08 މާޗް 2017 - 20:58

ބިދޭސީންގެ ވިސާ ހެދުމަށް ބޭނުންވާ ހަދާ މެޑިކަލް ޗެކަޕްގެ ސައްހަ ނޫން ރިޕޯޓްތަކެއް ހެދި މައްސަލާގައި ހައްޔަރުކުރި އިންޑިއާ މީހަކު ދޫކޮށްލާފައި ވަނިކޮށް އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އޭޑީކޭގައި މަސައްކަތް ކުރާ ސުމައިރު ޗެރުވިލް ހައުސް ނަމަކަށް ކިޔާ އެ މީހާ އަލުން ހައްޔަރު ކުރަން ހައި ކޯޓުން އެންގީ ވިސާ ހެއްދުމަށް ބޭނުންވާ މެޑިކަލް ޗެކަޕް ރިޕޯޓުގެ މައުލޫމާތު އޮޅުވާލައި، ސައްހަ ނޫން ރިޕޯޓްތަކެއް ހެދި މައްސަލައިގަ އެވެ. އެކަމަކު މިދިޔަ މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އަމުރުކުރީ މިއަދުން ފެށިގެން 15 ދުވަސް ވަންދެން ސުމައިރުު ބަންދުގައި ބެހެއްޓުމަށެވެ. ކޯޓުގެ ހުކުމުގައިވަނީ ސުމައިރު ތަހުގީގުގައި ކުށަށް އެއްބަސްވެފައިވާ ކަމަށާއި އަދި އޭނާއަކީ އިންޑިއާ މީހަކަށް ވާއިރު އޭނާ ދޫކޮށްލާފައި ބަހައްޓައިފި ނަމަ އޭނާ ފިލާފާނެ ކަމަށް ބެލެވޭ ކަމަށެވެ.
ސުމައިރުގެ އިތުރުން އޭޑީކޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އެކަމަކު އޭނާ ހުރީ ބަންދުގައި ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.
ސައްހަ ނޫން މެޑިކަލް ރިޕޯޓްތަކުގެ މައްސަލަ ފެންމަތިވުމުން އިމިގްރޭޝަނުން ވަނީ އޭޑީކޭ އާއި ބައެއް އަމިއްލަ ކްލިނިކްތަކުގެ މެޑިކަލް ރިޕޯޓްތައް، ވިސާ ހެދުމަށް ބަލައިގަތުން ދުވަސްކޮޅަކަށް ހުއްޓާލައިފަ އެވެ. އެކަމަކު މިހާރު އެތަންތަނުގެ ރިޕޯޓްތައް އިމިގްރޭޝަނުން ބަލައިގަނެ އެވެ. އިމިގްރޭޝަނުން އޭރު ބުނެފައިވާ ގޮތުގައި ނުރައްކާތެރި ބަލިތައް ހުންނަ ބިދޭސީންގެ ހަށިގަނޑުގައި ވެސް މައްސަލައެއް ނެތް ކަމަށް ބުނެ ސައްހަ ނޫން ރިޕޯޓްތައް ހަދައި ދީފައިވާ ކަމަށެވެ.