އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހާރަވެއްޖެ
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހާރަވެއްޖެ

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އުމުރުން 92 އަހަރުގައި މިރޭ އަވަހާރަވެއްޖެ އެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީގެ ބޭފުޅެއް ކަމަށްވާ ސިންގް އަވަހާރަވީ މިއަދު ސިއްހީ ހާލުކޮޅު ކުއްލިއަކަށް ގޯސްވުމާ ގުޅިގެން ނިއު ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގައި އެޑްމިޓްކޮށް ފަރުވާ ދެނިކޮށެވެ.

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އިގްތިސާދީ މާހިރެއް ކަމަށްވާ ޑރ.ސިންގް ވަނީ 2004 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ. އިންޑިއާގެ 14 ވަނަ ބޮޑުވަޒީރު ކަމަށްވާ ސިންގް ވަނީ ގައުމުގެ އިގްތިސާދީ ސިޔާސަތުތައް ބައްޓަންކުރެއްވުމުގައި އިސްދައުރެއް އަދާކުރައްވައިފަ އެވެ.

ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ސިންގް ހޮސްޕިޓަލަށް ގެނައީ ގޭގައި ހުންނަވަނިކޮށް ހޭފުޅު ނެތިގެން ކަމަށެވެ. އޭގެ ކުރިން ވެސް އޭނާއަށް ފަރުވާ ދީފައިވާ ކަމަށާއި އެއީ އުމުރުން ދުވަސްވުމާ ގުޅުން ހުރި އެކި މައްސަލަތަކަށް ކަމަށް ބުންޏެވެ.

"ފުރާނަ ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ނަމަވެސް [އިންޑިއާ ގަޑިން] މިރޭ 9:51 ހާއިރު ވަނީ އަވަހާރަވިކަން ކަށަވަރުވެފައި،" ހޮސްޕިޓަލްގެ ބަޔާނުގައިވެ އެވެ.

މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކުރިން ބޮޑުވަޒީރުކަމުގައި ހުންނެވި ސިންގް އަވަހާރަވުމާ ގުޅިގެން މޯދީ ވަނީ ހިތާމަ ފާޅުކުރައްވައިފަ އެވެ. މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިންގަކީ "އެންމެ ތަފާތު ލީޑަރު" ކަމަށާއި އެއީ އާންމުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެންނަން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.