01 ޖެނުއަރީ 2025 - 19:01

ބަނގުރާ ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ފުލުހުން ރޭ ހައްޔަރުކުރި ބައެއްގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން ކޯޓަށް މިއަދު ހާޒިރު ކުރުމުން އެ އެންމެން ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އާ އަހަރު ފެށުމާ ދިމާކޮށް، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ސ. ހުޅުދޫ ޗާންދަނީގޭ އަހުމަދު އާނިޝް އާއި އެ ރަށު ހެޕީޑްރީމް، އިބްރާހިމް އަކްމަލް އަބްދުއްސައްތާރާއި ގ. ރެއިންބޯ އިސްމާއިލް މާހީން މުސްތަފާ އެވެ.
އެ ތިން މީހުން ކޯޓުން ދޫކޮށްލީ ޝަރުތުތުތަކާ އެކު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެ ތިން މީހުން ހައްޔަރުކުރީ، ބަނގުރާ ގެންގުޅެ، އެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގަ އެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ކޮންމެ ފަހަރަކު އާ އަހަރު ފެށުން ފާހަގަކުރުމާ ގުޅުވައިގެން ފުލުހުން ހާއްސަ އޮޕަރޭޝަންތަކެއް ހިންގަ އެވެ.