ނޯތު ކޮރެއާ އިން ނިއުކްލިއާ ޓެސްޓް ނުކުރަން ޗައިނާ އިން އިންޒާރު ދީފި
ނޯތު ކޮރެއާ އިން ނިއުކްލިއާ ޓެސްޓް ނުކުރަން ޗައިނާ އިން އިންޒާރު ދީފި

ބެއިޖިން (މާޗް 8) - ނިއުކްލިއާ ޓެސްޓް ކުރުމާއި މިސައިލް ޓެސްޓްތައް ހުއްޓާލުމަށް ޗައިނާ އިން ނޯތު ކޮރެއާ އަށް އިންޒާރު ދީފި އެވެ.

ޗައިނާގެ މި އިންޒާރު އައިސްފައި ވަނީ ނޯތު ކޮރެއާ އިން ހަތަރު މިސައިލެއް ހޯމަ ދުވަހު އުދުއްސާލާފައި ވަނިކޮށެވެ. މި މިސައިލްތައް ފޮނުވާލުމާ ގުޅިގެން އެމެރިކާ އިން ވަނީ މިސައިލުން ދިފާއުވާ ނިޒާމެއް ސައުތު ކޮރެއާގައި ބަހައްޓަން ފަށައިފަ އެވެ. ނޯތު ކޮރެއާ އިން ފޮނުވާލި ހަތަރު މިސައިލުގެ ތެރޭން ތިން މިސައިލް ވެއްޓިފައި ވަނީ ޖަޕާނުގެ އިގްތިސާދީ ސަރަހައްދުގެ ތެރެއަށެވެ.

ޗައިނާގެ ޕާލަމެންޓުގެ އަހަރީ ބައްދަލުވުމުގެ ތެރޭގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ވަން ޔި ވިދާޅުވީ ކޮރެއާ ޕެނިންސުލާ މިހާރު ހީވަނީ "ދެކޮޅަށް ދުއްވާފައި އަންނަ ރޭލެއްހެން" ކަމަށެވެ.

އޭނާ ވިދާޅުވީ ކޮރެއާގެ މަޝްރަހު ފިނި ކުރަން އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެމެރިކާ އާއި ސައުތު ކޮރެއާ އިން މިހާރު ފަށާފައިވާ އަސްކަރީ ތަމްރީނުތައް ހުއްޓާލުން ކަމަށެވެ.

އަހަރަކު އެއްފަހަރު ބާއްވާ މި ތަމްރީނުތަކުގައި ނޯތު ކޮރެއާގެ ސަރަހައްދަށް އެންމެ ވަޒަނެއް އެރި ނަމަވެސް ރަހުމެއް ނެތް ބަދަލެއް ދޭނެ ކަމަށް ޕިއޮންޔޮން އިން ވަނީ އިންޒާރު ދީފަ އެވެ. އަދި މިސައިލްތަކެއް ފޮނުވާލީ ޖަޕާނުގައިވާ އެމެރިކާގެ މަރުކަޒުތަކަށް ހަމަލާ ދިނުމުގެ ތަމްރީނު ހެދުމުގެ ގޮތުން ކަމަށް ވެސް ނޯތު ކޮރެއާ އިން ވަނީ ބުނެފަ އެވެ.

ކޮރެއާ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން އަންނަ ހަފުތާގައި ސައުތު ކޮރެއާ، ޗައިނާ އަދި ޖަޕާނަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.