16 ޑިސެމްބަރ 2024 - 11:51

ރ. ދުވާދަރު ކައުންސިލްގެ އެމްޑީޕީގެ މެމްބަރު މަރިޔަމް ޔަޝްފާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގައިފި އެވެ.

އެނގިފައިވާ ގޮތުގައި އޭނާ ހާޒިރު ކުރަނީ ނޮވެންބަރު 11 ގައި އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ވާހަކަ ދައްކަމުން ކިޔާފައިވާ ބަންޖެއްގައި "ހަވަރަށް ދޭން" ގޮވާލާފައި ވާތީ އެވެ.
ޔަޝްފާ "މިހާރު" އަށް މިއަދު ވިދާޅުވީ ރޭ އެންމެ ފުރަތަމަ އޭނާ އަށް ގުޅީ ދުވާފަރު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހެއް ކަމަށެވެ.
ތުހުމަތު ކުރެވޭ ކަމަކާ ގުޅިގެން ސުވާލުކުރުމަށް މިއަދު ހެނދުނު 9:00 އަށް ރަށު ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން ފުލުހުން އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު ރަށަށް ފުރަން އޮތީ. އަޅުގަނޑު ބުނެފިން މާލޭގައޭ އަދި މި ހުރީ. އެކަމަކު އާއިލާ މީހަކު ބަލިވެގެން ފުރުން ކެންސަލް ކުރީ. ދެން އަޅުގަނޑު ބުނެފިން ޗިޓެއް ވެސް ނުފޮނުވައޭ. ބުނެފި، ޗިޓު ދީފައި 24 ގަޑިއިރު ތެރޭގައޭ މީހާ ހާޒިރު ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.
ޔަޝްފާ ވިދާޅުވިގޮތުގައި، އޭގެ ފަހުން އޭނާ އަށް ގުޅީ ފުލުހުންގެ މައި އިދާރާއިންނެވެ. ހާޒިރު ކުރަނީ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ދެއްކެވި ވާހަކައަކާ ގުޅިގެން ސުވާލު ކުރުމަށް ކަމަށް ވެސް މާލެ އިން ގުޅި ފުލުސް އޮފިސަރާ ހަވާލާދީ ޔަޝްފާ ވިދާޅުވި އެވެ.
ޔަޝްފާ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގީ މާދަމާ ހެނދުނު 10:30 އަށެވެ.
އެކަމަކު ޔަޝްފާ ވިދާޅުވީ ދަނޑިކޮށި ޖަގަހައިގެ ޖަލްސާގައި ގާނޫނާ ހިލާފު އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށެވެ.
"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ނަމުގައި އެމްޑީޕީން މި މަހު 10 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގާ ވެސް އޭނާ ވަނީ އެ ބަނދި ކިޔައިފަ އެވެ.
ޔަޝްފާ ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމާ ގުޅޭގޮތުން ރަސްމީ ބަހެއް އަދި ނުލިބެ އެވެ.