15 ޑިސެމްބަރ 2024 - 23:02

ޅ. ނައިފަރުގެ މައްޗަށް 7-2 ން ކުރި ހޯދައި ފެންވަރުގެ މޮޅަކާ އެކު އައްޑޫން ކުއާޓާ ފައިނަލްށް ދަތުރުކޮށްފި އެވެ.
މި ނަތީޖާއާ އެކު އައްަޑޫން ވަނީ ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ.
މެޗުގައި އިބްރާހިމް ވަހީދު ހަސަން ވަނީ ހެޓްރިކް ހަދައިފަ އެވެ. މުބާރާތުގެ އައްޑޫން ކުރިން ކުޅުނު ހަތަރު މެޗުގައި ނުފެނު ރޫހެއް އައްޑޫން ފެނުނެވެ. އެ ޓީމުގެ ކުޅުން ވެސް ފެނުނީ ވަރުގަދަކޮށެވެ.
ނައިފަރުން ލީޑް ނަގާފައިވަނިކޮށް އައްޑޫން ފަހަތުން އަރައި ނަތީޖާ ބަދަލު ކުރި އެވެ.
މެޗުގެ 20 ވަނަ މިނެޓްގައި ނައިފަރަށް ލީޑް ނަގައިދިނީ މުހައްމަދު އިޒާން އަލީ އެވެ.
އައްޑޫން ނަތީޖާ ހަމަހަމަކޮށްދިނީ ހާޒިމް ފައުޒީ އެވެ.
އެ ޓީމަށް ލީޑް ނަގައި ދިނީ އިބްރާހިމް ވަހީދު ހަސަން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުސައިން ފައިސަލް (ފައިޓޯ) ނައިފަރަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
ދެވަނަ ހާފުގައި އިއްބެ ވަނީ ފުލުފުލުގައި ތިން ލަނޑު ޖަހައި ނަތީޖާ 5-2 ށް ބަދަލު ކޮށްފަ އެވެ. އައްޑޫގެ އަނެއް ދެ ލަނޑު ޖެހީ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އާއި އިސްމާއީލް އީސާ އެވެ.
އައްޑޫން ގުރޫޕްގެ އެއްވަނަ މަގާމު ހޯދީ ހަތަރު ޕޮއިންޓާ އެކު އެވެ. ކުއާޓާ ފައިނަލުގައި އައްޑޫން ނުކުންނާނީ މާފުއްޓާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ހަވީރު އެވެ.