އިރަމް
އިރަމް

(ބުދަ ދުވަހާ ގުޅޭ)

ރޯ އަޑެއް ނީވުނެވެ. އަހަރެން ވަރަށް ކަންބޮޑުވިއެވެ. ޑަކުޓަރު ވެސް ކަންބޮޑުވާން ޖެހޭނެއެވެ. އެހެނަސް ޑަކުޓަރުގެ ފަރާތުން އެ ފަދަ އެއްވެސް އަލާމާތެއް ނުފެނުނެވެ. ބަލަންވާ ގޮތަކަށް ބަލާފައި ދަރިފުޅު ގެނެސް ނާދިޔާއަށް ދައްކައިލިއެވެ. ލިބުނީ، ކުރިން ވެސް ހީކުރި ގޮތަށް، އަންހެންކުއްޖެކެވެ. ދަރިފުޅު ނުރޯތީ ނާދިޔާ ވެސް ހާސްވާނެކަން އަހަންނަށް އެނގެއެވެ. ހީވާ ގޮތުގައި ނާދިޔާ އޮތީ ހާސްވާން ވެސް ނޭނގިފައެވެ. ކަމެއްގައި ހާސްވެގެން ތެޅިފޮޅިގަތުމުގައި، އެހެން މީހުން ކަންތައް ކުރާ ގޮތް ވަރަށް މުހިންމެވެ. އަހަންނަށް ވީ އެހެންނެވެ. އެހެން މީހުން ހާސް ނުވާނީ މައްސަލައެއް ނެތީމާ ކަމަށް ބަލައިފައި އަހަރެން ހަމަޖެހިލައިގެން އިނީއެވެ. ފަހުން ޑަކުޓަރާ މަޝްވަރާ ކުރީމެވެ.

"އާންމު ގޮތެއްގަ ކުއްޖާ ރޮއި ގަންނާނެ،" ޑަކުޓަރު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ފިނިހޫނުމިން ތަފާތުވުމާ، ގައިގަ މީހަކު އަތްލުމުން އެ ލިބޭ ސިހުމާ އެކީގަ ލެވޭ ނޭވާ، ރުއިމެއްގެ ސިފައިގަ އެ އިވެނީ. އޭގެ ސަބަބުން އެބަ އެނގޭ ކުއްޖާގެ އެތެރެހަށީގެ ހުރިހާ ކަމެއް ރަނގަޅުކަން. ހިތުގެ މައްސަލައެއް ނޫނީ ފުއްޕާމޭގެ މައްސަލައަކާ ހެދި ނުރޮއި ވެސް ފާނެ. އެހެން ވެއްޖެއްޔާ ބޭރަށް ފެންނަ އަލާމާތްތަކެއް ވެސް ހުންނާނެ. ހުރިހާ ކަމެއް ރަނގަޅަސް، ބައެއް ފަހަރު ކުއްޖާ ނުރޮއިފާނެ. އެއީ ވެސް މައްސަލައެއް ނޫން. ބައެއް ފަހަރު ކުއްޖާ ހުއްޓައި ނުލައިގެން އެ ވެސް އެބަ ވޭ މައްސަލައަކަށް. އަހަންނަށް މި ހުރިހާ މަންޒަރެއް ފެނިއްޖެ!"

ޑަކުޓަރު ވަރަށް ދިގުކޮށް އަހަންނަށް އޮޅުންފިލުވައިދިނެވެ. އަހަރެންގެ ދަރިފުޅު ނުރުއިމާއި ދަރިފުޅުގެ ސިއްހަތާ އެއްވެސް ގުޅުމެއް ނެތެވެ. ވިހައިގެން އާންމުކޮށް ހޮސްޕިޓަލުގައި ބާއްވާ މުއްދަތުގައި ބާއްވާފައި ހޮސްޕިޓަލުން ދޫކޮށްލިއެވެ. ގެއަށް އައި މަގުމަތީގައި ވެސް ދަރިފުޅެއް ނުރޮއެވެ. ލޯ މަރާލައިގެން އޮންނަނީއެވެ. އެހެން އޮވެފައި ހިނިތުންވެލައެވެ. ދަރިފުޅު ދޮންވެފައި ވަރަށް ލޯތްބެވެ. ބަލައި ފޫހިނުވިއެވެ. ކާރުން ފައިބައިގެން ގެއަށް ވަން އިރު، ގޭގެ ދޮރުމަތީގައި މީހަކު ހުއްޓެވެ. ދެބައި އުމުރުގެ އަންހެނެކެވެ. އޭނަ ރަށުބަހުން ކޮންމެވެސް އެއްޗެހިތަކެއް ކިއެވެ. އަހަންނަށް ކިރިޔާ ވެސް މާނައެއް ދޭހަވީ އޭނަގެ އަތުގެ ހަރަކާތުންނެވެ. ބުނާ ކަހަލައެވެ. ނޫނެކެވެ. ގެއަށް ނުވަންނާށެވެ. ޑުރައިވަރު ރަށު ބަހުން އެ މީހާއަށް ރައްދުދިނެވެ. ޔަގީނުން ވެސް އެއީ ނުރުހިގެން ދިން ރައްދެކެވެ. ކިއި އެއްޗެއް އަހަންނަކަށް ނޭނގެއެވެ. ރާގުން އެނގުނީ އެއީ ހޫނު ރައްދެއް ކަމެވެ.

"ކީކޭ އޭނަ އެ ކިޔަނީ؟" ނާދިޔާ އެހިއެވެ.

"ކީކޭތަ ކިޔާނީ؟" ޑުރައިވަރު ބުންޏެވެ. "އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ލާރި އަތުލަން އެ މީހުން އުޅޭނީ. އަޅާލާނެ ކަމެއް ނެތް. އެއްޗެއް ދީފިއްޔާ ބޮލަށް އަރާ ވަރުން ސަލާމަތް ނުވާނެ."

އަހަރެން ހިތަށް އެރިއެވެ. ނޫނެކެވެ. އޭނަގެ ހަރަކާތްތައް ހުރީ ސަލާންޖަހާ މީހެއްގެ ހަރަކާތްތައް ހުންނަ ގޮތަކަށް ނޫނެވެ. އަހަރެން ބަލައިލި އިރު އެ މީހާ ދުރުގައި ބަލަހައްޓައިގެން ހުއްޓެވެ. ރަށު ބަސް އަހަންނަށް ނޭނގޭތީ ކުރެވޭނެ އިތުރު ކަމެއް ނެތެވެ.

ދަރިފުޅު ގޮވައިގެން ފުރަތަމަ ރެއާ އަހަރުމެން ކުރިމަތިލީމެވެ. ގެންގުޅޭ މީހަކު ހޯދާކަށް އަހަރުމެން ނުވިސްނަމެވެ. މާލެ ދާނެ ވަކި ދުވަހެއް ވެސް ކަނޑައެއް ނާޅަމެވެ. ނާދިޔާ އެކި ގޮތްގޮތަށް ދަރިފުޅުގެ ފޮޓޯ ނަގައި، މީސްމީޑިޔާ އެކައުންޓުތަކަށް ލަމުން ގެންދިޔައެވެ. އަހަރުމެންގެ މައިބަފައިންނަށް ވެސް ގުޅައި، ފޯނުން ދަރިފުޅު ދައްކައި ހެދީމެވެ. ކޮންމެ މީހަކު ވެސް ކުރަނީ އެއް ސުވާލުތަކެކެވެ. ދަރިފުޅު އަބަދު ނިދައިފައި އޮންނަނީ ކީއްވެގެން ހެއްޔެވެ؟ ނުރޮނީ ކީއްވެގެން ހެއްޔެވެ؟ އެހައި އަވަސް އަވަހަށް ހެނީ ކީއްވެގެން ހެއްޔެވެ؟ އަހަރުމެންނަކަށް ޖަވާބެއް ނޭނގެއެވެ. ޑަކުޓަރު ދިން ޖަވާބު ދީފައި ނިންމައިލަނީއެވެ. ނާދިޔާގެ މަންމައަށް ގުޅައިގެން އުޅެނިކޮށް، އެއް ފަހަރަކު ދަރިފުޅު ތަންމިނަށް ލޯ ހުޅުވައިލައިފައި މައިދައިތައަށް ބަލައިލިއެވެ. އެ ފަހަރު އަހަރެން ކުޑަކޮށް ސިހުނެވެ. އެހެނަސް، ހީނގެންފައި އެ ހިސާބުން އެ ކަން ނިންމައިލީއެވެ.

ރޭގަނޑު ދަރިފުޅު ނިންދެވީ އަހަރުމެން ނިދާ އެނދުގެ މެދުގައެވެ. ކުއްޖާގެ ދެ ފަރާތުގައި ކުޑަ ދެ ކަންނެޔޮ ވެސް ބޭއްވީމެވެ. ބައެއް ފަހަރު އަހަންނަށް ހޭލެވޭ އިރު ދަރިފުޅު އޮންނަނީ މެދަކު ނޫނެވެ. ނާދިޔާ ކައިރީގައެވެ. އަހަރެން ހީކުރަނީ އެއީ ނާދިޔާ ކުރާ ކަމެއް ކަމަށެވެ. ދަރިފުޅު ނުފެންނާތީ، އަހަރެން ތެދުވެގެން ގޮސް ދަރިފުޅު މެދުގައި ބާއްވަމެވެ. އެ ވާހަކަ ދެކެވުނީ ހެނދުނު ދެއްކި ވާހަކައެއްގެ ތެރޭގައެވެ.

"އަހަރެން އެބަ ޖެހޭ އަނިލް ކައިރީގަ މި ވާހަކަ ބުނަން،" ސައިބޯން އިނދެފައި ނާދިޔާ ބުންޏެވެ. "ކުކުޅު ފައިދަށުވެ ފިޔޮކެއް މަރެއް ނުވާނެ. ކިޔާނީ އެ ގޮތަށް މަންމައަށް ނިސްބަތްކޮށް. އެކަމަކު ހާލުގެ ފައިދަށު ވެގެން ވެސް ފިޔޮކެއް މަރުވި ވާހަކައެއް އަހަންނެއް ނާހަން. ކިތަންމެ ވަރަކަށް އަނިލް ފުރޮޅުނަސް ކަންނެޔޮ އޮއްވަކާ ބޭބީއަކަށް ކަމެއް ނުވާނެ."

"ކީއްވެ އަހަރެން ކައިރީގަ ތި ވާހަކަ ތި ބުނަނީ؟" އަހަރެން އެހީމެވެ. "ނާދިޔާއެއްނު ތި ކަމާ ބިރުން އުޅެނީ. ހަތަރުދަމު އެ ނޫން ކަމެއް ނުކުރޭ ވިއްޔަ!"

"ވަރަށެއްނު!" ލާނެތް ރާގެއްގައި ނާދިޔާ ބުންޏެވެ. "ނިކަން ވޭ ދޯ މަގޭ އަނގަ ގޮއްވާ ހިތް؟ މަ ބޭބީ މެދުގަ ބާއްވާ އިރަށް އަނިލް ބޭބީ ގެންގޮސް އޮންނަނީ އަނެއް ކޮޅަށް ލާފަ."

އަހަރުމެން ދެ މީހުން ވެސް ހީކުރީ އެކަކު އަނެކަކާ ސަމާސާ ކުރަނީ ކަމަށެވެ. ވެގެން އުޅޭ ގޮތް އެނގުނީ ދެވަނަ ރޭގައެވެ. ނިދަން އުޅުމުގެ ތެރޭގައި އެ ވާހަކަ އަލުން ދެކެވުނީއެވެ. އެންމެ ފަހުން، ނިދީގައި ނާދިޔާއަށް ކުރެވުނު ކަމެއް ކަމަށް ބަލައިފައި ނިންމައިލީއެވެ. އެރޭ އަހަންނަށް ހޭލެވުނީ ދަރިފުޅު ހޭއަޑަށެވެ.

ލޯ ހުޅުވުނު އިރު ދަރިފުޅު އޮތީ އަހަންނާ ދިމާއަށް ބަލަހައްޓައިގެންނެވެ. ލޯ ހުޅުވައިގެން އޮތްލެއް ބޮޑުކަމުން މުޅި ކަޅުކަޅި އެއްކޮށް ފެނެއެވެ. އެއީ ހިތްގައިމު މަންޒަރެއް ނޫނެވެ. އަހަރެން ނާދިޔާއަށް ގޮވަން އުޅެ އުޅެ އަޑެއް ނުނިކުތެވެ. ހަރަކާތެއް ނުކުރެވުނެވެ. އަހަރެން އޮތީ ގަނޑުވެފައެވެ. ދެން ހީވީ މީހަކު އަހަރެންގެ ލޯ މަތީގައި އަތްއަޅައި ބާރު ކޮށްލިހެންނެވެ. އެ އަތްތިލަ ހޫނުވެފައި ވަރުގަދައެވެ. އެތައް އިރަކު ލޯ ނުހުޅުވިގެން އުޅެއުޅެފައި ލޯ ހުޅުވުނު އިރު ވެސް ދަރިފުޅު އޮތީ އަހަންނާ ދިމާއަށް އެނބުރިގެންނެވެ. އެހެނަސް ނިދައިފައެވެ. އަހަރެން އޮތީ ނޭވާ އަވަސްވެފައި، އެއް އަރިއަކަށެވެ. ފެނުނީ ހުވަފެނެއް ކަމެއް ނުވަތަ އެއީ ހަގީގަތުގައި ވެސް ވީ ކަމެއް ކަމެއް ނޭނގުނެވެ. އަހަރެން ފުރޮޅިލީމެވެ. ފަންގިފިލައަށް ނަޒަރު ހުއްޓައިލީމެވެ. އޭރު ވެސް، ލޯ މަތީގައި ބާރަށް މީހަކު އަތްއަޅާފައި އަތް ނެގުމުން ކުރެވޭ ކަހަލަ އިހުސާސެއް ކުރެވެއެވެ.

ވީ ގޮތް ނާދިޔާއަކަށް ކިޔައެއް ނުދެމެވެ. އެހެނަސް ހިތަށް އެރިއެވެ. ދެން މާލެ ދާންވީއެވެ. ދަރިފުޅަށް ނަން ކިޔައި އެ ހުރިހައި ކަމެއް ކުރާނީ މާލޭގައެވެ. ނާދިޔާއާ އެ ވާހަކަ ދައްކަން އިންދައި މަންމަ ގުޅުމުން މަންމަ ގާތުގައި ވެސް އެ ވާހަކަ ދައްކައިލީމެވެ.

"ތި ވާހަކަ ދައްކާށޭ މި ގުޅީ،" މަންމަ ބުންޏެވެ. "ޖެހިގެން ހުރި ގެ ހަދަން ވެގެން ތަޅަން ފަށައިފި. އަޑުގަދައޭ ބުނާކަށް އަޑުގަދަ. ބޭބީއަކަށް ނުނިދޭނެ. އަޑުފަށްގަނޑު މައިތިރި ވަންދެން އިހަށް މަޑުކުރޭ! އެހެން ނޫނީ ހުޅުމާލެއިން ތަނެއް ހިފަންވީނު؟"

އަހަންނަށް އެ ގޮތް ވެސް މައްސަލައެއް ނެތެވެ. ފެނުނު ހުވަފެން ނުވަތަ އެ ވީ ކަންތައް އަހަރެންގެ ބޮލުގައި ހަރުލި ގޮތަށް އެ އަކުން ސަލާމަތެއް ނުވެވުނެވެ. އަހަރެން ބިރެއް ނުގަނެއެވެ. ދަރިފުޅުގެ ސަލާމަތާ ދޭތެރޭ ހިތުގައި ޝައްކު އުފެދެން ފެށީއެވެ. އެހެނަސް، ހުޅުމާލެއަށް ދާކަށް ނާދިޔާ ބޭނުމެއް ނޫނެވެ. އެ އަށް ވުރެ ނާދިޔާއަށް ރަނގަޅީ ތަންކޮޅެއް ލަސްކޮށްލާފައި މާލެ ދިޔުމެވެ. އެ ވަރުން ވެސް، ހަގީގަތް ކިޔައިދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. ހުވަފެނެއް ފެނިގެން އަހަރެން ބިރުގަތީހެން ނާދިޔާއަށް ހީވެދާނެތީއެވެ. އަހަންނަކީ، އެ އަށް ވުރެ މާ ބިރުކުޑަ، ކެރޭ މީހެކެވެ.

ދެތިން މަހު ތައިލަންޑްގައި މަޑުކުރަން ނިންމީމެވެ. އާއިލާއިން އާދެވޭ ބަޔަކު އައިސް، ދަރިފުޅަށް ނަން ވެސް ކިއީމެވެ. ނާދެވޭ ބަޔަކު ބައިވެރި ކުރުވީ އޮންލައިންކޮށެވެ. ކޮންމެ މަހެއް ފުރޭ ދުވަހަކު ހާއްސަ ފޮޓޯއެއް ނަގަމެވެ.

އިރަމްއަކީ ރޯން ދަންނަ ކުއްޖެއް ނޫނެވެ. މާ ގިނައިން ތަންތަން ބަލާ ކުއްޖެއް ވެސް ނޫނެވެ. ގިނަ ވަގުުތު އޮށޯވެލައިގެން އޮންނަނީއެވެ. ގާތުގައި ކިތަންމެ ބަޔަކު ތިއްބަސް އިރަމް ބަލާނީ އޭނަ ބަލަން ބޭނުން ދިމާއެކެވެ. އެ ދިމާއަކުން އަހަރުމެންނަށް އެކައްޗެއް ނުފެނުނަސް ވެހެވެ. ރޭގަނޑު އެންމެ ނިދީމައި އިރަމް ހޭލައިގެން އަޑު ލައްވަން އޮވެދާނެއެވެ. ނުއެއް ރޯނެވެ. އެހެންވީމައި އިތުރަށް އަހަރުމެން ކުރަންޖެހޭ ކަމެއް ނޯވެއެވެ. ކިތަންމެ ވަރަކަށް ނިންދަވަން އުޅުނަސް ނުއެއް ނިދައެވެ. ހަގީގަތުގައި އެއީ ގިނަ ކުދިން އުޅޭ ގޮތެއް ނޫނެވެ. ޑަކުޓަރަށް ދައްކަންވާ އެންމެ ފަހަރެއް ވެސް ވައްޓައެއް ނުލަމެވެ. ހުރިހައި ކަމެއް ދިޔައީ ރަނގަޅަށެވެ. ދަރިފުޅު އަބަދު ލޯ ކުރިމަތީގައި ފެންނަ ބައެއްގެ ހައިސިއްޔަތުން، އަހަރުމެންނަކަށް އިރަމްގެ އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރެވެއެވެ.

އަހަރުމެންގެ އާއިލާގައި ހުރިހައި ވައްތަރެއްގެ މީހުން އުޅެއެވެ. ބޯދިގުކޮށް ހުޅިޖަހައިގެން އުޅޭ ފިރިހެނުންނާއި، ތުނބުޅި ބަހައްޓާ މީހުންނާއި ނުބަހައްޓާ މީހުންނެވެ. އަތް ނުހުންނަ ހެދުން ލާ އަންހެނުންނާއި މޫނުބުރުގާ އަޅާ މީހުންނެވެ. ނާދިޔާގެ ދޮންތައަކީ މޫނުބުރުގާ އަޅާ، އިސްކޮޅުން ދިގު މީހެކެވެ. އަހަންނާ ވެސް ވާހަކަ ދައްކާނީ މޫނުބުރުގާ އަޅައިގެން ހުރެއެވެ. އޭނަގެ މޫނު އަހަންނަށް ފެނުނީ، ނާދިޔާއާ އަހަރެން ކައިވެނި ކުރިތާ ކައިރީގައި އެންމެ ފަހަރަކުއެވެ.

ތައިލަންޑަކީ ދޮންތަ އެހައި އަންނަ ހިތްވާ ތަނެއް ނޫނެވެ. ބުދު ހުންނަލެއް ގިނަ ކަމުންނެވެ. އާންމު ގޮތެއްގައި ކިތަންމެ މަދުން މީހުންނާ ވާހަކަ ދެއްކިޔަސް، އިރަމް ދެކެ ދޮންތައަށް ވުރެ ބޮޑަށް ލޯބިވާ އެހެން މީހަކު ނުހުރެއެވެ. ފޯނު ކުރާ ކޮންމެ ފަހަރަކު އިރަމްގެ ވާހަކަ އަހައެވެ. ދޭތެރެއަކުން ފޮޓޯއެއް ފޮނުވަން ޖެހެއެވެ. ވިހޭ އިރު އިރަމް ދެކިލަން އައި ގޮތަށް ދޮންތަ ދެން ތައިލަންޑަށް އައީ އިރަމްގެ އުމުރުން 4 މަސް ފުރެން އުޅެނިކޮށެވެ. ތިން ދުވަހު ގޭގައި މަޑުކުރިއެވެ. އިރަމް ހޭލައި އުޅެންޏާ އޮންނާނީ ދޮންތަގެ އުނގުގައެވެ.

އެއްރޭ އަހަރެން ޓީވީ ބަލަން އިނދެފައި ކޮޓަރިއަށް ވަން އިރު ދޮންތަ ހުރީ އިރަމްގެ އެނދު ކައިރީގައި، އެނދާ ދިމާއަށް ގުދުވެގެންނެވެ. (ނުނިމޭ)