01 ޖެނުއަރީ 2025 - 12:57

މިއަހަރު ރާއްޖެއަށް އައި ފުރަތަމަ ޓޫރިސްޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަހަރުގެ ފުރަތަމަ ޓޫރިސްޓަށްވީ ލުއިސް ކިޔާ މީހެއް ކަމަށެވެ.
އޭނާއާ އެކު އަންހެނުންނާއި ދަރިފުޅާ ވެސް ވަނީ ރާއްޖެއަށް އައިސްފަ އެވެ. މި އާއިލާއިން 11 ފަހަރަށް ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ ކަމަށް ވެލާނާ އެއާޕޯޓުން ބުނެ އެވެ.
ސްޕެއިން އަށް ނިސްބަތްވާ މި އާއިލާ އިން ރާއްޖެއަށް އެތައް ފަހަރަކު ޒިޔާރާތްކޮށްފައިވާއިރު އެ މީހުންގެ ހިތުގައި ރާއްޖެއަށް އުފެދިފައި ވަނީ ހާއްސަ ގުޅުމެކެވެ. ރާއްޖޭގެ ގޮނޑުދޮށާއި މީހުންނަށް އޮތް ލޯތްބާ އެކު އެމީހުންނަށް ރާއްޖެއަކީ އާއިލާއެއް ކަހަލަ ތަނެކެވެ.
ރާއްޖެއަކީ އެ މީހުންގެ ދެވަނަ ގެއަށް ހެދުމުން އެއާޕޯޓުން ވަނީ އެ އާއިލާއަށް ޝުކުރު އަދާކޮށްފަ އެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މީހުންގެ ރަނގަޅުކަމުން ރާއްޖެއަށް ޒިޔާރާތްކުރާ ގިނަ އަދަދެއްގެ ޓޫރިސްޓުން ތަކުރާރުކޮށް ވެސް ރާއްޖެއަށް އާދެ އެވެ.
އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ޓޫރިސްޓުން މިއަހަރު ވެސް ރާއްޖެއަށް ދަނީ އަންނަމުންނެވެ. އޭގެ ސަބަބުން ވެލާނާ އެއާޕޯޓަށް ވެސް ވަނީ ވަރަށް ބޮޑަށް ބާރު ބޮޑުވެފަ އެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް ދެ މިލިއަނަށް ވުރެ ޓޫރިސްޓުން އަ އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި ވެސް މިހާ ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.
އެ ތާރީޚީގެ ކާމިޔާބުގެ މަތީގައި، މި ފެށުނު އަހަރުގެ ތެރޭގައި އެ އަދަދު 15 ޕަސަންޓަށް އިތުރު ކުރަން ސަރުކާރުން ވަނީ އަމާޒު ހިފައި، މަސައްކަތް ފަށައިފަ އެވެ.