29 ޑިސެމްބަރ 2024 - 12:11

ރ. ފައިނުގައި އަކިރި ނަގަން ގޮސް އުޅުނު ޒުވާނަކަށް "މާވަހަރެއް" ފެނިއްޖެ އެވެ.
އެ ހޮވި 24 އަހަރުގެ ފިރިހެން މީހާ ބުނީ މާވަހަރު ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ގޮނޑުދޮށަށް ލައްގާފައި އޮއްވައި ކަމަށެވެ.
އޭރު އޭނާ އުޅުނީ މަސައްކަތެއް ކުރަން ބޭނުންވާ އަކިރި ހޯދާށެވެ.
"މާވަހަރެއް ކަމަށް ޝައްކުކުރެވުނީމަ ނެގީ. އޭގެ ބަރުދަނުގައި ގާތްގަނޑަކަށް ކިލޯއެއް ހުންނާނެ،" އޭނާ ބުންޏެވެ.
އެއީ މާވަހަރެއް ކަން ޔަގީންކުރަން އޭނާގެ އާއިލާގެ މީހެއްގެ ހަވާލުގައި މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
ނަމަވެސް، މާލޭގައި ސީދާ ޓެސްޓުކުރެވޭނެ ގޮތެއް ނެތެވެ. އެހެންވެ، އެ ފަދަ އެއްޗެހި ކަށަވަރުކުރުމުގައި ކުރިން އުޅުނު ބައެއް މީހުންނަށް ދެއްކުމުން މާވަހަރެއް ކަމަށް ބުނެފައިވާ ކަމަށް އެ ޒުވާނާ ބުންޏެވެ.
އޭނާ ބުނީ މާވަހަރެއްތޯ އިތުރަށް ޔަގީންކުރަން، ބޭރަށް ފޮނުވައިގެން ނަމަވެސް ޓެސްޓު ކުރެވޭނެ ގޮތެއް ވޭތޯ ބަލަމުން އަންނަ ކަމަށެވެ.