އިރަމް
އިރަމް

(އާދިއްތަ ދުވަހާ ގުޅޭ)

"ބޭބީ!" ބަނޑުގައި އަތްއަޅަމުން ނާދިޔާ ބުނެލިއެވެ. "އަހަންނަކަށް ބޭބީ ފީލްއެއް ނުވޭ!"

ނާދިޔާގެ ބަނޑު ކުޑައެއް ނޫނެވެ. ވީމާ، ދަރިފުޅު އޮތްކަން އިހުސާސް ނުވާންވީ ކީއްވެގެން ހެއްޔެވެ؟

"އޭނ؟" އަހަންނަށް ބުނެވުނެވެ. "ކީއްވެ ފީލް ނުވާންވީ؟"

"ނޭނގެ އަހަންނަކަށް،" ރޮއިގެންފައި ނާދިޔާ ބުންޏެވެ. "ހިނގާ ހޮސްޕިޓަލަށް ދާން. ކާރަށް ގުޅާ!"

ޑުރައިވަރަށް ގުޅި އިރު އޭނަ ފޯނެއް ނުނަގައެވެ. ދެވަނަ ފަހަރަށް ގުޅީމެވެ. ފޯނު ނެގީ އޭނަގެ އަންހެނުންނެވެ. އަންހެނުން ބުނި ގޮތުގައި ޑުރައިވަރު އުޅެނީ ފާހާނައިގައެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ގެ ހުންނަ ހިސާބަކީ، އާންމުކޮށް ކާރު ދަތުރުކުރާ ހިސާބެއް ނޫނެވެ. ކާރެއް ލިބޭތޯ ދުވެފައި ބޭރަށް ނުކުތީމެވެ. މަގުމަތީގައި މެއްސެއްމަދިރިއެއް ވެސް ނެތެވެ. ދެން ސިކުނޑި މަސައްކަތްކުރި ގޮތަށް އަހަރެން ކަންތައް ކުރީމެވެ. އަނެއްކާ ޑުރައިވަރަށް ގުޅީމެވެ. އަނެއްކާ ވެސް އޭނަގެ އަންހެނުން ފޯނު ނެގިއެވެ.

"ވަރަށް އިމަޖެންސީކޮށް ކާރެއް ބޭނުންވެގެން މި އުޅެނީ،" ހާސްވެފައި އިނގިރޭސިން އަހަރެން ބުނީމެވެ. "މި ގެއަށް ޓެކްސީއެއް ފޮނުވިދާނެތަ؟"

އޭނަ ސީދާ އާނއެކޭއެއް ނުބުނެއެވެ. ރަށު ބަހުން ކޮންމެވެސް ވާހަކައެއް ދައްކަމުން ފޯނު ބޭއްވިއެވެ. އޭރު ނާދިޔާ އަޑުން އަޑު ނަގައި ރޮނީއެވެ. އަހަރެން ހިތަށް އެރިއެވެ. އަހަރެން ވެސް ކިހައި މޮޔަ ހެއްޔެވެ؟ ފަހަރެއްގައި ވެސް ކާރު ނުލިބިއްޖެ ނަމަ، ޓެކުސީއަކަށް ގުޅޭނެ ގޮތެއް ކުރީބައިގައި އަހަރެން ނުރޭވީ ކީއްވެގެން ހެއްޔެވެ؟ ގޭގެ ވެރިމީހާއަށް ގުޅަން ހިތަށް އެރީ ދެނެވެ. އޭނައަށް ގުޅަން ނަންބަރު ހޯދަނިކޮށް، ނުދަންނަ ނަންބަރަކުން ކޯލެއް އައެވެ. އަަހަރެން ވަގުތުން އެ ފޯނު ނެގީމެވެ.

"ކާރު އަންނާނެ މިހާރު،" ބުނެވުނު ގޮތަކަށް އިނގިރޭސި ބަހުން އޭނަ ބުންޏެވެ.

"ބޭރަށް ނުކުމޭ!"

އަހަރެން ދުވެފައި ނުކުތީމެވެ. ހިތަށް އެރިއެވެ. ނާދިޔާ ގެންނާނީ ކާރު އައީމައެވެ. މަގުމައްޗަށް ނުކުތް އިރު ތަންކޮޅެއް ދުރުގައި ކާރެއް ހުއްޓައިފައި އޮތެވެ. އެއީ ޓެކުސީއެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ. މަގު އެހައި އައްޔެއް ނޫނެވެ. އަމުދުން ޓެކުސީގެ ލައިޓު ދިއްލާފައި ހުރުމުން ކާރުގެ ކުލައެއް ވެސް ނޭނގެއެވެ. އަހަރެން އަތް ހޫރައިލީމެވެ. ދެތިން ފަހަރަކު އަތް ހޫރައިލުމުން ކާރު މަޑުމަޑުން ކުރިޔަށް ދުއްވައިލިއެވެ. އޭރު ވެސް ހިތަށް އެރިއެވެ. އަހަންނަށް އައި ޓެކުސީއެއް ނަމަ އެ އަށް ވުރެ ބާރަށް އައީހެވެ. މަޑުމަޑުން އައިސް އަހަރެން ކުރިމައްޗަށް ކާރު ހުއްޓައިލިއެވެ. ޑުރައިވަރެއް ނުވެސް ބަލައެވެ. ބުދެއްހެން އިނީއެވެ. އޭނަ އިނީ ހުސްގަޔާއެވެ. ތިރިން ލައިގެން ހުރީ ކޯޗެއް ކަމެއް ނޭނގެއެވެ. ކޮނޑުމަތީ ކޮންމެވެސް ކަހަލަ ފޮތިކޮޅެއް ކަހަލަ އެއްޗެއް އޮތެވެ. އެއީ ޓެކުސީއެއްކަން އެނގޭނެ އެއްވެސް ނިޝާނެއް ނެތެވެ. ޓެކުސީއަކަށް ވުރެ އެ ކާރު މާ ރީތިވެފައި ޝާހީއެވެ. ނާދިޔާ ބަލައި ދުއްވައިގަތް އިރު ހިތަށް އެރިއެވެ. ބުނީ ކާރެއް އަންނާނެ ވާހަކައެވެ. އެއީ ޓެކުސީއަކަށް ވާކަށް ނުޖެހެއެވެ. ގޭގެ ވެރިމީހާގެ ކާރަކަށް ވެސް ވެދާނެއެވެ. އެއީ އެ މީހުންގެ ޔުނީފޯމުކަމަށް ވެސް ވެދާނެއެވެ. ތައިލަންޑަކީ ވަރަށް ތަފާތު ގޮތްގޮތަށް ހެދުން އަޅާ ބަޔަކު އުޅޭ ގައުމެކެވެ. ނާދިޔާ ގޮވައިގެން ކާރަށް އެރުމާ އެކު ކާރު ދުއްވައިލިއެވެ. ކޮންތާކަށް ދާންހެއްޔެވެ؟ ދާންވީ ތަނެއް އަހަރެން ނުވެސް ބުނަމެވެ.

"އެންމެ ކައިރިއަށް ހުރި ހޮސްޕިޓަލަކަށް ހިނގާ!" އަހަރެން އެދުނީމެވެ. "ވަރަށް އަވަސް ކުރާތި. މާ ބާރަށް ނުދުއްވާތި!"

އެއްކޮޅުން އަހަންނަށް ބުނެވުނީ މޮޔަ އެއްޗެކެވެ. ބާރަށް ނުދުއްވައި އަވަހަށް ދަނީ ކިހިނެއްހެއްޔެވެ؟ އަނެއްކޮޅުން، އޭރު ވެސް ނާދިޔާ ރޮނީއެވެ. އޭނަ ހުއްޓުވަން އަހަރެން އޭތިމީތި ކިއީމެވެ.

"ބޭބީއަކަށް ކަމެއް ނުވާނޭ ނާދިޔާ!" ބަނޑުގައި ފިރުމައިލަމުން އަހަރެން ބުނީމެވެ. "މި އޮތީނު ބޭބީ!"

"އަހަންނަކަށް ފީލްއެއް ނުވެއޭ!" ނާދިޔާ ކިޔަނީ އެހެންނެވެ.

"ތި ގެއަށް އަންނަ ކޮންމެ ބަޔަކަށް ވެސް ކޮންމެވެސް ސުންޕާކަމެއް ވާނީ،" ޑުރައިވަރު ވަރަށް ބަރު އަޑަކުން އިނގިރޭސިން ބުންޏެވެ.

"ބަނޑުބޮޑު މީހުންގެ ދަރިން ވެއްޓުމާއި އެ ގޭގަ އުޅޭ މީހުންނަށް ލިބޭ ދަރިންގެ އައިބު ހުރުމާއި ދަރިފުޅު ގެއްލުމަކީ ވެސް އާންމު ކަމެއް. ތި ބިން ބޭނުންވެގެން އެ މީހުން އެކަކު އަނެކަކުގެ ދަރިންނަށް ސިހުރު ހަދައިގެން މެރީ. ގޭގަ ވެސް ރޯކޮށްލީ. ކިތައް ކުޑަކުދިން އެއްފަހަރާ އެނދީ. އެ ކުދިން ހަޅޭއްލަވަމުން މުޅި ގޭގަ ދުވި. މިހާރު ތި ގެ ހުންނަނީ ކަރަހާނާ ހަވާލުކޮށްފަ. އެއީ ތި ގޭގެ ފާރަވެރިޔާ."

އަހަރެން ނުވެސް އަހަނީސް ޑުރައިވަރު ކިޔައިދޭން ފެށިއެވެ. އޭނަގެ އިނގިރޭސި މުއްސަނދިވެފައި ވަރަށް ރީއްޗެވެ. ހީވަނީ ހާލިސް އިނގިރޭސިއެއް ހެންނެވެ. ނަސީބަކުން ނާދިޔާއަކަށް އެ ވާހަކަތަކެއް ނީވޭނެއެވެ. ނާދިޔާގެ ހާސްކަން މާ ބޮޑެވެ.

"ކަރަހާނޭ؟" ނާދިޔާ އެހިއެވެ. "އެއީ ކާކު؟"

ނާދިޔާއަށް އެ ހުރިހައި ވާހަކައެއް އިވުނީތީ އަހަރެން ހައިރާންވިއެވެ.

"ކަރަހާން ނުދަންނަން؟" އޭނަ ބުނި އަޑުއިވުނެވެ. "އެއީ އުދުހޭ ފިރިހެން ރޫހެއް. ހުސްގަޔާ ހުންނާނީ. ވިޔެފަ ހުންނަ ފާޑެއްގެ އެއްޗެއް އަތަށް ލައްވައިގެން ރޭގަނޑު އެކަނި އުދުހޭނީ. ދުވާލު އުޅޭނީ އާދައިގެ އިންސާނެއްހެން. އޭނައަށް ނުކުރެވޭ ކަމެއް ނޯންނާނެ. ސައިކަލު ވެސް ކާރު ވެސް ދުއްވާނެ. ބޭނުން ބަހަކުން، ފަރިތަކޮށް ވާހަކަ ދައްކާނެ. އަޑު ނިކަން ބަރުވާނެ. އޭނަގެ ކަމަކީ އިންސާނުންނަށް ގޯނާކުރުން. ބައެއް ފަހަރު ނަސޭހަތް ވެސް ދޭނެ. އިންޒާރު ވެސް ދޭނެ. ގަބޫލު ނުކޮށްފިއްޔާ ދިޔައީ ދުވަސް. މި ރަށު މީހަކަށް އޭނަ ފެނިއްޖެއްޔާ ވަގުތުން އެނގޭނެ. ނޭނގިއްޖެއްޔާ، އެނގެންދެން އޭނަ ކިޔައިދޭނެ."

"އަހަރެން ތި ވާހަކައަށް އެހާ ޝައުގުވެރިކަމެއް ނެތް،" އިނގިރޭސިން އަހަރެން ބުނީމެވެ.

"މީ ޓެކްސީއެއްތަ؟"

"މި ގަޑީގަ ޓެކްސީ ހޯދާކަށް ފަސޭހައެއް ނުވާނެ،" އޭނަ ބުންޏެވެ. "ކަލޭ ތި ބުނަނީނު އަހަރެންގެ ވާހަކައަކަށް ޝައުގު ވެރިކަމެއް ނެތޭ! ދެވަނަ ފަހަރަށް އެހެން ނުބުނައްޗޭ! އަހަރެން ރުޅި އައިއްސިއްޔާ ވަރަށް ސަކަރާތްވާނެ. މީ ނުލާހިކު ދިގު ދަތުރެއް. އަސްލު ހޮސްޕިޓަލަށް ދާކަށް ނުވެސް ޖެހޭ! އަހަރެންނަކީ ކަލޭ ނަމަ، މި ލިބުނު ދަނޑިވަޅުގެ ބޭނުން ހިފާނަން. އަހާނަން ކަލޭ ތީ ކާކުހޭ؟"

އަހަރެން ހިތަށް އެރިއެވެ. އޭގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެ ވަގުތު ނާދިޔާ ރުއިން ހުއްޓައިލިއެވެ.

"މިހާރު އޯކޭ ވެއްޖެ! އެކަމަކު އަހަރެން ބޭނުން ހޮސްޕިޓަލަށް ގޮސް ޔަގީންކުރަން،" ނާދިޔާ ބުންޏެވެ. އަދި ޑުރައިވަރާ ސުވާލު ކުރިއެވެ.

"ތީ ކާކުތަ؟"

އެ ވަގުތު އަހަންނަށް ފޯނެއްއައެވެ. ގުޅީ އަހަރެންގެ ޑުރައިވަރެވެ.

"ކޮން ތާކު ތި އުޅެނީ؟" އޭނަ އެހިއެވެ. "ގެ ތަޅު ވެސް ނުލާ މިހިރީ."

އެއީ ތެދެކެވެ. ގެ ތަޅުލާކަށް އަހަރެން ހަނދާނެއްނެތެވެ.

"އަންހެނުން ބުނި ޓެކްސީއެއް ފޮނުވީމޭ!" އަހަރެންގެ ޑުރައިވަރު ބުންޏެވެ. "އެކަމަކު އޭނަ ބަރުގޮނު އަޅައަޅާ ވެސް މީހަކު ނުނިކުތޯ. އެހެންވެ އަހަރެން މި އައީ. ކަނީ ދޯ؟"

އެ ވަގުތު އަހަންނަށް ފެނުނީ އަހަރެން ކުއްޔަށް ހިފި ގެއެވެ. ގެ ކައިރީގައި ކާރު ވެސް އޮތެވެ. އަހަރުމެން ތިބި ކާރު މަޑުކުރުމުން އަހަރުމެން ފެއިބީމެވެ.

"އަހަންނަކީ ކަރަހާން،" ދުއްވަން އިން މީހާ ބުންޏެވެ. "އަހަރުމެން ދެއްކި ވާހަކަ ހަނދާން ބަހައްޓައްޗޭ!"

އޭނަ ކާރު ދުއްވައިލި ވަގުތު އަހަރުމެންގެ ޑުރައިވަރު ގެއިން ނުކުތް ތަން ފެނުނެވެ. އޭނަ ބެލީ އަހަރުމެން ބާލައިފައި ދިޔަ ކާރަށެވެ.

"އެއީ ކާކު؟" ޑުރައިވަރު އެހިއެވެ.

"ނޭނގެ!" އަހަރެން ބުނީމެވެ. "އަހަރުމެން ބަލާ ފޮނުވި ކާރު ކަމަށް ހީކޮށް އެ ކާރަށް އެރުނީ. ކޮންމެވެސް ކަރަހާނެކޯ. ދަންނަ މީހެއްތަ؟"

"ކޮޕީކެޓް!" ޑުރައިވަރު ބުނެލިއެވެ. "އިރުއޮއްސިއްޖެއްޔާ ކޮންމެ މީހަކު ވެސް އުޅޭނީ ކާރަހާނަށް ހެދިގެން. ވަރިހަމަ ރަނގަޅަށް ނަން ކިޔަން ނޭނގުނަސް. ފޭރެން އެ އުޅުނީ. ނަސީބެއް ސަލާމަތްވިކަން. އަންހެނުން ބުނި ވަރަށް ހާސްވެގެން ގުޅި ވާހަކަ. ކިހިނެއްވީ؟"

"އާނ! ކުޑަ އިމަޖެންސީއެއް ދިމާވީ!" އަހަރެން ބުނީމެވެ. "ހިނގާބަލަ ހޮސްޕިޓަލަށް."

ހޮސްޕިޓަލުން ޑަކުޓަރު ބަލާފައި ބުނީ އެއްވެސް މައްސަލައެއް ނެތް ކަމުގައެވެ. އެކަމަކު، ދަރިފުޅު ކުޑަކޮށް ވަރު ދެރަކަމާއި ގެއަށް ގޮސް އަރާމުކުރުމަށް އިރުޝާދު ދިނެވެ.

ހިނގި ހާދިސާއާ މެދު އަހަރުމެންނަކަށް ވަކި ގޮތެއް ނުނިންމުނެވެ. އެހެން ނަމަވެސް، އަހަރުމެން ކާރަށް އެރުވި މީހާއަކީ ފޭރޭ މީހެއް ކަމަކަށް އަހަރުމެންނަކަށް ގަބޫލެއް ނުކުރެވުނެވެ. އެ ފަދަ އެއްވެސް އަލާމާތެއް ނުފެނުނީމައެވެ. އަނެއްކޮޅުން، އެ މީހާ ދެއްކި ވާހަކަޔާ ޑަމްރޮން ދެއްކި ވާހަކަޔާ ފުށުއެރުމެއް ނެތެވެ. ލިބުނީ އިތުރު ތަފުސީލެކެވެ. ކުޑަކުއްޖާ ދުވާ އަޑުގެ ވެސް ހަގީގަތެއް އޮތްކަން އެނގުނީއެވެ. ދެން ވެސް އެ ގެ ދޫކޮށްލާކަށް އަހަރުމެން ބޭނުމެއް ނުވިއެވެ. އެ ނިންމުން ކިހައި ހިތިވާނެ ކަމެއް އޭރަކު ނޭނގެއެވެ.

ނާދިޔާ ވިހާ ދުވަސް ކައިރިވަމުން އައި އިރު، އިތުރު ކަންކަން އަހަރުމެންނަށް ފާހަގަކުރެވުނެވެ. އެއީ ޝައްކު ބައްޔޭ ބުނެވިދާނެއެވެ. ކުށްހީ ކަމުގައި ވެސް ނިންމިދާނެއެވެ. ކުޑަކުއްޖާ ދުވާ އަޑު، ދޭތެރެއަކުން އިވެއެވެ. އެ އަޑަށް އަހަރުމެން ހޭނެން ފެށިއެވެ. ބިރެއް ނުގަތެވެ. ގެ ކައިރީގައި ފިހާރަގަނޑެއް ހަދައިގެން އިންނަ މީހާ ފެންނަ ކޮންމެ ދުވަހަކު އޭނަގެ ނަސޭހަތް އަޑު އަހަން ޖެހެއެވެ. އަހަރުމެން ބަލަނީ އޭނައަށް ފިލައިގެން އުޅެވޭތޯއެވެ.

އަހަރުމެން ރޭގަނޑު، ގޯތިތެރޭގައި ހުންނަ އުނދޯލީގައި ވެސް ތިބެމެވެ. ދެން އިވެން ފެށީ ކުޑަކުއްޖަކު ހޭ އަޑު ކަހަލަ އަޑެކެވެ. ބައެއް ފަހަރު ރޯ އަޑު ކަހަލަ އަޑެއް ވެސް އިވެއެވެ. އެންމެ ހެއްވާ ކަމަކީ، އެއް ފަހަރު ވެސް ދެ މީހުންނަށް އެއްފަހަރާ އެ އަޑު ނީވޭ ކަމެވެ. ގޭގައި ހުސް ހަތަރު ކޮޓަރި ހުރެއެވެ. މީސްމީޑިޔާގައި ގޭގެ ފޮޓޯތައް ޖަހާތީ، އަހަރުމެންގެ އާއިލާ މީހުންނާއި ރައްޓެހިން ވެސް އައިސް ގޭގައި ތިބެއެވެ. ދުވަހަކު ވެސް ޖިންނިއެއް ނުވަތަ ރޫހަކާ ދިމައެއްނުވެއެވެ. އެ މީހުން ތިބޭ މަދު ދުވަސްކޮޅު އެ މީހުންނަކަށް ފާޑުފާޑުގެ އަޑުއަޑެއް ވެސް ނީވެއެވެ. އާއިލާ މީހުން ކައިރީގައި ނާދިޔާ ބަހައްޓާފައި އަހަރެން މާލެ ވެސް އަންނަމެވެ. އާދަޔާ ޚިލާފު ކަމެއް ނުހިނގައެވެ.

ދުވަހަކީ ނާދިޔާ ވިހަން ވެގެން ހޮސްޕިޓަލަށް ގެންދިޔަ ދުވަހެވެ. ވިއްސާރަ ދުވަހެކެވެ. ޑަކުޓަރު ބުނި ގޮތުގައި އެއީ ހަމަ "ނޯމަލް ޑެލިވަރީ" އެކެވެ. އަހަރެން ވެސް ގަބޫލުކުރަން ބޭނުންވީ އެހެންނެވެ. ވަގުތު އައިސް ޖެހުނެވެ. ކުއްޖާ ވިހެއެވެ. ރޯ އަޑެއް ނީވުނެވެ. (ނުނިމޭ)