18 ޑިސެމްބަރ 2024 - 06:43

"އައި އޭމް ޕްރެގްނަންޓް!"
އަހަރެން ދިޔައީ ސިއްސައިގެންނެވެ. މީސްމީޑިޔާއަށް އަންހެނުން ވަރަށް ވަރު ހުންނަކަން އަހަންނަށް އެނގެއެވެ. އެކަމަކު އެ ވަރަށް ދެވިހިފި ކަމެއް ނޭނގެއެވެ. އަހަންނަކީ ފިރިމީހާއެވެ. އަންހެނުން މާބަނޑުވިކަން އަހަންނަށް ވެސް އެނގެން މި ޖެހުނީ އެފްބީއިންނެވެ. އޮފީހަކާ އޮފީހެކެވެ. ދިޔަ ގޮތަށް ގޮސް ރީތި މާބޮނޑިއަކާއި އަންހެނުންނަށް އެންމެ މީރު "ލިންޓް" އާމަންޑް ޗޮކުލެޓެއް ހިފައިގެން ގެއަށް ދިޔައީމެވެ.
އެއީ އުފާވެރި ވަގުތުކޮޅެކެވެ. ދަރިއަކު ބޭނުންވެގެން އަހަރުމެން ދެމަފިރިން އުޅޭތާ ދެ އަހަރު ފުރެނީއެވެ. އަހަރުމެންނަށް ދަރިޔަކު ނުލިބެނީބާއޭ، މައްސަލައެއް އުޅެނީ ކާކުގެ ބާއޭ ހިތަށް އަރައި އެ ވާހަކަ ވެސް އޮތީ ދެއްކެވިފައެވެ. ނަސީބަކުން އެ ބަނަ ވިލާތައް އެއްފަރާތް ވީއެވެ.
ނާދިޔާގެ ކާނާއަކީ މީސްމީޑިޔާއެވެ. އޭނަ އުކުނޑިކޮއްޓިޔަސް އެ ކަން ނޭނގޭ މީހަކު ނުހުރެއެވެ. އެފްބީގެ އިތުރުން އިންސްޓަގްރާމާއި ޓްވިޓަރާއި ސްނެޕްޗެޓާއި ޓިކްޓޮކްއަކީ ވެސް ނާދިޔާގެ އެކުވެރީންނެވެ. އެ ހުރިހައި އެކައުންޓުތަކެއް ބަރާބަރަށް ބަލަހައްޓައެވެ. އަހަރެން ހުންނަނީ ހައިރާން ވެފައެވެ. އަހަރުމެން ދެ މީހުންނަކަށް ވެސް ފައިސާގެ ދަތިކަމެއް ނެތެވެ. އަހަރެން ވަޒީފާ އަދާކުރަނީ ކުރާ ހިތްވާތީއެވެ. ވަޒީފާއިން ކެނޑުނަސް، މަންމަގެ ގެއިން ކުއްޔަށް ދީފައި ހުންނަ ބައިން ރަނގަޅު އާމުދަނީއެއް އަހަންނަށް ލިބެއެވެ. ނާދިޔާ ރެޔާއި ދުވާލު އުޅޭނީ ފޯނު އަތުން ދޫނުވެގެންނެވެ. އެ ކަމާ އަހަރެން އެހައި ހިތްހަމައެއް ނުޖެހެއެވެ. އެހެނަސް، އޭނަޔާ ކައިވެނި ކުރެވުނީ ޝަރުތެއްގެ މަތީންނެވެ. އޭނަގެ "މިނިވަންކަމަށް" އަހަރެން ހުރަސްނާޅާ މަތީންނެވެ. ވީމާ، އޭނަޔާ އޭނަގެ ފޯނާ ދެމެދަކަށް އަހަރެން ނުވަންނަމެވެ.
ނާދިޔާ ބޭނުންވީ ވިހަން ބެންކޮކަށް ދާށެވެ. އަހަރެން އެއްބަސްވީމެވެ. އޮފީހުން ބޮޑު ޗުއްޓީއެއް ނަގައިގެން އަހަރުމެން ފުރީމެވެ. އޭރު ނާދިޔާގެ ބަނޑަށް ތިރީސް ހަތަރު ހަފުތާއެވެ. ތިބޭނެ ތަނެއް ހޯދަމުން ގޮސް ނާދިޔާއަށް އެންމެ ކަމުދިޔަ ތަން ހުންނަނީ، މީހުން މަދުން އުޅޭ ހިސާބެއްގައެވެ. ނާދިޔާއަށް ކަމުދިޔަ ގެ އަހަންނަށް ވެސް ރީތިވިއެވެ. އެއީ އިނގެރޭސި ފާޑެއް ހުންނަ، ކުރީ ޒަމާނުގެ ވައްތަރުގެ ގެއެކެވެ. އެ ގެއަށް ވަނުމަށް ޓަކައި ފައިބަން ޖެހެނީ އަޑިކޮށް އޮންނަ މަގަކަށެވެ. ގޭގައި ބޮޑު ފެންގަނޑެއް އޮވެއެވެ. ބޮޑެތި މަސްތައް ވެސް އުޅެއެވެ. ގޯތި ތެރޭގައި ރީތި މާގަސްތައް ހުރެއެވެ. އެއީ ވަރަށް އަރާމު އިހުސާސެއް ކުރެވޭ ކަހަލަ ގެއެކެވެ. ގެ ހިފުމުން ކުޑަ ކާރަކާއި ޑުރައިވަރެއް ވެސް ލިބުނެވެ. ގުޅައިލީމައި އަންނަ ގޮތަށެވެ. އެ ހުރިހައި ކަމަކަށް ވުރެ ވެސް ހައިރާންކަން ބޮޑީ ގޭގެ މަހު ކުއްޔެވެ. ދިވެހި ފައިސާއިން ނަމަ ނަވާރަ ހާސް ރުފިޔާއެވެ.
ޑޮލަރު މާރުކޮށް، ކާން ބޭނުންވާ ސާމާނުތައް ހަމަކޮށްފައި، ހަވީރު ވަގުތު ނާދިޔާ ފެންވަރަން ވަނުމުން އަހަރެން ނުކުމެ ގެ ކައިރީގައި ހިނގައިލީމެވެ. މީހުން މަދު ހިސާބުގަނޑެކެވެ. އެކަމަކު ފެންނަ ކޮންމެ މީހަކު ބަލަހައްޓައިގެން ހުންނަކަން އަހަންނަށް ފާހަގަކުރެވުނެވެ. އަހަރެން ހިނިތުންވެލުމުން ކޮންމެ މީހަކު ވެސް އެ ފަދައިން ރައްދުދެއެވެ. ހީވާ ކަހަލައެވެ. އަހަރެން ފެނުމުން ކޮންމެ މީހަކު ވެސް ހައިރާންވެއެވެ. މަޑުމަޑުން ހިނގަމުން ދަނިކޮށް ކުޑަ ވަރެއްގެ ފިހާރައެއް ފެނުނެވެ. އެ ތަނުގައި ގިނައިން ހުރީ ތައްޔާރީ ކާނާ އާއި އާންމު ދިރިއުޅުމަށް ބޭނުންވާނެ އާދައިގެ ސާމާނެވެ. އަހަރެން ބޭނުންވާ ކަހަލަ އެއްވެސް އެއްޗެއް އެ ތާކު ނެތެވެ. އެހެނަސް، އެ ތަނުގައި އަހަރެން މަޑުކޮށްލީމެވެ. މީހުންގެ މޫނުމަތިން ފެންނަ ހައިރާންކަމަށް ޖަވާބެއް ލިބިދާނެ ކަމުގެ އުންމީދުގައެވެ.
"އެހެރަ ކަހަލަ ބަދަން ޕެކެޓެއް ދީބަލަ!" އިޝާރާތް ކޮށްލަމުން އަހަރެން އިނގިރޭސިން ބުނީމެވެ.
ސޭޓަކަށް އިނީ މެދުއުމުރުގެ މީހެކެވެ. އޭނަ އެއްޗެއް ދޭކަށް ނޫޅެއެވެ. ބަލަހައްޓައިގެން އިނީއެވެ.
"ތީ ކޮން ރަށެއްގެ މީހެއް؟" އިނގިރޭސިން އޭނަ އެހިއެވެ. "ޔަގީނުން ވެސް މި ރަށު މީހެއް ނޫން."
"މޯލްޑިވްސް!" އަހަރެން ބުނީމެވެ.
ދިވެހިރާއްޖެ ވީ އޭނަ އިވިފަރިތަ ނަމަކަށެވެ. ގައުމާ ބެހޭ ގޮތުން އިތުރު ސުވާލެއް ނުކުރެއެވެ.
"ތީ ތި ވީ ގޮތަކީ،" ބަދަން ޕެކެޓު ދެމުން އޭނަ ބުންޏެވެ. "މި ރަށު މީހަކު ކީއްކުރަން، ކައިރި ރަށެއްގެ މީހަކު ވެސް ކަލޭ ތި އުޅޭ ގެއަކު ނޫޅޭނެ. ސަކަރާތް ތަނެއް."
އަހަންނަކީ އެ ކަހަލަ ވާހަކަތަކުން އެއްވެސް އަސަރެއް ކުރާ މީހެއް ނޫނެވެ. އެހެނަސް، އޭނަގެ ވާހަކައިން ދެ ސުވާލެއްގެ ޖަވާބު ލިބުނެވެ. މީހުންގެ މޫނުމަތިން ފެންނަ ހައިރާން ކަމާއި ގޭގެ ކުލި ކުޑަވި ސަބަބެވެ. އެ ގެ ކުއްޔަށް ހިފަން މީހަކު ނާންނަނީއެވެ.
"ސަބަބެއް ނާހާނަންތަ؟" އޭނަ ބުންޏެވެ.
އެ ވަގުތު ނާދިޔާ ގުޅިއެވެ. އަހަރެން ޖެހުނީ ވާހަކަ މެދުކަނޑައިލާފައި ގެއަށް ދާށެވެ. ހިތަށް އެރިއެވެ. އެއްވެސް ހަގީގަތެއް ނެތް، ސަބަބު ރަނގަޅަށް އޮޅުންނުފިލާ ކަމެއް ނާދިޔާއާ ހިއްސާ ކުރުމުގެ ބޭނުމެއް ނެތެވެ. ބޭކާރު ގޮތުގައި ނާދިޔާ ކަންބޮޑުވެދާނެއެވެ. ނުލާހިކު ރީތި ގެއެކެވެ. އަހަރުމެން ދެ މީހުން ގަޔާވާ އެތައް ސިފައެއް ހުރި ތަނެކެވެ. އަޅައިނުލާނީއެވެ.
"ކޮން ތާކުން ތި އައީ؟" ބޮލުގައި ތުވާލި އޮޅައިގެން ހުރި ނާދިޔާ އެހިއެވެ.
"މި ހިސާބުގަނޑުގަ ބުރެއްޖަހާލީ!" އަހަރެން ބުނީމެވެ. "ވަރަށް ނައިސް މީހުން އުޅޭ ހިސާބެއް. އެންމެން ވެސް ސްމައިލް ކޮށްލާ! ފޯނުން ވާހަކަދެއްކި އިރު ހީވި ނާދިޔާ ކުޑަކޮށް ހާސްވެފަ ހުރިހެން."
"އުހުނ! އަހަރެން ކޮން ހާހެއްވާކަށް،" ބޯހިއްކަމުން ނާދިޔާ ބުންޏެވެ. "ކާން ބޭރަށް ދާނީ ދޯ؟"
ކާރުދުއްވަން އަހަންނަށް އެނގެއެވެ. ނޭނގެނީ އެ ހިސާބުގަނޑެވެ. އެހެންވެ، ޑުރައިވަރު ގެނެސްގެން ކާރުގައި ނުކުތީމެވެ.
"ހުރިހާ ކަމެއް އޯކޭ؟" ޑުރައިވަރު އިނގިރޭސިން އެހިއެވެ.
"އާނ! ހުރިހާ ކަމެއް ވެސް ހަމަ ބެސްޓް،" އަހަންނަށް ވުރެ ކުރިން ނާދިޔާ އިނގިރޭސިން ޖަވާބުދިނެވެ. "މި ހިސާބު ގަސްތަކު ތެރޭގަ ފާޑުފާޑުގެ ޖަނަވާރުތައް އުޅޭތަ؟"
"ބޮޑެތި އެއްޗިއްސެއް ނޫޅޭނެ،" ޑުރައިވަރު ބުންޏެވެ. "ކުދިކުދި އެއްޗެހި އުޅޭނެތާ! ވަރަށް ގިނަ ވައްތަރުގެ ދޫނި އުޅޭނެ. ގޮވާ އަޑު އިވެއެއްނު!"
"އާނ ޔޭސް!" ނާދިޔާ ބުނެލީ އެހެންނެވެ.
"އެއީ ކީއްވެ ގޭގެ ކުލި އެހާ ކުޑައީ؟" އަހަރެން އެހީމެވެ.
"ސާމަރާދޫނި ފާޑުގެ ދޫންޏާ، ބޮޑެތި ގުރާތައް ގޯތި ތެރެއަށް އަންނާނެ،" ޑުރައިވަރު ބުންޏެވެ. "ނިކަން ކުދިކުދި މަޖާ ދޫނިތަކެއް ވެސް އުޅޭނެ. ވަރަށް ގިނަ އަޑުއަޑުން ގޮވާނެ. ދޫންޏާ ނުގުޅޭ އަޑުއަޑު ވެސް ނެރޭނެ."
އަހަރެން ހިތަށް އެރިއެވެ. އަހަރެން ކުރި ސުވާލު ޑުރައިވަރަށް ނީވުނީބާ އެވެ؟ އިވުނު ކަމަށް ނެހެދީބާ އެވެ؟
"އަހަރެން ބުނީ..." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.
"ގޭގެ ބިއްދޮށުން ދާ އިރު، އެ ދިމާގަ އޮންނާނެ ފެންގަނޑެއް،" ޑުރައިވަރު ބުންޏެވެ. "އެ ތަނަށް ވަރަށް ރީތި ދޫނި އަންނާނެ. އާންމުކޮށް ނުފެންނަ މާތައް ވެސް އެ ތާ ހުންނާނެ."
ދެން އަހަރެން އެއްޗެއް ބުނާނެ ފުރުސަތެއް ޑުރައިވަރު ނުދިނެވެ. އެއީ އޭނަ ގަސްތުގައި ކުރި ކަމެކެވެ.
ފުރަތަމަ ރޭ ނިދާކަށް އެހައި ފަސޭހައެއް ނުވިއެވެ. އެއީ އަހަންނަށް ވާ ގޮތެކެވެ. އަލަށް ތަނަކަށް ހިނގައްޖެ ނަމަ ފުރަތަމަ ދެތިން ރޭ އަހަރެންނަށް ނިދޭނީ ތަންކޮޅެއް ލަހުންނެވެ. ދޭތެރެއަކުން ހޭލެވޭނެއެވެ. ނާދިޔާ ދިމާ އިދިކޮޅެވެ. އޭނަ ހަމަ އެނދުގައި ޖެހޭ އިރަށް ނިދައެވެ. އެހެނަސް، އެ ގޭގެ ފުރަތަމަ ރޭ ނާދިޔާއަކަށް ވެސް ނުނިދުނެވެ. ފޯނާ ކުޅެން އޮތީއެވެ. ގޭގެ ފޮޓޯތަކާއި ގަސްގަހާއި މާތަކުގެ ފޮޓޯ އާއި މަސްފެންގަނޑުން މަސްތަކުގެ ފޮޓޯތައް އޭނަ ނަގާފައި ހުއްޓެވެ. އެކި ދިމަދިމާތަކަށް ފޮޓޯލުމުގައި އަވަދި ނެތި އޭނަ އުޅުނެވެ.
"އެ އިވުނީ!" ކުއްލިއަކަށް އިވުނު އަޑަކާ އެކުގައި ނާދިޔާއަށް ބުނެވުނެވެ.
"ކޯޗެެއް؟" އަހަރެން އެހީމެވެ. "ކޯޗެއް އިވުނީ؟"
"ނޯޓިސްއެއް ނުކުރެވުނުތަ؟" ނާދިޔާ އެހިއެވެ. "އަހަރެން ފެންވަރަން ހުއްޓާ ވެސް ހަމަ އެ އަޑޭ އިވުނީ. އެހެންވެޔޭ އަނިލްއަށް ގުޅީ. އެ އިވުނީ!"
އެ ފަހަރު އަހަންނަށް ވެސް ފާޑެއްގެ އަޑެއް އިވުނުހެން ހީވިއެވެ. ހީވަނީ، ތަށިމުށި ޖަހާފައިވާ ތަޅުންގަނޑެއް މަތީގައި، ހުސްފައިގައި ކުޑަކުއްޖަކު ދުވާ އަޑުހެންނެވެ. އެ ގޭގެ ތަޅުންގަނޑު ހަދައިފައި އޮންނަނީ ކުލަކުލައިގެ ލަކުޑީންނެވެ. މަދު ބައެއް ތަންތަނުގައި ތަށިމުށި ވެސް ހުރެއެވެ. އެ ދަނޑިވަޅަކީ، އަހަރެން ގާތުގައި ސޭޓު ބުނި ވާހަކަ ބުނެލަން މުނާސަބު ދަނޑިވަޅެކެވެ. އެކަމަކު ފަހަށް ލަސްކޮށްލީމެވެ.
"އަޑުއަޑު އިވޭނެއްނު!" އަހަރެން ބުނީމެވެ. "މީ ސަހަރާއެއް ނޫންވިއްޔަ!"
ހެނދުނު ސައި ބުއީ ގޭގައެވެ. އެކަމަކު މާލޭގައި ކާހެން ރޮށްޓާއި ރިހައެއް ނުކަމެވެ. އަހަރުމެން އިންސާފުކުރީ އިނގެރޭސި ފާޑުގެ ސަޔަކަށެވެ. ކޯންފްލޭކްސް އާއި ޕާނާއި ބިސްގަނޑު ކަހަލަ އެއްޗިއްސެވެ. ހެނދުނު އިރުއަރައިގެން އައި އިރު، ގޯތިތެރެ ވަކީން ނަލައެވެ. ފެހި ވިނަގަނޑާއި މާތައް ބަރާވެފައިވާ އެކި ވަރުގެ ގަސްތަކުން ހިތަށް ފިނިކަން ގެނެސްދިނެވެ. ޑުރައިވަރު ބުނި ފަދައިން ދޫނިތައް ވެސް އައިސް އުޅުނެވެ.
"ހިނގާބަލަ އެ ބުނާ ފެންގަނޑު ބަލައިލަން،" ނާދިޔާ އެދުނެވެ. "ހިނގާލާފަ ދޯ ދާނީ؟ އަހަރެން އެބަ ޖެހޭ ހިނގަން."
އަހަރުމެން ހިނގާފައި ނުކުތީމެވެ. އޭގެ ސަބަބުން ނުބައި ނަތީޖާއެއް ނުކުމެދާނެހެން އަހަންނަށް ހީވިއެވެ. ހިތަށްއެރިއެވެ. ކޮންމެވެސް އެއްދުވަހަކުން ނާދިޔާއަށް އެ ކަން އެނގޭނެއެވެ. އޭނަ ގެ ދޫކޮށްލަން ބޭނުންވެއްޖެއްޔާ ދޫކޮށްލާނީއެވެ. ރީތި ގެތައް އަދިވެސް ހުންނާނެއެވެ. ތަންކޮޅަކަށް ހިނގި ތަނައި، މޮޔަ ގޮތަކަށް ހުރި ފިރިހެނަކު އަންނަ ތަން ފެނުނެވެ. އޭނަގެ އަންނައުނު ހުރީ ބާވެފައެވެ. ބޮލާއި ތުނބުޅިމަތިމަސް ހުރީ ދިގުވެފައެވެ. އޭނަ އާއި އަހަރުމެން ވެސް ހިނގީ މަގުގެ އެއްފަޅިއަކުންނެވެ. އަހަރެން ނުވެސް ދެނަހުރިކަމަށް ހެދިފައި، ނާދިޔާގެ އަތުގައި ހިފައިގެން މަގުގެ އަނެއް ފަޅިއަށް އެރީމެވެ. އޭނަ ވަގުތުން މަގު ހުރަސްކޮށް، އަހަރުމެންނާ ދިމާއަށް އަންނަން ފެށިއެވެ. އަތުގެ އިޝާރާތުން ހުއްޓޭށޭ ބުންޏެވެ. މުޅި މަގުގައި ވެސް އެހެން މީހަކު ނެތެވެ. އަހަންނަށް ދުއްވައި ގަނެވިދާނެއެވެ. ނާދިޔާއަކަށް ނުދުވެވޭނެއެވެ. އަހަރުމެން ހުއްޓުނީމެވެ.
"އެކަކަށް ވެސް އެ ގެއަކު ނޫޅެވޭނެ!" ގެއަށް އިޝާރާތް ކޮށްފައި، އިނގިރޭސިން އޭނަ ބުންޏެވެ. (ނުނިމޭ)