30 ޑިސެމްބަރ 2024 - 07:07

ނަތަންޔާހޫގެ ޕްރޮސްޓޭޓް ނަގަން ކުރި އޮޕަރޭޝަނަށް ފަހު ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް މީގެ 14 މަސް ކުރިން ދޭން ފެށި ހަމަލާތަކުގެ ތެރޭގައި އަދިވެސް އޮއްވައި މިފަހަރު ނަތަންޔާހޫ ކުރި މިއީ ދެ ވަނަ އޮޕަރޭޝަނެވެ.
"މިހާރު ހޭއަރައިފި އަދި ހާލު ރަނގަޅު. މިހާރު ވަނީ ރިކަވަރީ ޔުނިޓަކަށް ބަދަލުކޮށްފައި. އޮބްޒަވޭޝަންގައި އަދި ދުވަސްކޮޅަކު ބާއްވާނެ،" ހަދަސާ މެޑިކަލް ސެންޓަރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ނަތަންޔާހޫގެ އޮފީހުން ބުނީ ޕްރޮސްޓޭޓް ނަގަން ޖެހުނީ ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން ހެދޭތީ ބެލި އިރު އެއީ ޕްރޮސްޓޭޓް ދުޅަވުމުގެ ސަބަބުން ދިމާވާ ކަމެއްކަން އެނގުމާ އެކު ކަމަށެވެ.
ނަތަންޔާހޫ ވަނީ މިދިޔަ މާޗް މަހު ހާނިއާ ސާޖަރީއެއް ވެސް ހަދައިފަ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ ޕޭސްމޭކާއެއް ލެއްވުމުގެ ޕްރޮސީޖާއެއް ވެސް ހަދައިފަ އެވެ.