29 ޑިސެމްބަރ 2024 - 09:27

ދެކުނު ކޮރެއާގައި މިއަދު ވެއްޓުނު މަތިންދާބޯޓުން ދަތުރުކުރި 181 މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން މަރުވެފައިވާ ކަމަށް ބެލެވެން ފަށައި އެވެ.

ތައިލެންޑުގެ ބެންކޮކުން ދެކުނު ކޮރެއާއަށް ދަތުރުކުރި ޖެޖޫ އެއާގެ މަތިންދާބޯޓު އެކްސިޑެންޓުވީ ރަންވޭގައި ޖެއްސުމަށް ފަހު ކޮންޓްރޯލް ނުވެ ގޮސް ފެންސެއްގައި ޖެހި ގޮވުމުންނެވެ.
މި ބޯޓުގައި 175 ފަސިންޖަރުންނާއި ހަ ކްރޫ ތިބި އިރު މިހާތަނަށް ސަލާމަތުން ފެނުނީ ފަސިންޖަރަކާއި ކުރޫއެއް އެކަންޏެވެ.
ބޯޓު އެކްސިޑެންޓުވީ ރަންވޭއަށް ޖައްސަނިކޮށް ދޫނި ބައިގަނޑެއްގައި ޖެހި ލޭންޑިން ގިއަރުގައި މައްސަލައެއް ދިމާވެގެން ކަމަށް ބެލެވިފައި ވާއިރު އާންމުވެފައިވާ ވީޑިއޯއިން ވެސް، ލޭންޑިން ގިއަރު ތިރި ނުކުރެވި ހުރި ކަމަށް ބެލެވެ އެވެ. އޮފިޝަލުން ވިދާޅުވީ ދޫނިތަކެއް ބޯޓުގައި ޖެހުމާއި މޫސުން ގޯސްވުމަކީ މި އެކްސިޑެންޓުގެ ސަބަބު ކަމަށް މިހާތަނަށް ވަނީ ބެލެވިފަ އެވެ.
"ސީރިއަސް ޒަހަމްތައް ހުރި މީހުން ވަރަށް ގިނަ. އެހެންވެ، މަރުވި މީހުންގެ އަދަދު މައްޗަށް ދިއުން އެކަށީގެންވޭ،" ލޯކަލް ފަޔަ ޑިޕާޓްމަންޓުގެ ރެސްޕޮންސް ޓީމުގެ އޮފިސަރެއް ކަމަށްވާ ލީ ހިޔޯން-ޖީ އޭއެފްޕީއަށް ވިދާޅުވި އެވެ.
އެމްބީސީ ބްރޯޑްކާސްޓާގެ ވީޑިއޯއަކުން ފެންނަ ގޮތުގައި ޖެޖޫ އެއާގެ، ބޮއިންގް 737-8އޭއެސް ބޯޓު މުއާން އެއާޕޯޓުގެ ރަންވޭއަށް ޖެއްސި އިރު، އިންޖީނުތަކުން ދުން އަރަމުން ދިޔަ އެވެ. އަދި އެކްސިޑެންޓާ އެކު ކުއްލިއަކަށް ގޮވައި އަލިފާންގަނޑު އެއްކޮށް ފެތުރިގެންދެ އެވެ.
ލޭންޑް މިނިސްޓްރީން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 9:03 (ޖީއެމްޓީ ގަޑިން މެންދަމު 12:03) ހާއިރު ޖެޖޫ އެއާގެ ފްލައިޓް 2216 ޖެއްސުމުގެ ތެރޭގައި ކަމަށެވެ.