23 ޑިސެމްބަރ 2024 - 06:36

ޕެނަމާ ކެނަލް ހުރަސްކުރާ އެމެރިކާގެ އުޅަނދުފަހަރުން ބޭއިންސާފު ފީއެއް ދައްކަން ޖެހޭ ކަމަށް ވިދާޅުވެ އެ މަގު އަނބުރާ އެމެރިކާގެ ދަށަށް ގެންދަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
އަދި އެމެރިކާގެ ވިޔަފާރިތައް އެޓްލާންޓިކް އަދި ޕެސިފިކް ކަނޑުތަކަށް މުދާ ގެންދިއުމުގައި ބަރޯސާވެފައިވާ ކެނަލް ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާ ކަމަށާއި މިއީ ކަންބޮޑުވުމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކަނޑުގެ ސިފައިންނާއި ވިޔަފާރިތަޖާ މެދު އަމަލުކޮށްފައި ވަނީ ވަރަށް ބޭއިންސާފުން، އިހުތިރާމެއް ނެތި. ޕެނަމާއިން ނަގަމުން އަންނަ ފީތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ފީތަކެއް،" ޓްރަންޕުގެ އަމިއްލަ ސޯޝަލް އެޕް ޓްރޫތުގައި ލިޔުއްވާފައިވެ އެވެ.
"މިއީ ހަމަ މި ގައުމުން ފޭރުން. އަދި މިކަން ވަގުތުން ހުއްޓުވަން އެބަޖެހޭ."
އެމެރިކާއިން 1914 ވަނަ އަހަރު ނިންމި ޕެނަމާ ކެނަލް އަލުން ޕެނަމާއާ ހަވާލުކުރީ ފޮނުވާލީ 1977 ވަނަ އަހަރު ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޖިމީ ކާޓާ ސޮއިކުރެއްވި އެއްބަސްވުމެއްގެ ދަށުންނެވެ.
ޕެނަ،މާއަށް އެތަނުގެ ކޮންޓްރޯލް ލިބުނީ 1999 ވަނަ އަހަރު އެވެ.
"މިކަން މެނޭޖްކޮށް ބަލަހައްޓަން އޮތީ ހަމައެކަނި ޕެނަމާ. ޗައިނާ ނުވަތަ އެހެން އެއްވެސް ބަޔަކު ނޫން. އަޅުގަނޑުމެން ދުވަހަކުވެސް އެތަން "ނުރަނގަޅު" ބަޔަކަށް ދުލެއް ނުކުރާނަން،" ޓްރަމްޕު ލިޔުއްވާފައިވެ އެވެ.
އަދި ޕެނަމާއަށް ޗެނަލްގެ އޮޕަރޭޝަންތައް، އިތުބާރު ކުރެވޭ އަދި ގާބިލް އެއްޗަކަށް ނުހެދިއްޖެ ނަމަ، ޕެނަމާ ކެނަލް ފުރިހަމައަށް އަދި އެއްވެސް ސުވާލެއް ނެތި އަނބުރާ އަޅުގަނޑުމެންނަށް ދޭން ގޮވާލާނަން،" އޭނާ ވިދާޅުވި އެވެ.
ޕެނަމާ ސަރުކާރުން މިކަމާ އަދި ވާހަކައެއް ނުދައްކަ އެވެ.