އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

މެންޗެސްޓާ (މާޗް 8) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ސްވިޑެންގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ތިން މެޗަށް ސަަސްޕެންޑް ކުރުމަށް އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ބޯންމައުތާއި ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން ބޯޅައިގައި ބޮލުން ޖަހަން އުޅުމުގެ ތެރޭގައި އިބްރަހިމޮވިޗް އަތުން ބޯންމައުތުގެ ޑިފެންޑަރު ޓައިރަން މިންގްސް ބޮލުގައި އުޅަބޮށިން ޖެހުމުން އެ ޓީމުގެ ކުޅުންތެރިން ވަނީ އިބްރަހިމޮވިޗަށް ރަތް ކާޑު ދެއްކުމަށް ވަރަށް ބޮޑަށް އެޕީލްކޮށްފަ އެވެ. އޭގެ ފަހުން މިންގްސް ވެސް ވަނީ އިބްރަހިމޮވިޗަށް ހަމަލާދީފަ އެވެ.

އެ މެޗުގެ ތެރެއިން މާ ބޮޑު އަދަބެއް އިބްރަހިމޮވިޗާއި މިންގްސް އަށް ނުދިން ނަމަވެސް ވީޑިއޯ އަށް ބެލުމަށް ދެ ކުޅުންތެރިންނަށް އަދަބުދޭން އިނގިރޭސި އެފްއޭ އިން ނިންމި އެވެ. އަދި މައްސަލަ އެޕީލް ކުރަން ފުރުސަތު ދިނުމުން މިންގްސް އެޕީލްކުރަން ނިންމި ނަމަވެސް އިބްރަހިމޮވިޗް ނިންމީ ސަސްޕެންޝަން ބަލައިގަތުމަށެވެ.

އިނގިރޭސި އެފްއޭ އިން މި މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑް ކުރުމަށެވެ. ސަސްޕެންޝަނުގެ ސަބަބުން އިބްރަހިމޮވިޗަށް ގެއްލޭ ތިން މެޗަކީ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި އަންނަ ހޯމަ ދުވަހުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗާއި ޕްރިމިއާ ލީގުގައި މިޑްލްސްބަރާ އާއި ވެސްޓް ބްރޮމްވިޗް އެލްބިއަން ކުޅޭ މެޗެވެ.

ސަސްޕެންޝަންގައ ހުރި ނަމަވެސް އިބްރަހިމޮވިޗަށް ޔޫރޮޕާ ލީގުގައި ކުޅެވޭނެ އެވެ. އެއީ މި ސަސްޕެންޝަނަށް އަމަލުކުރާނީ އިނގިރޭސި އެފްއޭގެ މުބާރާތްތަކުގައި ކަމަށްވާތީ އެވެ.

ހިލޭ ޓްރާންސްފާއެއްގައި މި ސީޒަނުގައި ޔުނައިޓެޑަށް ބަަދަލުވި އިބްރަހިމޮވިޗް ވަނީ މި ސީޒަނުގެ މިހާތަނަށް އެ ޓީމަށް 26 ލަނޑު ޖަހައިދީފަ އެވެ. އަދި ޔުނައިޓެޑުން މި ސީޒަނުގައި އިނގިރޭސި ލީގު ކަޕް ކާމިޔާބު ކުރިއިރު އިބްރަހިމޮވިޗްގެ ދައުރު ބޮޑެވެ.

ސަސްޕެންޝަންގެ މުއްދަތު ހަމަކުރުމަށް ފަހު އިބްރަހިމޮވިޗް ލީގު މެޗަކުން ފެންނާނީ އަންނަ މަހު 4 ވަނަ ދުވަހު އެވެ. އެ ދުުވަހު ޔުނައިޓެޑް ކުޅޭނީ އެވަޓަންއާ ދެކޮޅަށެވެ.