28 ޑިސެމްބަރ 2024 - 20:45

އާއަހަރު ފެށުން ކުލަގަދަކޮށް ފާހަގަކުރުމަށް ފުޑް ފެސްޓިލަކާއެކު ހާއްސަ ޑްރޯން ޝޯއެއް ބޭއްވުމަށް އެމްއެމްޕީއާރްސީން ނިންމައިފި އެވެ.
އެމްއެމްޕީއާރްސީން ބުނީ އާ އަހަރު ފާހަގަކުރުމަށް "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް" ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތައް ކުރިއަށް ދާނީ މި މަހުގެ 31 އަދި ޖެނުއަރީ އެއް ވަނަ ދުވަހު ކަމަށެވެ.
ފެސްޓިވަލްގެ ތެރެއިން ދިވެހި ސަގާފީ ފުޑް ފެސްޓިވަލަކާއި 15 މިނެޓުގެ ޑްރޯން ޝޯއަކާއި ދިވެހި ސަގާފަތް ދައްކާލުމުގެ ހަރަކާތްތަކުގެ އިތުރުން އާ އަހަރުގެ ހަވާ އެރުވުން އޮންނާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
އެމްއެމްޕީއާރްސީން ބުނީ ޑްރޯން ފެސްޓިވަލް ކުރިއަށް ދާނީ ޑިސެންބަރު 31 ވަނަ ދުވަހުގެ ރޭ 09:00 ގައި ކަމަށާއި ހަވާ އަރުވާނީ އެ ރޭ 12 ޖަހާއިރު ކަމަށެވެ.
އަދި، ފުޑް ފެސްޓިވަލް 31 ވަނަ ދުވަހުގެ ރެ އާއި ޖެނުއަރީ އެއް ވަނަ ދުވަހުގެ ހަވީރު ހަތަރުން ރޭގަނޑު 10 އަކަށް ކުރިއަށް ދާނެ އެވެ.
މި ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.