އިބްތިހާލާ މެދު އިހުމާލުވި މައްސަލަ ކުރިއަށް ގެންދެވޭނެތޯ ކޯޓުން ގޮތެއް ނިންމަނީ
އިބްތިހާލާ މެދު އިހުމާލުވި މައްސަލަ ކުރިއަށް ގެންދެވޭނެތޯ ކޯޓުން ގޮތެއް ނިންމަނީ

ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި އިހުމާލުގެ ދައުވާލިބޭ ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ކުރިއަށް ގެންދެވޭނެތޯ ގޮތެއް ނިންމަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ޖެނުއަރީ، 2015 ގައި އިބްތިހާލަށް އޭނާގެ މަންމަ އަނިޔާ ކުރުމުގެ ސަބަބުން މަރުވި މައްސަލާގައި އިހުމާލުވި ކަމުގެ ދައުވާލިބޭ ފަސް މީހުންގެ ތެރެއިން މައްސަލަ ކުރިއަށް ގެންދެވޭނެތޯ ގޮތެއް ނިންމަނީ ޖެންޑާ މިނިސްޓްރީގެ އޭރުގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝަކީބާއި އެ މިނިސްޓްރީގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ރަޝީދަށް ދައުވާކުރާ މައްސަލަ އެވެ.

އެ ދެ މީހުންނަށް ދައުވާކުރާ ބައި ކުރިއަށް ގެންދިއުމާ މެދު ކޯޓުން ގޮތެއް ނިންމަން ހަމަޖެއްސީ އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގާފައި ނުވާތީ އާއި ތަހުގީގު ހިންގިއިރު، ދޭންޖެހޭ ހައްގުތައް ނުދޭ ކަމަށް ބުނެ އެ މީހުންގެ ފަރާތުން އެ މައްސަލަ ކޯޓުގައި މިއަދު ފާހަގަ ކުރުމުންނެވެ.

މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު މި މަހުގެ 29 ވަނަ ދުވަހު ގޮތެއް ނިންމަވާނެ ކަމަށެވެ. މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި ނަމަ ހެކި ހުށަހެޅުން އެ ދުވަހު އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ރަޝީދާއި ޝަކީބްގެ ވަކީލުން ވެސް ވަނީ އެ މައްސަލަ ތަހުގީގުކުރި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަކީ ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު އޮތް ކޮމިޝަނެެއް ނޫން ކަމަށް ބުނެ އެ މައްސަލަ ފާހަގަކޮށްފަ އެވެ. އަދި އެ ކޮމިޝަނުން އެ މީހުންގެ މައްޗަށް ތަހުގީގު ހިންގީ ކުށެއްގެ ތުހުމަތު ކުރެވޭ ކަން ނާންގާ އަދި ދޭންޖެހޭ ހައްގުތައް ނުދީ ކަމަށް ބުނެ ދިފާއީ ވަކީލުން އެ މައްސަލަ ފާހަގަކުރި އެވެ.

އެ ވާހަކަތަކަށް ރައްދުދީ، ދައުލަތުން ބުނީ އެޗްއާރުސީއެމްއަކީ ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު އޮތް ކޮމިޝަނެއް ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އާއި މާލޭގެ ފަޅު ތެރޭގައި މަރުވެފައި އޮއްވާ 2007 ގައި ފެނުނު ހުސައިން ސޮލާހުގެ މަރުގެ މައްސަލަ ވެސް ތަހުގީގުކުރީ އެޗްއާރުސީއެމް އިން ކަމަށެވެ. އަދި ތަހުގީގު ހިންގިއިރު ދޭންޖެހޭ ހައްގުތައް ދީފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ އެޗްއާރުސީއެމް އިން ތަހުގީގުކުރީ ޕްރޮސެކިއުޓާ ޖެނެރަލްގެ އަމުރަކަށް ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލް އެގޮތަށް އެންގެވީ ގާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުން ކަމަށް ދައުލަތުން ބުންޏެވެ.

އެ ވާހަކައަށް ރައްދު ދެއްވައި، ރަޝީދުގެ ވަކީލް އަލީ އަހުމަދު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް ވެސް އަމުރު ކުރައްވަން ޖެހޭނީ ގާނޫނީ ބާރު އޮތް ފަރާތްތަކެއްގެ މައްޗަށް ކަމަށާއި ތަހުގީގު ހިންގުމުގެ ބާރު ނެތް ބައެއްގެ މައްޗަށް އެފަދަ އަމުރެއް ނެރެފައިވާ ނަމަ އެ ވާނީ ބާތިލް އަމުރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ދައުލަތުން ދެން ދައުވާކުރަނީ އޭރު ވ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގައި މަސައްކަތްކުރި ދެ މުވައްޒަފުން ކަމަށްވާ އައިމިނަތު ޝިޔާޒާ އާއި އަހުމަދު ޝުޒާދުގެ އިތުރުން ވ. އަތޮޅު އޭރުގެ އެކްޓިން ކޮމާންޑަރު ލިސާން އަބޫބަކުރުގެ މައްޗަށެވެ. އެކަމަކު އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ.

އެ އެންމެންނަށް ވެސް ދައުވާކުރަނީ ޑިސެމްބަރު، 2014 ގައި އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކުރި މައްސަލަ ހުށަހެޅުމުން ވެސް އެ މައްސަލާގައި އެކަށީގެންވާ ފިޔަވަޅު ނާޅާ ތިއްބައި، ޖެނުއަރީ، 2015 ގައި އަނެއްކާވެސް އިބްތިހާލަށް އަނިޔާކޮށް އޭނާ މަރާލާފައިވާތީ އެވެ.

އިބްތިހާލް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ އަހުމަދުގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.