ޑޭޓާ ސަލާމަތްކުރަން ސަރުކާރަށް ވޭކަޕް ކޯލެއް!
ޑޭޓާ ސަލާމަތްކުރަން ސަރުކާރަށް ވޭކަޕް ކޯލެއް!

ސަރުކާރުގެ މުހިންމު އިދާރާތަކެއްގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއިން އެތައް މައްސަލަތަކެއް "ހޫނުވި" އެވެ. އެކި ސަރުކާރުތަކުން ވެފައިވާ ބޮޑެތި އިހުމާލުތަކުގެ ސަބަބުންނެވެ. މިހާރު ރައްޔިތުން އެ ކުރަނީ އެ ޝަކުވާ އެވެ. އެއް ކަމަކީ، ދައުލަތަށް އިތުބާރުކޮށް، އެ އިދާރާތަކުގައި ރައްކާކޮށްފައި ހުރި، ރައްޔިތުންގެ މުޅި ދިރިއުޅުމާ ގުޅިފައިވާ މުހިންމު އެތައް ލިޔެކިޔުމެއް އަނދައި އަޅިޔަށް ވެގެން ދިޔަ ކަމުގެ ބިރެވެ.

ޑޭޓާ ސަލާމަތްކުރަން ސަރުކާރަށް ވޭކަޕް ކޯލެއް!
ޑޭޓާ ސަލާމަތްކުރަން ސަރުކާރަށް ވޭކަޕް ކޯލެއް!

އެ ހާދިސާއަށް މިއަދު ހަފުތާއެއްވީ އެވެ. ރައްޔިތުން އަދިވެސް ތިބީ އުއްމީދީ ޖަވާބެއްގެ އިންތިޒާރުގަ އެވެ.

ޑޭޓާ ސަލާމަތްކުރަން ސަރުކާރަށް ވޭކަޕް ކޯލެއް!
ޑޭޓާ ސަލާމަތްކުރަން ސަރުކާރަށް ވޭކަޕް ކޯލެއް!

މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ހައުސިން މިނިސްޓްރީގައި ރޯވި ޚަބަރު ލިބުމާ އެކު ވެސް ރައްޔިތުން އެންމެ ފުރަތަމަ ބުނީ "ތިމަންނާމެންގެ ފްލެޓް ލިސްޓު އަނދައިގެން ދިޔައީ" ކަމަށެވެ. އެކަމަކު، ކަން ދިމާކުރި ގޮތުން، ސަލާމަތްކުރެވުނުކަން އޭރު ޔަގީން ކުރެވުނީ ވެސް ހަމައެކަނި އެ ފްލެޓު ލިސްޓެވެ. އެ ނޫން ލިޔެކިޔުމެއް ސަލާމަތްކުރެވުނު ކަމުގެ ޔަގީން ކަމެއް އޭރަކު ނެތެވެ.

ޑޭޓާ ސަލާމަތްކުރަން ސަރުކާރަށް ވޭކަޕް ކޯލެއް!
ޑޭޓާ ސަލާމަތްކުރަން ސަރުކާރަށް ވޭކަޕް ކޯލެއް!

ފްލެޓް ލިސްޓު ސަލާމަތް ކުރެވުނީ އެ މައުލޫމާތު މިނިސްޓްރީގެ ހިޔަލުން "މާ މަތީގައި" ރައްކާކުރެވިފައި ހުރުމުންނެވެ. އެކަމަކު، މިނިސްޓްރީގެ ހިޔާވަހިކަމުގެ ދަށުގައި ހުރި މައުލޫމާތު އެހާ މައްޗަށް ނުނެގި ހުރުމުގެ ނަތީޖާއަކީ ދައުލަތާއި ރައްޔިތުންގެ މުހިންމު އެތައް ލިޔެކިޔުމެއް ގެއްލިދާނެ ކަމުގެ ބިރު އޮތުމެވެ.

ޑޭޓާ ސަލާމަތްކުރަން ސަރުކާރަށް ވޭކަޕް ކޯލެއް!
ޑޭޓާ ސަލާމަތްކުރަން ސަރުކާރަށް ވޭކަޕް ކޯލެއް!

މި ހާދިސާ މިހެން ހިނގުމުން ރައްޔިތުން އުފައްދަނީ އެކި ސުވާލުތަކެވެ. ތިން މިނިސްޓްރީއެއްގައި ރޯވެ، މި ވަރުގެ ބޮޑު ގެއްލުމެއް ލިބުމުން ދައުލަތުގެ ދެން ހުރި އިދާރާތަކުގެ ހާލަތަކީ ކޮބައިހެއްޔެވެ؟ އެ ތަންތަނުގައި ހުރި ދައުލަތުގެ ލިޔެކިޔުންތައް ރަނގަޅަށް އެބަ ބަލަހައްޓާ ހެއްޔެވެ؟ އެ ކަމަށް އޮތް ޔަގީންކަމަކީ ކޮބައި ހެއްޔެވެ؟ މި ކަހަލަ ކަމެއް ދެން ތަކުރާރު ނުވާނެ ހެއްޔެވެ؟

ޑޭޓާ ސަލާމަތްކުރަން ސަރުކާރަށް ވޭކަޕް ކޯލެއް!
ޑޭޓާ ސަލާމަތްކުރަން ސަރުކާރަށް ވޭކަޕް ކޯލެއް!

ގިނަ އިދާރާތަކުގައި އަދިވެސް ލިޔެކިޔުންތައް ބަހަލައްޓަނީ ކަރުދާހުގަ އެވެ. ބައެއް އިދާރާތަކުގައި ސާވާތައް ބަހައްޓައިގެން އޭގައި ޑިޖިޓަލް ކޮޕީތައް ރައްކާ ކޮށްފައި އެބަހުއްޓެވެ. އެކަމަކު، އެއީ ވެސް އެންމެ ރައްކާތެރި ގޮތް ނޫންކަން މި ހިނގައިދިޔަ އަލިފާނުގެ ހާދިސާ އިން މި އޮތީ ކަށަވަރުވާށެވެ.

އަލިފާނުގައި ގެއްލުންވި ހައުސިން މިނިސްޓްރީގެ ވަރަށް ގިނަ މައުލޫމާތުތައް ހުރީ އެ އިދާރާގެ ސާވާތަކުގަ އެވެ. އޭގެ ތެރޭގައި، މުވައްޒަފުންގެ މައުލޫމާތާއި އެކިއެކި މަޝްރޫއުތަކުގެ މުހިންމު މައުލޫމާތުތަކާއި ގޭގޭގެ ރަޖިސްޓަރީތަކާއި ކުރެހުންތައް ވެސް ހިމެނެ އެވެ. އެކަމަކު، އަލިފާނުގައި ސާވާތަކަށް ވެސް ގެއްލުންވުމުން އޭގައި ހުރި ޑޭޓާ ރިކަވާކުރެވޭނެ ކަމުގެ ޔަގީކަން ނެތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ސަރުކާރުގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވި ގޮތުގައި، މިނިސްޓްރީތަކުގެ މުހިންމު މައުލޫމާތުތައް ގެއްލުމުގައި އޮތީ އެ ތަންތަނުގެ އިހުމާލެވެ. އެ ލިޔެކިޔުންތަކުގެ ބެކަޕެއް ޑޭޓާ ސެންޓަރެއްގައި ރައްކާކޮށްފައި ހުރި ނަމަ މި ހާލަތު ކުރިމަތިނުވީހެވެ. އޭނާގެ މިނިސްޓަރު ކަމުގެ ދައުލަތުގެ ހުރިހާ އިދާރާއަކަށް ވެސް އެކަމަށް ވަރަށް ބޮޑަށް ބާރު އެޅުއްވި ކަމަށް ވިދާޅުވި އެވެ.

އެންސީއައިޓީ ބެލެހެއްޓުމާ ވެސް އޭރު ހަވާލުވެވަޑައިގެން ހުންނެވި މަލީހު ވިދާޅުވީ 2019 ވަނަ އަހަރު ހައުސިން މިނިސްޓްރީގެ ސިސްޓަމްތަކަށް ރެންސޮމްވެއާ އެޓޭކެއް އައުމާ ގުޅިގެން، އެންސީއައިޓީން އެހީތެރިިކަން ދިން ކަމަށެވެ. އޭރު ސިސްޓަމްތައް ރިކަވާކޮށް، މިނިސްޓްރީގެ މުހިންމު މައުލޫމާތުތަކުގެ ބެކަޕެއް އެންސީއައިޓީގައި ބަހައްޓަން ލަފާދިން ކަމަށް ވިޔަސް، އެކަން ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، މިފަދަ ހާދިސާއެއް ކުރިމަތިވެދާނެ ކަމަށް ބަލައި، އެންސީއައިޓީގެ ބެލުމުގެ ދަށުގައި ހުންނަ ނޭޝަނަލް ޑޭޓާ ސެންޓަރުގައި ދައުލަތުގެ އިދާރާތަކުގެ މުހިންމު ޑޭޓާތައް ރައްކާކުރަން އިލްތިމާސްކުރި ނަމަވެސް މަދު އިދާރާއަކުން ނޫނީ އެކަމަށް އިޖާބަ ނުދޭ ކަމަށެވެ.

"ނޭޝަނަލް ޑޭޓާ ސެންޓަރަކީ އައިއެސްއޯ ސެޓިފައިޓް [ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭ] ސެންޓަރެއް. މާނައަކީ މާލެއިން ކަރަންޓު ދިޔަސް ބެކަޕް ޖަނަރޭޓަރު އެތަނުގައި ހުންނާނެއޭ، އަދި ބެޓަރީ ޕަވާ ބޭނުންކުރެވޭނެއޭ [ޑޭޓާއަށް އެކްސެސް ވާން]. ފުދޭވަރަކަށް ރަނގަޅު ޑޭޓާ ސެންޓަރެއް،" މަލީހު ވިދާޅުވި އެވެ.

އެންސީއައިޓީން އޭރު ރާއްޖޭގެ އުތުރާއި ދެކުނުގައި ޑިޒާސްޓާ ރިކަވަރީ ސެންޓަރުތައް [ޑީއާރު ސެންޓަރު] ހަދަން ވެސް މަސައްކަތްކުރި އެވެ. ޑީއާރު ސެންޓަރަކީ، ޑޭޓާ ސެންޓަރު ހުރި ސަރަހައްދުގައި ނުރައްކާތެރި ހާދިސާއެއް ނުވަތަ ކާރިސާއެއް ހިނގައިފާނެ ކަމަށް ބަލައި، އެތަނުގައި ހުރި ޑޭޓާތަކުގެ ބެކަޕެއް އެހެން ސަރަހައްދެއްގައި ރައްކާކުރުމަށް ހަދާ ސެންޓަރުތަކެވެ.

މި ވަގުތު ރާއްޖޭގައި އެންމެ ރަނގަޅަށް ޑޭޓާ ބަލަހައްޓާ އެއް ބަޔަކީ އުރީދޫ އެވެ. އެ ކުންފުނީގެ ޑޭޓާ ސެންޓަރެއް ހުޅުމާލޭގައި ހުރެ އެވެ. އަދި ޑީއާރު ސެންޓަރެއް ހދ. ކުޅުދުއްފުށީގައި އެބަހުއްޓެވެ.

މަލީހު ވިދާޅުވި ގޮތުގައި، ސަރުކާރުން ވެސް ދައުލަތުގެ އިދާރާތަކުގެ ލިޔެކިޔުންތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މި އުސޫލުން ޑޭޓާ ސެންޓަރާއި ޑީއާރު ސެންޓަރުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހަދަން ޖެހެ އެވެ.

"މި ބޭފުޅުން މިހާރު ދައްކަވާ ވާހަކައެއް ކްލައުޑުގައި ހޮސްޓުކުރުން. އެއީ ވަރަށް އަގުބޮޑު ހިދުމަތެއް. ސަރުކާރުގެ ހުރިހާ އިދާރާއަކުން އެކަން ކުރަން ވެއްޖިއްޔާ ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމެއް. ހާއްސަކޮށް ރާއްޖޭގެ ޖުރިސްޑިކްޝަނުން ބޭރު ވަންޏާ އެއީ ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމެއް،" މަލީހު ވިދާޅުވި އެވެ.

ދާއިރާގެ ތަޖުރިބާކާރު އެހެން ބޭފުޅަކު ވެސް ވިދާޅުވީ ކްލައުޑުގައި ޑޭޓާ ރައްކާ ކުރުމަކީ ހަރަދު ބޮޑު، ދައުލަތަކަށް ދެމެހެއްޓެނިވި ގޮތަކަށް ނުވާނެ ކަމަށެވެ. ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ދައުލަތުގެ ހުރިހާ ޑޭޓާ ރައްކާކުރަނީ އެ ގައުމެއްގެ ނޭޝަނަލް ޑޭޓާ ސެންޓަރުގައި ކަަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ސަރުކާރުގެ ގިނަ އޮފީސްތަކުގެ އައިޓީ ޑިޕާޓްމަންޓުގެ ހާލަތު ވެސް ވަރަށް ދަށެވެ. ރަނގަޅު، ފަންނީ މުވައްޒަފުން މަދުވުމާއި ސާވާ ރޫމްތަކުގެ ސެކިއުރިޓީ ދަށްވުމާއި މި ކަހަލަ އެތައް މައްސަލަތަކެއް އެބަހުއްޓެވެ. ބައެއް އިދާރާތަކުން ބޭނުންވަނީ، އެ އިދާރާތަކުގައި އެ ވަރުގެ ކެޕޭސިޓީއެއް ނެތް ނަމަވެސް އެތަނެއްގެ ޑޭޓާ އެ ބަޔަކު އަމިއްލައަށް ބަލަހައްޓާށެވެ.

މަލީހު ވެސް މިކަން ފާހަގަކުރެއްވި އެވެ.

"ވަރަށް ގިނަ މިނިސްޓްރީތަކުގައި އަޅުގަނޑަށް ފާހަގަކުރެވުނު އެ ބޭފުޅުން ބޭނުމެއް ނުވޭ ހުންނަ ޑޭޓާތަކެއް ހިއްސާ ކުރާކަށް. ހިއްސާ ކުރާށޭ މި ދެންނެވީ އެ ބޭފުޅުންގެ އިމާރާތުން ބޭރުވާކަށް. އެ ބޭފުޅުންގެ ބެލުމުގެ ދަށުން ވެސް އެންސީއައިޓީގައި ބަހައްޓާކަށް ބޭނުމެއް ނުވޭ. އެއީ އެ ބޭފުޅުންގެ ގޯސް ނިޔަތެއް އެކަމުގައި އޮތީމަ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

އެންސީއައިޓީ މިހާރު ހިންގަނީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުންނެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ދައުލަތުގެ ހުރިހާ ޑޭޓާއެއް އެއްފުރާޅެއްގެ ދަށަށް ގެނެސް، އެންސީއައިޓީގައި ޕްރައިމަރީ ޑޭޓާ ބަލަހައްޓައި އޭގެ ބެކަޕް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވެސް ހިމަނާފައިވާ ކަމެއް ކަމަށެވެ. އެކަން ކުރުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މޮޑެލް އަށް މިހާރު ވެސް މަސައްކަތްތަކެއް ކުރެވެމުން ދަނީ. ދައުލަތުގެ ބައެއް މުއައްސަސާތައް އޯލްރެޑީ އެ މޮޑިއުލްގައި އެ ދަނީ ކުރިއަށް. ހުރިހާ ތަނެއް އޮންބޯޑް ކުރުމުގެ މަސައްކަތް ފަސް އަހަރު ނިމުމުގެ ކުރިން ކުރާ ގޮތަށް ރާވައިގެން ދަނީ،" އޭނާ ވިދާޅުވި އެވެ.

"އެންސީއައިޓީގެ ޑީއާރު ސައިޓެއް އަޅުގަނޑުމެން ހަދާނަން."

މިހާރު ހުރި ޑޭޓާ ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ޑޭޓާތައް ރިކަވާކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ. މިހާތަނަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ގާތްގަނޑަކަށް 80 ޕަސެންޓް ޑޭޓާ ރިކަވާ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ [ބޮޑު ބައެއް ރިކަވާ] ވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، ދައުލަތުގެ ގިނަ އިދާރާތަކުގައި ޑޭޓާ ރައްކާކޮށްފައި ހުރީ އެ ތަންތަނުގައި ހުރި ސާވާތަކުގައި ކަމަށާއި ބައެއް ތަންތަނުގައި އޭގެ ބެކަޕް ހެދޭނެ ގޮތަށް ހުރި ކަމަށެވެ. ނަމަވެސް، އެ ނިޒާމު ވެސް ނެތް ތަންތަން ދެނެގަތުމަށްޓަކާ އެސަސްމަންޓެއް މިހާރު ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ މުހިންމު ބައެއް ލިޔެކިޔުންތައް ވެސް ގެއްލުނެވެ. ސިޓީ ކައުންސިލުން މިހާރު ވަނީ ގެއްލުނު ބައެއް މައުލޫމާތު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. މިނިސްޓްރީތަކަށް ވެސް މިހާރު އޮތީ މި ގޮތެވެ. ދައުލަތުގެ އެހެން އިދާރާތަކުން ލިބެންހުރި އެ މިނިސްޓްރީއަކާ ގުޅޭ މައުލޫމާތު އަވަހަށް އެއްކުރުމެވެ.

ރާއްޖެ ޑިޖިޓަލް ކުރާ ވާހަކަ ކޮންމެ ސަރުކާރަކުން ދެއްކިޔަސް، މި ކަހަލަ ހާދިސާއެއް ހިނގުމުން މި އެނގެނީ އެ ޓާގެޓަށް ވާސިލުވުމަށް ކުރަން އޮތް މަސައްކަތް އަދިވެސް ވަރަށް ބޮޑު ކަމެވެ. ހާސިލްވީ ކުޑަ މިންވަރެއް ކަމެވެ.

މި މައްސަލާގައި ވަކި ސަރުކާރެކޭ ކިޔައި، އިނގިލި ދިއްކުރެވޭކަށް ވެސް ނެތެވެ. ކުރިން ތިބި ބަޔަކު ރަނގަޅަށް މިކަން ކޮށްފައި އޮތް ނަމަ މި ދުވަސް ނައީހެވެ. މިހާރު އޮތް ސަރުކާރަށް މިއީ "ވޭކަޕް ކޯލެކެވެ". އިހުމާލުވެފައި ހުރި އިދާރާތައް ފާހަގަކޮށް، އަވަސް ފިޔަވަޅުތަކެއް އަޅަންވީ ވަގުތު ޖެހިއްޖެ ކަމުގެ ވަރުގަދަ އިންޒާރެކެވެ. އެހެން ނޫނީ ދެންވެސް އުޅެން ޖެހެނީ ހަމަ މި ހާލެއްގަ އެވެ.