22 ޑިސެމްބަރ 2024 - 06:44

(ބުދަ ދުވަހާ ގުޅޭ)
"އެކަކަށް ވެސް އެ ގެއަކު ނޫޅެވޭނެ!" ގެއަށް އިޝާރާތް ކޮށްފައި، އިނގިރޭސިން އޭނަ ބުންޏެވެ.
އަހަންނާއި ނާދިޔާ އެކަކު އަނެކަކަށް ބަލައިލީމެވެ. އެކަކު ވެސް އެ މީހާއަކަށް ޖަވާބެއް ނުދެއެވެ.
"މާބަނޑު މީހަކު އަމުދުން ވެސް އެ ގޭގައި އުޅޭކަށް ނުވާނެ،" އެ މީހާ ބުންޏެވެ. "މި އޮތް ބޮޑު ރަށުގަ ކަލޭމެންނަށް އެ ނޫން ގެއެއް ނުފެނުނީ؟"
"ހިނގާ ދަމާ!" ނާދިޔާ ގާތުގައި އަހަރެން ދިވެހި ބަހުން ބުނީމެވެ.
"ދޭދޭ! އަހަރެން ދައްކާ ވާހަކަ އަޑުނާހާތި!" އޭނަ ހިނގައިގަންނަމުން ބުންޏެވެ. "އަހަންނަކީ ބޮޑު މޮޔައެއް. ބޭކާރު ވާހަކަ ދައްކާ މީހެއް. ދިވެހިރާއްޖެއަކީ ހާދަހާ ރީތި ތަނެކޭ! އަހަރެން ބޭނުން ރާއްޖެއަށް ދާން."
އަހަރުމެން ހިނގައިގަތީމެވެ. ނާދިޔާ ހިތަށް އެރި އެއްޗެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން ހިތަށް އެރިއެވެ. އަހަރުމެންނަކީ ދިވެހީންކަން އޭނައަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރުމެންގެ ސިފަ އާއި ކުލައިން ހެއްޔެވެ؟ އަހަރެން ބުނި އެންމެ ދެ ލަފުޒުން ހެއްޔެވެ؟ ދެން ހިތަށް އެރިއެވެ. އަހަރުމެން ކުއްޔަށް ހިފި ގޭގެ އަސްލު މައްސަލައަކީ ކޮބައި ހެއްޔެވެ؟ ކޮންމެވެސް ގޯހެއް އުޅެނީ ހެއްޔެވެ؟ ދިޔަ މަގުމަތީގައި އަހަރުމެން ދެއްކީ، ލިބެން އުޅޭ ދަރިފުޅުގެ ވާހަކައެވެ. ޑަކުޓަރު ބުނެފައިވާ ގޮތުން އަހަރުމެންނަށް ލިބޭނީ އަންހެންކުއްޖެކެވެ. އެހެނަސް، ބަނޑުގައި އޮންނަ އިރު ދަރިފުޅުގެ ޖިންސު ސަތޭކަ ޕަސަންޓު ކަށަވަރުކޮށް ބުނާކަށް ނޭނގޭނެއެވެ. އަހަރުމެން ތިބީ އަންހެންކުއްޖެއް ކަމަށް ނިންމައިގެންނެވެ. ނަމަކީ އިރަމްއެވެ. އަހަރުމެން ބޮޑަށް ބޭނުމީ ވެސް އަންހެންކުއްޖެކެވެ.
ވާހަކަ ދައްކަމުން ގޮސް އެ ބުނާ ފެންގަނޑެއް ކައިރިއަށް ވެސް ދިޔައީމެވެ. އިރުކޮޅަކު އެ ތަނުގައި ތިބީމެވެ. އެކަކު ވެސް ގެއާ ބެހޭ ގޮތުން ވާހަކައެއް ނުދައްކައެވެ. އަހަރެން އެ ވާހަކަ ނުދެއްކީ ނާދިޔާ ބިރުގެންފާނެތީއެވެ. އެ ވާހަކަ ނާދިޔާ ގަބޫލު ކޮށްފާނެތީއެވެ. ނާދިޔާ އެ ވާހަކަ ނުދެއްކީ ވެސް އެހެންވެގެންބާއެވެ؟ އެ ސުވާލު އަހަރެންގެ ހިތުގައި ކޮށްޖަހަން ފެށިއެވެ. އެންމެ ފަހުން އަހަންނަކަށް ނީނދެވުނެވެ.
"ދެންމެ އެ ދިމާވި މީހާ ދެއްކި ވާހަކަ ނާދިޔާ ގަބޫލުކުރަންތަ؟" އަހަރެން އެހީމެވެ.
"އަހަރެން ވެސް ހަމަ ތިހެން އަހަން ހިތަށްއަރާފަ މި އިންނަނީ،" ނާދިޔާ ވަގުތުން ބުންޏެވެ. "އެކަމަކު އަނިލް ބިރުގެންފާނެތީ.."
"އަހަރެން ވެސް ހަމަ ތިހެން ވެގެންނޭ އެ ވާހަކަ ނުދައްކަން މި އިންނަނީ،" އަހަރެން ބުނީމެވެ. "އަހަންނަކީ އެ ކަހަލަ ވާހަކަ އެއްގޮތަކަށް ވެސް ގަބޫލުކުރާ މީހެއް ނޫން. ޖިންނިޔާ، ރޫހާ، ވިގަންޏާ، ހަންޑިޔާ، ކަށްޑެވިއާ، ފޫޅުދިގުހަންޑިޔާ، ސަފަރުކަތްދަޔާ، ދަތްގޯންޏާ މި ހުރިހާ އެއްޗިއްސަކީ ވެސް ފޭކް. ކުޑައިރު އަހަރުމެން ބިރު ގަންނަވަން އެ ކަހަލަ ވާހަކަ ކިޔައިދީގެން ބޯކާލިޔަކަސް މިހާރު މި ތިބީ ބޮޑެތިވެފަ. މާދަމާ ބައްޕައަކަށް ވާނެ. އެކަމަކު، ކުރީ ދުވަހު ހަވީރު ނުކުމެގެން އުޅެނިކޮށް ދިމާވި މީހަކު ވެސް ބުނެފި އެ ގެއަކީ ވަރަށް ސަކަރާތް ގެޔެކޭ! އަހަރެން ގަބޫލެއް ނުކުރަން. އެކަމަކު ހައިރާންވާހާ ކުޑަ ކުއްޔަކަށް ގެ ލިބުނީ. ޑިމާންޑު އޮތް ނަމަ އެހާ ކުލި ކުޑައެއް ނުވާނެ."
އަހަރެން ދެއްކި ވާހަކަތައް އަޑުއެހުމަށް ފަހު ވެސް ނާދިޔާ އެއްޗެއް ނުބުންޏެވެ. އެއީ އާދައިގެ ކަމެއް ނޫނެވެ.
"ކީއްވެ އެއްޗެއް ނުބުނެ ތި އިންނަނީ؟" އަހަރެން އެހީމެވެ.
"އަނިލް ދެންމެ ތި ކިޔައިދިން ސެޓުގެ ތެރެއިން ޖިންނިއަކީ އަހަރެން ގަބޫލުކުރާ އެއްޗެއް،" ނާދިޔާ ބުންޏެވެ.
"އެއީ އުޅޭ އެއްޗެއް. މި ހިސާބަށް ދިޔައިމަ ދެން ހިނގާ ތަންކޮޅެއް ޑީޓެއިލްކޮށް މި ވާހަކަ ދައްކަމާ!
ކުޑަކުއްޖަކު ދުވާ އަޑު ކަހަލަ އަޑެއް އަހަންނަށް އިވުނު. ހަމަ ދޭތެރެއަކުން އެ އަޑު އެބަ އިވޭ!"
"ދުވާ އަޑު ކަހަލަ އަޑެއް،" އަހަރެން އެ ތަންކޮޅު ތަކުރާރު ކޮށްލީމެވެ. "އަޑެއް އިވޭ އިރަށް ސިކުނޑި ބުނާނެ އެއީ ކޯޗެއްކަން. ހާލެއްގެ އަޑުއިވޭ އިރަށް ބުނާނެ އެއީ ހާލެކޭ. ވަރަށް ކުރިން އަހަރެން ބެލި ޑޮކިއުމެންޓްރީއެއްގަ ބުނި އެހެން. ބައެއް އަޑު އިވޭލެއް މަޑުކަމުން، ނޫނީ އަޑު ތަނެއްގަ ޖެހިފަ އަންނަ ގޮތަކުން އެހެން ގޮތަކަށް ވެސް ސިކުނޑި މާނަކޮށްފާނެ. އެހެންވާ ފަހަރު ދެން ސިކުނޑި ދާނީ އެ އަޑަކާ އެންމެ ވައްތަރު ނަމަކަށް. މިސާލަކަށް ފެން ހޭކިފަ ހުންނަ ފައިވާނެއްގަ ހިނގާ އިރު އެ އިވޭ އަޑު، ތަނެއްގަ ޖެހިފަ އަންނަ އިރު ވައްތަރު ވެދާނެ ދަތްކާރުވާ އަޑާ ވެސް. އަސްލު އެއީ ޝައްކުބަލި."
އެ ދުވަހު އަހަންނަށް އެނގުނީ، ނާދިޔާއާ ރައްޓެހިވެގެން އެތައް ދުވަހަކު އުޅެފައި، ކައިވެނި ކޮށްގެން އެތައް ދުވަހަކު އުޅުނު އިރު ވެސް ނޭނގޭ ކަމެކެވެ. ނާދިޔާ ޖިންނި ގަބޫލުކުރާ ކަމެވެ. އަހަންނަށް އެ ކަން ވީ ވަަރަށް ބޮޑު ކަމަކަށެވެ. އެ ގަބޫލު ކުރުން އިތުރަށް ފުޅާވެ، ފަހުން މައްސަލައެއް ނުކުމެދާނެތީ، ގޭގެ ވެރިފަރާތާ އަހަރުމެން ބައްދަލުކުރީމެވެ. އޭނައަށް ކިޔަނީ ޑަމްރޮންއެވެ. ގޭގައި ދިވެހި ކެއުމެއް ތައްޔާރު ކޮށްފައި، ޑަމްރޮންއަށް ދައުވަތު ދިނީމެވެ.
ގަޑިން ރޭގަނޑު އަށެއް ޖަހައި ކުޑަ އިރުކޮޅެއް ހިނގި ތަނާ ޑަމްރޮން އައެވެ. އޭނަ އައީ ފައިލަކާއި އަލްބަމެއް ހިފައިގެންނެވެ. އިސްކޮޅުން ކުރު، ޗައިނާ މީހަކާ ވައްތަރު ޑަމްރޮން ގިނަ ވަގުތު ހުންނަނީ ހެވިފައެވެ. އެހެނަސް، އަހަރުމެންނަށް އޭނަ އިތުބާރު ކުރާހެނެއް ހިޔެއް ނުވެއެވެ. އަބަދު ވެސް އިންނަނީ އަލްބަމާއި ފައިލު އުނގުމަތީގައި ބަހައްޓައިގެންނެވެ.
ޑަމްރޮންއަށް ދިވެހިކެއުން ވަރަށް ކަމުދިޔައެވެ. އޭނަ ބުނި ގޮތުގައި، ދިވެހިންގެ ކެއުމާއި ތައިލަންޑްގެ ކެއުމުގައި އެއްގޮތް ސިފަތަކެއް އެބަ ހުއްޓެވެ. ޑަމްރޮން ވާހަކަ ދައްކަނީ ވަރަށް ތައި ރާގެއްގެ އިނގެރޭސިއަކުންނެވެ.
"ކުޅިކޮށް ކެއުން. ސޫޕަށް ލޯބިކުރުން. ލުނބޯ، ފިޔާ، މިރުސް މީރުވުން،" ކައިނިމިގެން ވާހަކަ ދައްކަން ތިބި އިރު ޑަމްރޮން ބުންޏެވެ. "އަހަރެން އަޑުއަހާ ގޮތުގަ ތޮމްޔަމްއަކީ ވެސް ދިވެހިން ވަރަށް ގަޔާވާ ސޫޕެއް. ރާއްޖެ ވަށައިގެން އޮންނަނީ ކަނޑު. ސީފުޑަކީ ވެސް ދިވެހިންގެ ފޭވަރިޓެއް."
އިރުކޮޅަކު ވާހަކަ ދެއްކުމަށް ފަހު އަހަރުމެންގެ އަސްލު ވާހަކަޔާ ދިމާއަށް އެނބުރުނީމެވެ.
"މީ އަސްލު ކޮން ކަހަލަ ގެއެއް؟" އަހަރެން ސާދާ ބަހުރުވައިން އެހީމެވެ. "ރަށު މީހުން އެބަ ބުނޭ މީ ވަރަށް..."
"ނާމާންގެއެކޭ.." އެހެން ބުނެފައި ޑަމްރޮން ނިކަން ބާރަށް ހީނގަތެވެ.
އެ އަޑު، ގޭގެ ތަންކޮޅެއް އެތެރެއިން ވެސް އިވުނުހެން ހީވީ އަހަންނަށް އެކަންޏެވެ. އެހެން މީހަކަށް އެ ކަމެއް ފާހަގައެއް ނުވެއެވެ. ވާހަކަ ކުރިޔަށް ދިޔައެވެ.
"މި ގެ މިހާ ރީތިވީމަ ހިސާބުގަނޑު މީހުން ވަރަށް ޖެލަސްވާނެ،" ޑަމްރޮން ބުންޏެވެ. "ގަބޫލުކުރެވޭ! އެހެން މީހަކަށް މޮޅެއް ލިބެން ކާކު ބޭނުންވާނީ؟ ނޫންތަ؟"
އެ ހިސާބުން ޑަމްރޮން އަލްބަމާއި ފައިލު ހުޅުވައިލިއެވެ. ލިޔުންތަކާއި ފޮޓޯތައް ދައްކަމުން ވާހަކަ ކުރިޔަށް ގެންދިޔައެވެ.
"މިހިރީ ރަސްމީ ލިޔުންތައް. މި އޮތީ ރަޖިސްޓަރީ،" ޑަމްރޮން ކިޔައިދިނެވެ. "ގެ އެޅި ތާރީހާ، ބިންގާއެޅި ތަނާ، އެންމެ ކުރިން ގޭގެ އުޅުނު މީހުން މި ތިބީ. ބައްޕަ، ކާފަ، މުނިކާފަ، ހޫރުކާފައަށް ދާންދެން މި ތިބީ ފެންނަން. މީކީ އެހެން ބައެއް އަތުން އަހަރެން ދަމައިގަނެގެން އުޅޭ ގެއެއް ނޫން."
އަހަރެން ހިތަށް އެރިއެވެ. އަހަރުމެން ޑަމްރޮންއަށް ކެއުމަކަށް ދައުވަތު ދިނުމުން އެ ހުރިހައި ސާމާނެއް ހިފައިގެން އަންނަން ޑަމްރޮންއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ދެން ލިބުނީ އެ ސުވާލުގެ ޖަވާބެވެ. އަހަރެން ނުވެސް އަހަނީހެވެ.
"ކޮންމެ ފަހަރަކު ވެސް ގެއަށް ބަޔަކު އަންނަ އިރަށް މި ކަމެއް ޖެހޭ،" ޑަމްރޮން ހިތްހަމަނުޖެހިފައި ބުންޏެވެ.
"އެހެންވެ، ދައުވަތު ހަމަ ލިބޭ އިރަށް އެނގިއްޖެ މީގެ ބޭނުން ޖެހޭނެކަން. އެތައް ދަރިކޮޅެއް އެއް ގެއެއްގަ އުޅޭ އިރު، ދެބަސްވުން ވެސް ހުންނާނެ. ދެބަސްނުވާ އާއިލާއެއް އަހަންނަށް ދައްކަބަލަ! ރާއްޖޭގަ ވެސް މި ކަން އޮންނާނެ. އެކްސިޑެންޓަކީ ވެސް އާންމު ދިރިއުޅުމުގަ ހިނގާ ކަންކަން. އަލިފާނުގެ ދެ ހާދިސާއެއް ހިނގި. މީހުން އެހެން ކިޔާނެތީ އެ ވާހަކަ ވެސް މި ބުނީ. އެއީ ބަޔަކު ގަސްތުގަ ކުރި ކަމެއް ނޫން."
އެ ފޮޓޯތައް ހުރި ނޫސްތައް ޑަމްރޮން ދެއްކިއެވެ. ނޫސް ހުރީ ތައި ބަހުންނެވެ.
"މީހުން ބުނާނެ ކުލި ވެސް ކިހާ ކުޑަހޭ، އެއީ ބަޔަކު ކުއްޔަށް ނުހިފާތީއޭ. ނޫން! މިހާރު ވެސް ތިން ބަޔަކު އެބަ ގުޅާ! މިހިރީ މެސެޖުތައް،" ޑަމްރޮން ދެއްކީ އިނގިރޭސިން ހުރި މެސެޖުތަކެކެވެ. "ނޯންނާނެ ހެޔޮ އެއްގޮތެއް ވެސް. ކުލި ބޮޑު ނަމަ ބުނާނެ އަހަރެން ހުންނަނީ ލާރިޔާ ހެދި މޮޔަވެފައޭ. އަހަންނަކީ ވަރަށް އެހެން ކަހަލަ މީހެއް. އަހަރެން ބޭނުން އާދައިގެ މީހުންނަށް ވެސް މި ގެ ތަޖުރިބާ ކޮށްލަން ފުރުސަތު ދޭން. އެކަމަކު އޭގެން ވެސް ނުބައި މާނައެއް މި ނަގަނީ."
ޑަމްރޮން ނުދައްކާ ވާހަކައެއް ވެސް އޮތެވެ. "އެކްސިޑެންޓް" ހިނގި ގޮތަކާއި، މީހަކު މަރުވި ނަމަ މަރުވި ގޮތާއި، މަރުވި އަދަދެވެ.
"އެކްސިޑެންޓްވީ ކިހިނެއް؟" ނާދިޔާ އެ ސުވާލުކުރި ވެސް މެއެވެ.
"ތީ ވަރަށް ޕާސަނަލް ސުވާލެއް،" ފެންކަޅިވެފައި ޑަމްރޮން ބުންޏެވެ. "ތި ވާހަކަ ދައްކައިފިއްޔާ މިރޭ އަހަންނަކަށް ނުނިދޭނެ. ކަލޭމެންނަށް ވެސް ނުނިދިދާނެ."
ޑަމްރޮން އެ ބުނި އެއްޗަކުން ނާދިޔާ ބިރުގަތްކަން ނާދިޔާގެ މޫނުމަތިން އަހަންނަށް ރަނގަޅަށް ދޭހަވިއެވެ. އެ ވަގުތު ޑަމްރޮންއަށް ފޯނެއް އައުމާ ވެސް އެކު، ވާހަކަ އެ ހިސާބުން ކުރު ކޮށްލާފައި ވަކިވީއެވެ. އަހަރެން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ޑަމްރޮން ދިޔުމުން އަހަރުމެން އިރުކޮޅަކު ޓީވީ ބަލަން ތިބީމެވެ.
"މިހާރު އޯކޭ ދޯ؟" ބަސްމަދުވެފައި އިން ނާދިޔާއާ ގާތުގައި އަހަރެން އެހީމެވެ.
"އޭނ؟" ނާދިޔާ އެހިއެވެ. "އާނ! އަހަންނަށް އޯކޭ!"
"އެކަމަކު ހިޔެއް ނުވޭ އޯކޭހެނެއް،" އަހަރެން ބުނީމެވެ. "ނާދިޔާ ބޭނުންތަ އެހެން ތާކަށް ޗޭންޖުވާން؟
ބޭނުމިއްޔާ މިހާރު ހިނގާ އެ ކަމާ އުޅެމާ! ފަހުން އުނދަގޫވާނެ."
"އުހުނ!" ނާދިޔާ ބުންޏެވެ. "ހަމަ މި ތާ ތިބޭނީ."
އެހެން ބުނެފައި، ދެލޯ ބޮޑުކޮށްލާފައި އަހަންނާ ދިމާއަށް ނާދިޔާ ބަލައިލިއެވެ. ހީވީ އަހަންނަކީ ނާދިޔާ ދުވަހަކު ވެސް ނުދެކޭ ބިރުވެރި ފުރޭތައެއް ހެންނެވެ.
"ބޭބީ!" ބަނޑުގައި އަތްއަޅަމުން ނާދިޔާ ބުނެލިއެވެ. (ނުނިމޭ)