13 ޖޫން 2016 - 15:01

ދޯހާ (ޖޫން 13) - ރޭޕްކުރި ކަމަށް ބުނެ ގަތަރު ފުލުހުންނަށް ރިޕޯޓް ކުރި ހޮލެންޑުގެ އަންހެން މީހާ ކުށްވެރިވާ ކަމަށް ނިންމާ އޭނާ އަށް ސަސްޕެންޑުގެ ހުކުމެއް ގަތަރުގެ ކޯޓަކުން މިއަދު އިއްވައިފި އެވެ.
އުމުރުން 22 އަހަރުގެ އަންހެން މީހާ ވަނީ 824 ޑޮލަރުން ޖޫރިމަނާކޮށް އޭނާ ޑިޕޯޓްކޮށްލަން ވެސް ކޯޓުން ނިންމައިފަ އެވެ.
އަންހެން މީހާގެ ވަކީލް ބުނީ އޭނާ އަށް މާޗު މަހު ދޯހާގެ ހޮޓަލަކުން މަސްތުވާ ބާވަތެއް އަޅާފައިވާ ބުއިމެއް ދީފައިވާ ކަމަށާއި އޭނާ ހޭއެރި އިރު އޮތީ އެހެން ފްލެޓަކަށް ގެންގޮސްފައި ކަމަށެވެ. އަދި އެ ފްލެޓުގައި އެ އަންހެން މީހާ ރޭޕްކޮށްފައިވާ ކަމަށެވެ.
އަންހެން މީހާ ރޭޕްކުރި މީހާ ވެސް ވަނީ މިއަދު ކޯޓަށް ހާޒިރުކޮށްފަ އެވެ. ކޯޓުގައި އޭނާ ބުނީ އަންހެން މީހާއާ ގުޅުން ހިންގާފައި ވަނީ އޭނާގެ ވެސް ރުހުމުގައި ކަމަށެވެ. އެކަމަކު ފިރިހެން މީހާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވުމުން 100 އެތި ފަހަރުން އަދި ރާބުއިމުގެ ކުށް ސާބިތުވުމުން 40 އެތި ފަހަރުން ހައްދު ޖަހަން ވަނީ ހުކުމްކޮށްފަ އެވެ.
މާޗު މަހު އަންހެން މީހާ ހައްޔަރުކުރި ފަހުން އޭނާ ހުރީ ބަންދުގަ އެވެ. އޭނާގެ މައްސަލައާ މެދުގެ ގަތަރުން ގޮތެއް ނިންމީ އެ އަންހެން މީހާގެ އާއިލާ އިން އެ ވާހަކަތައް ހޮލެންޑުގެ މީޑިއާ އަށް ކިޔައިދޭން ނިންމުމުންނެވެ.