17 ޑިސެމްބަރ 2024 - 16:28

މާލޭގެ ގެއެއްގައި ސާފުތާހިރުކަން ކުޑަކޮށް، ކާބޯތަކެތި ހަދައި އާއްމުންނަށް ވިއްކަމުން ދިޔަ ބިދޭސީއަކު އިމިގްރޭޝަނުން ރޭ އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ އެ ބިދޭސީމީހާ ހިފެހެއްޓީ ލިބުނު ރިޕޯޓަކާ ގުޅިގެން ހެންވޭރު ގެއެއް ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ. އެތަނުގައި ކާބޯތަކެތި ތައްޔާރުކުރަމުން ދިޔައީ އާއްމު މިންގަނޑާ ޚިލާފަށް، ވިޔަފާރީގެ ބޭނުމަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން މީޑިއާތަކާ ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އާއްމުކޮށް ފިހާރަތަކުން ގަނެގެން ބޭނުންކުރާ ގިނަ ބާވަތްތަކެއް އެތަނުގައި ތައްޔާރުކުރެ އެވެ. އޭގެތެރޭގައި، ތެލުލި ފަތާއި މަހާއި ހެލެނބެލި ހުތް ޕެކެޓް ފަދަ ތަކެތި ހިމެނެ އެވެ. މީގެ އިތުރުން ކޮށި ފޯއް ވެސް ޕެކެޓްކޮށްގެން ވިއްކަ އެވެ.
ބިން މަތީގައި ސަމާނުތައް ބަހައްޓައިގެން ބަންދުކުރަމުން ދިޔައިރު، މުޅިތަން އޮތީ ކެއިން ބުއިމަށް ތަކެތި ތައްޔާރުކުރާ ވަރަށް ވުރެ ނަޖިސްކޮށެވެ.
އިމިގްރޭޝަނުން ބުނީ އެ ވިޔަފާރި ބިދޭސީ މީހާ ހިންގީ ގާނޫނާ ޚިލާފަށް ކަމަށެވެ.
ރާއްޖޭގައި ގާނޫނާ ޚިލާފަށް ވިޔަފާރި ހިންގާ ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަނުން އަންނަނީ ހުއްޓުވަމުންނެވެ.
ބިދޭސީންގެ މައްސަލަތައް ހައްލުކުރަން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން، ހޯމް މިނިސްޓްރީން ބުނެފައި ވަނީ އެ އޮޕަރޭޝަންގައި އިމިގްރޭޝަނަށް ވަދެވޭ ތަންތަނުގައި ވިޔަފާރިއަށް، އަދާޔާހިލާފަށް ގިނައިން ކާބޯތަކެތި ތައްޔާރުކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނަށް އެހީވެ، މައްސަލަތައް ރިޕޯޓް ކުރަން "އިމިގްރޭޝަން ވޮޗް" ޕޯޓަލް ވަނީ ތައާރަފްކޮށްފަ އެވެ. މިދިޔަ ޖުލައި މަހު އާއްމުކުރި އެ ޕޯޓަލްއަށް ހަތަރު މަސް ތެރޭގައި ހާހަކަށް ވުރެ ގިނަ މައްސަލަ ހުށަހެޅި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
ގަވާއިދާ ޚިލާފު ބިދޭސީން ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނައިރު، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 5،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފަ އެވެ.