19 ޑިސެމްބަރ 2024 - 09:33

ފްރާންސް ލީގުގައި ރޭ މޮނާކޯ އަތުން 4-2 އިން ޕީއެސްޖީ މޮޅުވި މެޗުގައި މޮނާކޯގެ ކުޅުންތެރިއެއްގެ ބޫޓުގެ ދަށްފުށް، ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާގެ މޫނަށް އަރައި ވަރަށް ބޮޑަށް އަނިޔާ ވެއްޖެ އެވެ.

މޮނާކޯގެ ފޯވާޑް ވިލްފްރެންޑް ސިންގޯގެ ބޯޅައެއް ދިފާއުކުރަން އިޓަލީގެ ގައުމީ ކީޕަރު ޑޮނަރުއްމާ ވެއްޓިގެންފައި ކުރިމަތިލުމުން ސިންގޯ މަސައްކަތް ކުރީ ޑޮނަރުއްމާގެ ގައިމަތިން ފުންމައި ގަތުމަށެވެ. އެކަމަކު އޭނާ ނެގި ފައިން ބޫޓުގެ ދަށް ފުށް ޖެހުނީ ޑޮނަރުއްމާގެ މޫނު މަތީގަ އެވެ. އެކަމަކު އޭނާ އަށް ކާޑެއް ނުދައްކަ އެވެ.
ޑޮނަރުއްމާގެ މޫނުމަތި ވަރަށް ބޮޑަށް ފަޅައިގެން ގޮސް ދަނޑުމަތީގައި ފަރުވާ ހޯދަން ވަގުތުކޮޅެއް ހޭދަ ކުރި އެވެ. އެކަމަކު ކުޅުން ކުރިއަށް ގެންދެވޭ ވަރެއް ނުވި އެވެ. ޓީމުގެ މެޑިކަލް އޮފިޝަލުންނާ އެކު އޭނާ ދަނޑުން ފޭބުމުން، ބެންޗުގައި އިން ދެވަނަ ކީޕަރު މަޓިވީ ސޮފޯނޯވް، 22 ވަނަ މިނެޓްގައި ކުޅެން އެރުވި އެވެ.
ޕީއެސްޖީން ބުނީ ޑޮނަރުއްމާގެ މޫނުން ދެތިން ތަނެއް ވަރަށް ބޮޑަށް ކަފައިގެން ދިޔަ ކަމަށެވެ. އަދި ޕެރިހުގައި އިތުރު މެޑިކަލް ޓެސްޓްތައް ހަދަން ހަމަޖެހިފައިވާ ކަމަށް ވެސް އެ ކްލަބުން ބުންޏެވެ.
ސިންގޯގެ އެ ފައުލަށް ކާޑެއް ނުދެއްކި ނަމަވެސް ރެފްރީގެ އެ ނިންމުމާ މެދު ފާޑުކިޔާކަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބޭނުމެއް ނުވި އެވެ.