13 ޖޫން 2016 - 15:05

ކްލަބް ވެލެންސިއާ އަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ މިޑްފީލްޑަރު އަކުރަމް އަބްދުލް ގަނީ (އަކޫ) މެލޭޝިއާ ސުޕަ ލީގުގެ ޓީމު ކެލަންޓަން އެފްސީގެ ޓްރަޔަލްގައި ބައިވެރިވެއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ވެލެންސިއާ އިން ހުއްދަ ދިނުމުން އަކުރަމް މެލޭޝިއާ އަށް ފުރާފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭގަ އެވެ. ކެލަންޓަންގެ ޓްރަޔަލްގައި އަކުރަމް ރޭ ވަނީ ބައިވެރިވާން ފަށައިފަ އެވެ.
ކެލަންޓަންއާ އެކު އަކްރަމް ދެ ހަފުތާގެ މުއްދަތަށް ތަމްރީނުތަކުގައި ބައިވެރިވާނެ އެވެ.
މެލޭޝިއާގެ ކެލަންޓަންގެ ކޯޗަކީ ނިއު ރޭޑިއަންޓާއި ގައުމީ ޓީމަށް ކުރިން އިރުޝާދުދިން ބަލްގޭރިއާގެ ވެލީޒާ ޕޮޕޯފް އެވެ. އަކުރަމް އަކީ 2013 ވަނަ އަހަރު ޕޮޕޯފްގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ނިއުގެ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭގެ ފަހުން އޮމާންގެ ސުރް އެފްސީ އަށް ޕޮޕޯފް ބަދަލުވުމަށް ފަހު އެޓީމަށް އަކުރަމް ގެންދަން ވެސް މަސައްކަތް ކުރި އެވެ.
ކްލަބް ވެލެންސިއާ އިން ވިދާލި އަކުރަމް ވަނީ ނިއު އާއި ވިކްޓަރީ އާއި ވީބީ ސްޕޯޓްސް ކްލަބް އަދި މާޒިޔާ އަށް ވެސް ކުޅެފަ އެވެ. ގައުމީ ޓީމުން ގަވައިދިން ޖާހަ ހޯދަމުން އައި ނަމަވެސް ގައުމީ ޓީމުގެ ކޯޗުކަމާ ރިކީ ހާބަޓް ހަވާލުވި ފަހުން އަކުރަމަށް ޓީމުން ޖާގަ ނުލިބެ އެވެ.