08 މާޗް 2017 - 20:18

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު ރާއްޖެއިން ބޭރަށް ފުރަން އުޅުނު އެމަނިކުފާނުގެ ސެކިއުރިޓީން ފުރުން މަނާ ކުރުމުގެ ސަބަބުން މައުމޫން ދަތުރުފުޅު ކުރެއްވި މަތިންދާބޯޓު ޑިލޭކުރަން ޖެހިއްޖެ އެވެ.
އިންޑިއާ އަށް މިއަދު މައުމޫން ފެށްޓެވި ދަތުރުފުޅުގައި ބައިވެރިވާން ހަމަޖެއްސި އެމްއެންޑީއެފްގެ ބޮޑީގާޑުން ނުފުރަން އެމްއެންޑީއެފުން އެންގީ އެ ބޮޑީގާޑުން އެއާޕޯޓަށް ގޮސް، ޗެކިންވި ފަހުންނެވެ. އެގޮތަށް އެމްއެންޑީއެފް އިން އެންގުމުން، މައުމޫން ދަތުރު ކުރެއްވި ސްރީލަންކަން އެއާލައިންސްގެ މަތިންދާބޯޓު ފުރަން އޮތް ގަޑިއަށް ވުރެ ގަޑިއެއް ހާއިރު ލަސްވި ކަމަށް މައުމޫންގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.
ބޯޓު ފުރުން ލަސްކުރަން ޖެހުނީ އެވަގުތު ބޯޓަށް އަރުވާފައި ހުރި ސެކިއުރިޓީން ލަގެޖް ފަދަ ތަކެތި ބޭލުމަށް އޭނާ ވިދާޅުވި އެވެ. ސްރީލަންކާ މަގުން އިންޑިއާގެ ބެންގަލޫރަށް ދަތުރުކުރި އެ ބޯޓުގައި އެވަގުތު 100 އެއްހާ ޕަސިންޖަރުން ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައުމޫންގެ ބޮޑީގާޑުން ނުފުރަން އެންގި މައްސަލާގައި އެމްއެންޑީއެފުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު މައުމޫންގެ އަރިސް ބޭފުޅުން ވިދާޅުވެފައިވާ ގޮތުން އެކަން އެގޮތަށް ކުރީ ލިޔުމުން އެމްއެންޑީއެފްގައި އެދިފައިނުވާތީ ކަމަށް ބުނެއެވެ. އެކަމަކު މީގެކުރިން މައުމޫން ކުރައްވާ ދަތުރުފުޅުތަކުގައި އެކަން އެގޮތަށް ލިޔުމުން އަންގަން ނުޖެހޭ ކަމަށް މައުމޫންގެ އަރިސް ބޭފުޅަކު ވިދާޅުވެފައިވެ އެވެ.
ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނުގެ ދަށުން، ކުރީގެ ރައީސުންނަށާއި އެ ބޭފުޅުންގެ އަނބިކަނބަލުންނަށް ސެކިއުރިޓީ ދިނުމަކީ އެމްއެންޑީއެފުން ކުރަންޖެހޭ ކަމެކެވެ.