17 ޑިސެމްބަރ 2024 - 11:49

އުމުރު ދުވަހުގެ ޖަލު ހުކުމެއްގެ އަދަބު އަންނަ މަސްތުވާތަކެތީގެ ކުށަކަށް އިއުތިރާފުވުމުން، ދައުލަތާ އެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އެ މީހާގެ މައްޗަށް ލުއި އަދަބެއް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.
ވެލާނާ އެއާޕޯޓުގައި ފުރަން ގޮސް ހުއްޓާ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ޑައިމޯފިން ޓްރެފިކިންގެ ދައުވާ ދައުލަތުން އުފުލީ ގދ. މަޑަވެލީ، އުދަރެސް، ސަހާ ވަހީދުގެ މައްޗަށެވެ. ސަހާ ވަހީދުގެ ޖިންސު ތެރެއިން ނެގި ޕެކެޓަކުން 202 ގްރާމްގެ ޑައިމޯފިން ފެނިފައިވެ އެވެ.
މިދިޔަ އޮގަސްޓް މަހު ސަހާ ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާ އުފުލުމުން ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ. އޭނާ ކުށަށް އިއުތިރާފުވުމަށް ބޭނުންވީ އުމުރު ދުވަހުގެ ޖަލު އަދަބުން ސަލާމަތްވެ ލުއި އަދަބެއް ހޯދުމަށެވެ.
އެގޮތުން ދައުލަތާ އެކު ހެދި އެއްބަސްވުމުގައި އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 12 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމަކާ އެކު 50،000ރ. އިން ޖޫރިމަނާ ކުރުމެވެ. މިއީ ޓްރެފިކިންގެ ކުށުގެ އަސްލު އަދަބުގެ ދެ ބައި ކުޅަ އެއް ބައި އެވެ.
ކްރިމިނަލް ކޯޓުން ވަނީ އެ އެއްބަސްވުން ބަލައިގަނެ، އެއްބަސްވުމާ އެއްގޮތަށް އޭނާގެ މައްޗަށް ހުކުމް އިއްވައިފަ އެވެ.
ސަހާ ކޯޓުގައި ބުނެފައިވާ ގޮތުގައި އޭނާ ކުށަށް އިއުތިރާފުވީ އެއްވެސް މަޖުބޫރުކަމެއް، ނުފޫޒެއް ނެތި ބުއްދި ސަލާމަތުން ހުރެ ފުރިހަމަ އިހްތިޔާރުގަ އެވެ.