ސަންޖޭ ދަތާއި ރޭކާ ސިއްރުން ކައިވެނިކުރިތަ؟
ސަންޖޭ ދަތާއި ރޭކާ ސިއްރުން ކައިވެނިކުރިތަ؟

ސަންޖޭ ދަތާއި ރޭކާ ސިއްރުން ކައިވެނިކުރި ކަމަށް ބުނެ ދާދިފަހުން ޚަބަރުތަކެއް ފެތުރިފައިވެ އެވެ. ރޭކާ އަދިވެސް ސަންޖޭ ދަތަކީ ފިރިމީހާ ކަމަށް ގަބޫލުކުރާ ކަމަށާއި ނިތްކުރީގައި ރަތްކުލަ ހާކައިގެން އުޅެނީ ސަންޖޭ ދަތުގެ ނަމުގައި ކަމަށް ވެސް މި ޚަބަރުތަކުގައި ބުނެފައިވެ އެވެ.

މި ޚަބަރު ފެތުރި ގިނަ ނޫސްތަކުން ބުނެފައިވަނީ މި ވާހަކަ އޮތީ ލިޔުންތެރިޔާ ޔާސިރު އުސްމަން ލިޔުނު ރޭކާގެ ބައޮގްރަފީ "ރޭކާ – ދި އަންޓޯލްޑް ސްޓޯރީ"ގައި ކަމަށެވެ.

ނަމަވެސް ޔާސިރު އުސްމާން މި ޚަބަރު ދޮގުކުރެ އެވެ. ހިންދުސްތާން ޓައިމްސް އަށް އޭނާ ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި މިއީ މުޅިން ދޮގު ވާހަކައެކެވެ. މިފަދަ އެއްވެސް ވާހަކައެއް އޭނާ ލިޔުނު ފޮތުގައި ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.

އޭނާގެ ފޮތުގައި މިކަން ހިނގާދިޔަ ގޮތް ޔާސިރު ލިޔެފައި ވަނީ މިގޮތަށެވެ.

"ރޭކާ އާއި ސަންޖޭ ދަތު އެކުގައި ފިލްމެއްގައި މަސައްކަތްކުރަމުން ދިޔަ ދުވަސްވަރެކެވެ. ހީވަނީ އެއީ 1984 ގައި ނުކުތް "ޒަމީން އާސްމާން" ހެނެވެ. މި ދެ މީހުން ރައްޓެހިވެގެން އުޅޭ ކަމުގެ ޚަބަރުތައް ފުރަތަމަ ފެތުރެންފެށީ އޭރު އެވެ. އަދި ރޭކާ އާއި ސަންޖޭ ދަތު އެ ދުވަސްވަރު ސިއްރު ކައިވެންޏެއް ވެސް ކުރިކަމަށް އޭރު ބައެއް މީހުން ބުނަމުން ދިޔަ އެވެ. މި ޚަބަރުތައް ފެތުރުނުލެއް ބޮޑުކަމުން ސަންޖޭ ދަތު މި ވާހަކަތައް ދޮގުކޮށް މަޖައްލާއަކަށް އިންޓަވިއުއެއް ވެސް ދިނެވެ. މިއީ ރަސްމީކޮށް އޭނާ އެކަން ދޮގުކޮށް ދިން ބަޔާނެކެވެ."

ޔާސިރު އުސްމާން ބުނި ގޮތުގައި އެ ދެ މީހުންގެ ކައިވެނި އެއްވެސް އިރެއްގައި ނުވެ އެވެ. އަދި މިއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ސަންޖޭ ދަތު ރަސްމީކޮށް ވަނީ ބުނެފަ އެވެ.

"ރޭކާގެ ހަޔާތުގެ މި ދުވަސްވަރު އޭނާގެ ހަޔާތަށް ގިނަ ބަޔަކު އައިސްފައި ދިޔަ އެވެ. ޝައިލެންދުރަ ސިންގް، ކަމަލް ހަސަން، ޕްރޮޑިއުސަރު ރަޖީވް ކުމާރު އަދި ސަންޖޭ ދަތުގެ ނަން ވެސް އެ ލިސްޓުގައި ހިމެނެ އެވެ. ނަމަވެސް ކުއްލިއަކަށް އެއް ދުވަހަކު ސަންޖޭ ދަތާއި ރޭކާ ކައިވެނިކުރި ކަމުގެ ޚަބަރުތަކެއް ފެތުރުނެވެ.

ނަމަވެސް މިއީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫނެވެ. ސަންޖޭ ދަތުގެ ހަޔާތުގެ އެންމެ އުނދަގޫ ދުވަސްތަކުގައި އޭނާ އެ ވަޅުގަނޑުން އަރައިގަތުމަށް ރޭކާ ވަރަށް އެހީތެރިވި އެވެ. އެހެންވެ އެ ދުވަސްވަރު އެމީހުންގެ "ޒަމީން އާސްމާން" ރިލީޒްވުމާ އެކު މި އަޑުތަކެއް މާ ގަދަޔަށް އަރައިގެން ދިޔައީ އެވެ،" ރޭކާގެ ބައޮގްރަފީގައި ޔާސިރު އުސްމާން ލިޔެފައިވެ އެވެ.