24 ޑިސެމްބަރ 2024 - 21:04

ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަ ލޯކަލް މާރުކޭޓު ސަރަހައްދުގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 23 ބިދޭސީއަކު އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ ލޯކަލް މާރުކޭޓު ސަރަހައްދުގައި މިއަދު ފަތިހުން ފެށިގެން މެންދުރާ ހަމައަށް ކުރިއަށް ގެންދިޔަ މި ރެއިޑުގައި އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި، ލަފާފުރާ އުޅަނދުތައް ވެސް ބަލާފައިވާ ކަމަށެވެ.
މި ރެއިޑުގައި ޖުމްލަ 248 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވައިދާ ހިލާފަށް އުޅޭ 22 ބިދޭސީ ފިރިހެނުންނާއި އެއް ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން މިދިޔަ މަހު ވިދާޅުވެފައި ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީންގެ ތެރެއިން 5،000 އެއްހާ މީހުން މިދިޔަ އެއް އަހަރު ތެރޭ ޑީޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުރުވާލާފައިވާ ބިދޭސީންގެ ތެރޭގައި ގަވާއިދާ ހިލާފަށް، ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންނާއި އެކިއެކި ކުށްތަކަށް އަރައިގެންފައިވާ ބިދޭސީން ހިމެނެ އެވެ. އޭގެ ތެރޭގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އާއި ހަށި ވިއްކުމުގެ ވިޔަފާރީގައި ޝާމިލުވާ ބިދޭސީން އެ އޮޕަރޭޝަނުގައި ޑީޕޯޓް ކޮށްފައިވެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ބިދޭސީން ދިރިއުޅޭ ތަންތަންނާއި މަސައްކަތްކުރާ ތަންތަން ވެސް އިމިގްރޭޝަނުން އަނަނީ ބަލައި ފާސްކުރަމުންނެވެ.