26 ޑިސެމްބަރ 2024 - 20:16

ފަލަސްތީނުގެ ޣައްޒާގައި ޓީވީ ޗެނަލެއްގެ ނޫސްވެރިން ތިބި ވެހިކަލަކަށް އިޒްރޭލުން ދިން މިސައިލް ހަމަލާއެއްގައި ފަސް ނޫސްވެރިއަކު މިއަދު ޝަހީދުކޮށްލައިފި އެވެ.

އިސްލާމިކް ޖިހާދާ ގުޅުން އޮންނަ ކަމަށް ބުނާ އަލް ގުދުސް ޓުޑޭގެ ބްރޯޑްކާސްޓް ވެހިކަލަށް ހަމަލާ ދިނީ ނުސައިރަތު ރެފިއުޖީ ކޭމްޕް ކައިރީ ޕާކްކޮށް މަންޒަރުތައް ނަގަމުން ދަނިކޮށް ކަމަށް ޓީވީ ޗެނަލްގެ ބަޔާނުގައި ބުންޏެވެ.

އިޒްރޭލުން ބުނީ ހަމަލާ ދިނީ "ޓެރަރިސްޓުންގެ ސެލް" އަކަށް ކަމަށެވެ.

އެ ސްޓޭޝަނުން ބުނީ ޝަހީދުވި ފަސް މުވައްޒަފަކީ ފައިސަލް އަބޫ އަލް ކުމްސަން، އައިމަން އަލް ޖާދީ، އިބްރާހިމް އަލް ޝައިހް ޚަލީލް، ފާދީ ހަސޫނާ އަދި މުހައްމަދު އަލް ލަދާ ކަމަށެވެ.
އެ މީހުން ޝަހީދުކޮށްލާފައިވަނީ "ނޫސްވެރިކަމުގެ އަދި އިންސާނީ ވާޖިބު އަދާކުރަމުން ދަނިކޮށް" ކަމަށް އެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އަނިޔާވެރިކަމާ ދެކޮޅަށް މީޑިއާގައި އަޑު އުފުލުން ދާނީ ކުރިއަށް ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނުސައިރަތުގެ ސަރަހައްދުގައި ހަމަލާ ދިނީ އިސްލާމިކް ޖިހާދުގެ "ޓެރަރިސްޓް ސެލްއެއް ތިބި ވެހިކަލަކަށް" ކަމަށާއި އެއީ ސީދާ އެ ވެހިކަލަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ. އަދި މި ހަމަލާގައި އާންމުންނަށް ގެއްލުންވުން ކުޑަކުރުމަށް އެތައް ފިޔަވަޅެއް އެޅި ކަމަށް ވެސް ބުންޏެވެ.
އިޒްރޭލުން ވެސް ޝަހީދުވި ފަސް މީހުންގެ ނަމާ އެކު ނެރުނު ބަޔާނުގައި ބުނީ އެއީ "ނޫސްވެރިންގެ ނަމުގައި އުޅޭ ޓެރަރިސްޓުން" ކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިޒްރޭލުގެ މަތިންދާބޯޓަކުން ފޮނުވާލި މިސައިލެއް އަލްއަވްދާ ހޮސްޕިޓަލުގެ ބޭރުގައި ޕާކްކޮށްފައި އޮތް ބްރޯޑްކާސްޓް ވެހިކަލުގައި ޖެހުމާ އެކު އަލިފާން ރޯވެ، އެތެރޭގައި ތިބި މީހުން މަރުވީ އެވެ.
ފަލަސްތީނުގެ ޖާނަލިސްޓް ސިންޑިކޭޓުން މިދިޔަ ހަފުތާގައި ބުނެފައި ވަނީ ޣައްޒާގައި ހަނގުރާމަ ފެށި ފަހުން މިހާތަނަށް 190 އަށް ވުރެ ގިނަ ނޫސްވެރިން މަރުވެ 400 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.