ބްރޯޑްކާސްޓްކޮށްފަ އެވެ.
ފަލަސްތީނުގެ ބިންތައް ހިފައި ލާއިންސާނީ އަމަލުތައް ހިންގަމުންދާ އިޒްރޭލުން ވެސް ވަނީ އަލް ޖަޒީރާ މަނާކޮށްފަ އެވެ. އަދި އެތައް ފަހަރަކު ވަނީ އެ ނެޓްވޯކްގެ އޮފީސްތަކާއި ނޫސްވެރިންނަށް ހަމަލާ ދީފަ އެވެ. އިޒްރޭލުން އެތައް ނޫސްވެރިންނެއް މަރާފައި ވާއިރު އޭގެ ތެރޭގައި އަލް ޖަޒީރާގެ މީހުން ވެސް ހިމެނެ އެވެ.