01 ޖެނުއަރީ 2025 - 06:46

(އާދިއްތަ ދުވަހާ ގުޅޭ)
އެއްރޭ އަހަރެން ޓީވީ ބަލަން އިނދެފައި ކޮޓަރިއަށް ވަން އިރު ދޮންތަ ހުރީ އިރަމްގެ އެނދު ކައިރީގައި، އެނދާ ދިމާއަށް ގުދުވެގެންނެވެ. އޭނަ ހުރީ އަހަންނަށް ފުރަގަސްދީގެންނެވެ. އެހެނަސް އެއީ ދޮންތަކަން އަހަންނަށް ކަށަވަރެވެ.
"ދޮންތާ!" އާދައިގެ މަތިން އަހަރެން ގޮވައިލީމެވެ.
ގުދުވެގެން އޮތް ދޮންތަ ހިންދެމިލިއެވެ. އަހަންނާ ދިމާއަށް މަޑުމަޑުން އެނބުރިލިއެވެ. ވާހަކައެއް ނުދައްކައެވެ. އެ ވަގުތު ދަރިފުޅުގެ އަޑު އަހަންނަށް އިވުނެވެ.
"އަހަނ! އިރަމް ހޭލީ ދޯ؟" އަހަރެން ބުނެލީމެވެ.
ދޮންތަ އެއްޗެއް ނުބުނެއެވެ. އެއީ އާންމު ކަމެކެވެ. ކޮންމެހެން އެއްޗެއް ބުނަން ޖެހިގެން ނޫނީ ދޮންތަ ވާހަކައެއް ނުދައްކާނެ އެވެ. އަހަރެން ވަނީ ފޯނު ބަލައެވެ. އެކަމަކު، ދަރިފުޅު ހޭލައި އޮތުމުން އެނދާ ކައިރިވެލީމެވެ.
"އިރަމް ޑޮކްޓަރަށް ދައްކަންވީނު؟" ދޮންތަ ބުންޏެވެ.
"އެއީ ކީއްވެ؟" އަހަރެން އެހީމެވެ.
"މިހާރު އިރަމްގެ ކަނދުރާ ހަރުލަންޖެހޭނެ،" އިރަމް ނަގަމުން ދޮންތަ ބުންޏެވެ. "ތިން މަސްވީމަ، ދޭތެރެދޭތެރެއިން ބޯ ހިއްލާލާ، އެނބުރި ހަދާނެ. ހަ މަސް ވީމަ ހަމަ ރަނގަޅަށް ކަނދުރާ ހަރުލައްވާނެ. އިރަމްއަށް މިހާރު ހަ މަސް ވެއްޖެ! އެކަމަކު އަދިވެސް އެ އުޅެނީ، ތިން މަހު ކުއްޖަކު ކަނދުރާ ހަރުލައްވާާ ވަރަށް ވެސް ހަރުނުލެއްވިގެން. ކޮންމެވެސް މައްސަލައެއް އެބަ އުޅޭ! ބަލަ އުހުނ! އުނަގަނޑުގަ ވެސް އެހާ ވަރެއް ނެތް."
ދޮންތަ އެހެން ބުނީމައި އަހަންނަށް ވެސް އެ ކަން ގަބޫލު ކުރެވުނެވެ. ގިނަ ވަގުތު އިރަމް އޮންނަނީ އޮށޯވެގެންނެވެ. ބޯ ހިއްލަން އުޅެއެވެ. ކަނދުރާ ހަރުލެއްވެނީ ދެތިން ސިކުންތަށެވެ. ކުއްލިއަކަށް ކަނދުރާ އިން ވާގިދެއެވެ. އަހަންނަށް އެ މަންޒަރު ފެނިފެނި އެއީ މައްސަލައެއްހެން ހީނުވަނީއެވެ.
ނާދިޔާ ވެސް ދެން އެ ވާހަކަ ދައްކަން ފެށިއެވެ. އެ ކަމާ ބެހޭ ގޮތުން އަހަންނާ މަޝްވަރާ ކުރަން ވެސް ނާދިޔާ ހިތަށް އަރާފައި، އަދި އެ ކަން ނުވެ އޮތީއެވެ. ހެނދުނު ޑަކުޓަރަށް ދައްކަން ނިންމައިފައި، އެ ވަގުތު ވެސް ނެޓުން މައުލޫމާތު އެއްކުރީމެވެ. ދޮންތަ ބުނީ ރަނގަޅަށެވެ. އިރަމްގެ ކަނދުރާ ހަރުލާން ޖެހޭނެއެވެ. މާ ބޮޑަށް ލަސްވެއްޖެއެވެ.
ޖެހިގެން އައި ދުވަހު، ހެނދުނުހެނދުނާ ޑަކުޓަރަށް ދެއްކީމެވެ. މައްސަލައެއް ނުފެނުނެވެ. ޑަކުޓަރު ބުނި ގޮތުގައި، ބައެއް ކުދީންގެ ހަށިގަނޑު ހެދިބޮޑުވާލެއް ލަސްވެއެވެ. އެއީ ކަންބޮޑުވާންވީ ކަމެއް ނޫނެވެ. އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ ޑަކުޓަރުންނަށް އެނގޭ ވަރަކަށް އަހަރުމެންނަކަށް ނޭނގޭނެއެވެ. ކުޑަކުދީންގެ މޮޅު ޑަކުޓަރަކު އެހެން ބުނުމުން ޖެހޭނީ އެ ކަން ގަބޫލު ކުރާށެވެ. ނާދިޔާ ހިތްހަމައެއް ނުޖެހުނެވެ. އެހެން ޑަކުޓަރަކަށް ދެއްކީމެވެ. އޭނަ ވެސް ބުނީ ކުރީ ޑަކުޓަރު ބުނިހެންނެވެ. ދަރިފުޅުގެ އެއްވެސް މައްސަލައެއް ނެތެވެ.
ހޮސްޕިޓަލުން ނުކުންނަނިކޮށް އަހަންނަށް ފޯނެއް އައެވެ. ވާހަކަ ދެއްކި މީހާގެ ޖިންސެއް އެ މީހާގެ އަޑަކުން ނޭނގެއެވެ. ބައެއް ފަހަރު އަންހެނެއްހެން، އަނެއްބައި ފަހަރު ފިރިހެނެއްހެން ވެސް ހީވެއެވެ.
"ތި އުޅޭ ގެއަކީ ވަރަށް ނާމާން ގެއެއް،" އިނގިރޭސިން އޭނަ ބުންޏެވެ. "ޖިންނި އަވަލަވާފަ ހުރި ގެއެއް."
"ކިހިނެއް އަހަރެންގެ ނަންބަރު ލިބުނީ،" އަހަރެން އެހީމެވެ. "ކާކު ތީ؟"
"ހެޔޮއެދޭ މީހެއް،" އޭނަ ބުންޏެވެ. "ކުޑަކުދިން ކަތިލާފަ ހުރި ގެއެއްގަ، އަމުދުން ކުޑަކުއްޖަކު ގޮަވައިގެން ކިހިނެއް އުޅޭނީ؟ ތި ކުއްޖާއަށް ހިނގުނަސް ރަނގަޅު. ކީއްކުރަން ހޮސްޕިޓަލްގަ ތި އުޅެނީ؟"
އަހަރެން ވަށައިގެން ހޯދީމެވެ. އެތައް ބަޔަކު ކަންފަތުގައި ފޯނު ޖައްސައިގެން ތިއްބެވެ. ބައެއް މީހުން ބަލައިލާ ވެސް މެއެވެ. އިރުކޮޅަކުން އެ ފޯނުކެނޑުނެވެ. ސިހުރުހާހޫރައަކީ އަހަރެން ގަބޫލުކުރާ އެއްޗެއް ނޫނެވެ. އަހަންނާއި ނާދިޔާ ވެސް އިތުބާރު ކުރަނީ ޑަކުޓަރުންނަށެވެ. ޑަކުޓަރުން ބުނާނެ އެއްޗެއް ނެތެވެ. އެހެނަސް ދަރިފުޅުގެ ކަނދުރާ އާއި އުނަގަނޑު ރަނގަޅަކަށް ހަރެއް ނުލައެވެ.
"އެބަ ޖެހޭ މި މައްސަލަ ހައްލުވާން." ނާދިޔާ ބުންޏެވެ.
ގެއަށް އައިސް އަހަރުމެން މަޝްވަރާ ކުރީމެވެ. އޭރު ދޮންތަމެން ވެސް ފުރައިފިއެވެ. އަހަރުމެން ނޫން ބަޔަކު ގެއަކު ނެތެވެ.
"ޑޮކްޓަރު އެ ބުނަނީ މައްސަލައެއް ނެތޭ!" އަހަރެން ބުނީމެވެ. "ދެ މީހުންނަށް ދެއްކިއްޖެ! ހިނގާ އަދި ދުވަސްކޮޅަކު ބަލައިލަމާ!"
އިތުރު މަހެއް ހޭދަވިއެވެ. އިރަމްގެ ޝަކުވާއެއް ނެތެވެ. ނުވެސް ރޮއެވެ. ނުވެސް ތެދުވެއެވެ. ކަނދުރާ ހަރުލައްވަން އޭނަ ވަރަށް މަސައްކަތް ކުރެއެވެ. ކާމިޔާބެއް ނުވެއެވެ. އަހަރުމެން ނިންމީ ދެވަނަ މަގު ތަޖުރިބާ ކޮށްލާށެވެ. ގަބޫލު ކުރާތީއެއް ނޫނެވެ. ބުނާ އެއްޗެއް ބަލައިލާށެވެ. އަހަރުމެން ތިބި ހިސާބުގެ ގޮތުން، އެއްޗެއް އޮޅުންފިލުވައިލާނެ މީހަކާ ވެސް ދިމައެއް ނުވެއެވެ. ނެޓަށް ވަނީމެވެ. އެކިއެކި ސައިޓުތައް ފެނެއެވެ. މީހަކު އަތުވާ ގޮތެއް ނުވިއެވެ.
ޑުރައިވަރާ ނުގުޅައި، އަމިއްލަ އަށް ކާރެއް ހޯދައިގެން މީހުން ގިނަ ހިސާބަކަށް ދިޔައީމެވެ. އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވީ ބަހެވެ. އެ މީހުންގެ އިނގިރޭސި ބަހުން އަހަންނަށް އޮޅުންފިލަނީ މަދު އެއްޗެކެވެ. ކުޑަމިނުން އަހަރެންގެ މަގުސަދު އޮޅުންފިލާ ވަރުގެ މީހަކާ ވެސް ދިމައެއް ނުވިއެވެ. ކޮންމެ މީހަކަށް ވެސް ހީވަނީ އަހަރެން ރުއްގަލު ބޭސްވެރިއެއް ހޯދަނީހެންނެވެ. ނާކާމިޔާބު ވެގެން ގެއަށް އައި މަގުމަތީގައި، ގޭދޮށު ކުޑަ ފިހާރަގަނޑުގައި އިންނަ ސޭޓާ ވައްތަރު މީހަކާ ދިމާވިއެވެ. އޭނަކަން ކަށަވަރެއް ނޫނެވެ. ހިތަށް އެރިއެވެ. ވާހަކަ ދައްކައިލަން ވެއްޖެއެވެ.
"މިހިރަ އަންނަ މީހާ ކައިރިއަށް މަޑުކޮށްލަބަލަ!" ޑުރައިވަރު ކައިރީގައި އަހަރެން ބުނީމެވެ.
އޭނަ މަޑުކުރިއެވެ. އަހަރެން ބިރުކަނޑައިލާފައި، ލަދުކަނޑައިލާފައި ވާހަކަ ދައްކަން ފެށީމެވެ.
"ހަލޯ!" އަހަރެން ބުނީމެވެ. "ހަވް އާ ޔޫ؟"
އޭނަ އެނބުރުނެވެ. އޭނައަށް އަހަރެން އެނގުނެވެ. ވަރަށް ހިނި އައިސްފައި އަހަންނާ ސަލާން ވެސް ކުރިއެވެ. އަހަރެން ޓެކުސީގެ ދޮރު ހުޅުވައިލީމެވެ. އިށީންނަން ދައުވަތު ދިނީމެވެ. އޭނަ ވަގުތުން އިށީނެވެ. އަހަރުމެން މަޑުކުރީ ލުއިކާނާ ވިއްކާ ކަހަލަ ގާޑިޔަލެއް ކައިރިއަށެވެ. ކާރުން ފައިބައި، ކާރު ދޫކޮށްލީމެވެ. ގާޑިޔަލުން އޭނަ ބޭނުންވާ އެއްޗެއް އޭނައަށް ދީފައި، އަހަރެން ގަތީ، ކޮށާފައިވާ ދޮންއަނބު ޕެކެޓެކެވެ. އެ ހިފައިގެން ގޮސް އަށްޓެއް ކަހަލަ ތަނެއްގައި އިށީނީމެވެ. އޭނަގެ އާންމު ނަމަކީ ބޫންޗުއެވެ. ބޫންޗު ފެށީ ގޭގެ ވާހަކައެވެ. އެ ވާހަކަތައް އަޑުއަހާކަށް އަހަރެން އެހައި ޝައުގުވެރިކަމެއް ނެތެވެ. އެހެނަސް، ޝައުގުވެރިވާ ކަމަށް ހެދުނީމެވެ. އަހަރެންގެ އެދުމެއް އޮތީމައެވެ. ބޫންޗުގެ ވާހަކަ ނިމޭކަށް ނޫޅުނެވެ. މޫތައް ދިގުވެ، ގޮފިތައް ކަފިވަމުން ދިޔައެވެ.
"މާ ގިނަ ދުވަހަކު ދެން ނުތިބޭނަން،" އަހަރެން ބުނީމެވެ. "އެހެންވެ އަލުން ތަނަކަށް ބަދަލު ނުވާން މި އުޅެނީ. ބޭނުންވަނީ ފަންޑިތަވެރިޔަކަށް ދަރިފުޅު ދައްކާލާފަ ބުނާ އެއްޗެއް ބަލާލަން. ޑޮކްޓަރަށް ދައްކައިފިން. ބުނެފި މައްސަލައެއް ނެތޭ ވެސް."
"ޑޮކްޓަރުންނަކަށް ނޭނގޭނެ. ތަވިސިން އަށް ދައްކާ!" އޭނަ ބުންޏެވެ. "ތި ކަމަށް އެންމެ މޮޅުވާނީ ތަވީ."
އެ ނަން ތަވީދާ ވެސް ވަރަށް ވައްތަރެވެ. އަހަރެން ހިތަށް އެރީ އެހެންނެވެ.
"ރޫހާނީ ކަންކަމަށް ތަވީ އަށް ވުރެ މޮޅު މީހެއް މި ހިސާބުގަނޑަކު ނުހުންނާނެ،" އޭނަ ބުންޏެވެ. "ފިހާރައަށް ގޮސް އަހަރެން އެޑްރެސް ލިޔެފަ ދޭނަން. އޭރުން ކަލެއަށް ފަސޭހަވާނީ. ތަވީއާ ބައްދަލުކުރަން ވަރަށް ގިނަ މީހުން ދާނެ. މައްސަލައަކީ ގަޑި. ފަތިހު ހަތަރަކާ ފަހަކާ ދޭތެރޭގަ ދާން ޖެހޭނީ. ތަވީ ގެންގުޅޭނެ ޖިންނިއެއް ވެސް. ކުރާ މަސައްކަތަކަށް އޭނަ އަގެއް ނުނަގާނެ. ކަލެއަށް ފެންނަ އެއްޗެއް ދިނީމަ ނިމުނީ. ދަރިފުޅު ގޮވައިގެން ދާން ޖެހޭނީ."
ފަތިހުގެ އެ ގަޑިއަކީ ވަރަށް އުނދަގޫ ގަޑިއެކެވެ. އަނެއްކޮޅުން، ގޭގެ ކާރު ގެންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. ޑުރައިވަރަށް އެނގުމަކީ ޑަމްރޮން އަށް ވެސް އެނގުމެވެ. އެ ކަމުގައި ވެސް ބޫންޗު އެހީވެދިނެވެ.
"ދަތުރަށް ނަގާނެ ގަޑިއެއްހާ އިރު. ފަތިހު ތިނެއް ޖަހާ އިރު ކާރު ބާއްވާނަން ގޭދޮށުގަ،" ބޫންޗު ބުންޏެވެ.
"ނިމުނީނު. ދާންވީ ތަން އޭނައަށް އެނގޭނެ."
ލިބުނު ކާމިޔާބާ އެކު އަހަރެން ގެއަށް އައީމެވެ. ފިހާރައިގެ ސޭޓާއި، ޑުރައިވަރާއި، ފަންޑިތަވެރިޔާއަކީ ވެސް އަހަރުމެން ދަންނަ މީހުންނެއް ނޫނެވެ. ތިން މީހުން އެކުގައި ގޮސްގެން ލަނޑެއް ލިބިއްޖެއްޔާ، އެ ކަން ދެނަހުރި މީހަކު ވެސް ނުހުންނާނެއެވެ. އަހަރުމެންގެ ކަންބޮޑުވުމަކީ އެއީއެވެ. ދިޔުން ކެންސަލު ކުރަން ހިތަށް އެރިއެވެ. އެހެން މީހަކު ހޯދަން ވެސް ވާހަކަ ދެކެވުނެވެ. ކޮންމެ މީހަކު ހޯދިޔަސް އެ މީހާ ވާނީ އަހަރުމެން ނުދަންނަ މީހަކަށެވެ. ކަން އޮތީ އެހެންނެވެ. އަހަރުމެން ނިންމީ މާލެއިން ރައްޓެއްސަކަށް ގުޅާށެވެ. ވާނުވާ ކިޔައިދެމުން ދާށެވެ. އޭރުން ވެސް، ފަހު ވަގުތު އޭނައަށް ކޮށްދެވޭނެ ކަމެއް ނޯންނާނެއެވެ. އެހެނަސް، ވީ ގޮތް އެނގޭނެއެވެ.
މަޝްވަރާ ކޮށްފައި އަހަރުމެން ނިދި އިރު ވެސް، ހިތަކަށް މާ ބޮޑު ހަމަޖެހުމެއް ނުލިބެއެވެ. ކަމުގެ ބާވަތުންނެވެ. އެކަމަކު ފޯނު ސޯނާ ކުރީމެވެ. އަހަންނަކީ، ހިތް ނުތަނަވަސްވެގެން ނިދުމުން ހާސްވާ ހުވަފެން ފެންނަ މީހެކެވެ. އެ ރޭ ފެނުނީ މުޅީން ވެސް އެ ކަހަލަ ހުވަފެނެވެ. ކަނޑުވަނިކޮށެވެ. ދިރިހުއްޓައި ވަޅުލެވިފައި ވަނިކޮށެެވެ. ބޯ ދުންތަކެއްގެ ތެރެއިން ނުނިކުމެވިގެން އުޅެނިިކޮށެވެ. ދަންވަރު ދަރިފުޅު ނިކަން ބާރަށް ހޭއަޑަށް ވެސް، ދެ ފަހަރަކު ހޭލެވުނެވެ. ދެން ހޭލެވުނީ ފޯނު ސޯނާވާ އަޑަށެވެ. ނާދިޔާ އޮތީ ނިދައި މަރުވެފައެވެ. އަހަރެން ޖެހުނީ އޭނައަށް ގޮވާށެވެ.
"ތީ ރަނގަޅު މީހެއް،" އަހަރެން ބުނީމެވެ. "ޖެހުނު ގޮތަށް ތަންޑާ!"
"އަހަންނަކީ ބޭކާރު ކަންތަކާ ވިސްނާ މީހެއް ނޫނެއްނު!" ނިދިއަޑަކުން ނާދިޔާ ބުންޏެވެ. "އަވަހަށް ފްރެންޑަށް ގުޅާ! އިރުކޮޅަކުން ކާރު އަންނާނެ."
"ހަމަ ދާންވީތަ؟" އަހަރެން ފަހު ފަހަރަށް އެހީމެވެ.
"ތިހެން މި ހިތަށްއަރަނީ،" ނާދިޔާ ބުންޏެވެ. "ދެން ހިތަށް އަރަނީ އަހަރުމެން ގަބޫލު ނުކުރިޔަސް ހާދަ ބަޔަކު ފަންޑިތަ ގަބޫލުކުރެޔޭ! ހިނގާބަލަ ބުނާ އެއްޗެއް ބަލާލަމާ! މި އުޅެނީ ތަވީދެއް އަޅުވާކަށް ނޫނެއްނު!"
ނިދިފައިވާ އިރަމް ގޮވައިގެން އަހަރުމެން ނުކުތް އިރު ކާރު އޮތެވެ. އެއީ ޓެކުސީއެއް ނޫނެވެ. ކާރަށް އެރުމާ އެކު ދަތުރު ފެށިއެވެ. މާލޭގައި ހުރި އެކުވެރިޔާއަށް އަހަރެން ލޮކޭޝަން ފޮނުވީމެވެ. އަހަރުމެން ދަތުރުކުރާ މަގު އެކުވެރިޔާއަށް ފެންނަ ގޮތް ހެދީމެވެ. ޑުރައިވަރަކަށް އިނީ ކަޅު ގަމީހެއްގެ ވެރި ވަރުގަދަ، ބަސްމަދު މީހެކެވެ. ކާރުތެރެއިން ދުވަނީ، ގަނދަކޯޅިން ދުވާ ކަހަލަ ވަހެކެވެ. (ނުނިމޭ)