އަޔަލެންޑުގައި "އިޒްރޭލާ ދެކޮޅު ސިޔާސަތުތައް ގިނަވުމުން" އެމްބަސީ ބަންދުކުރަނީ
އަޔަލެންޑުގައި "އިޒްރޭލާ ދެކޮޅު ސިޔާސަތުތައް ގިނަވުމުން" އެމްބަސީ ބަންދުކުރަނީ

އަޔަލެންޑު ސަރުކާރުން އިޒްރޭލާ ދެކޮޅު ހަރުކަށި ސިޔާސަތުތަކެއް ގެންގުޅޭކަމަށް ބުނެ، އަޔަލޭންޑްގައި ހުންނަ އިޒްރޭލުގެ އެމްބަސީ ބަންދުކުރަން ނިންމާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ހީނަރުވެފައިވާ ކަމަށް އިޒްރޭލުގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އަޔަލޭންޑާއި އިޒްރޭލާ ދެމެދު އޮތް ސިޔާސީ ގުޅުން ހީނަރުވެފައި ވަނީ އަޔަލޭންޑުން ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށާއި ޣައްޒާގައި އިޒްރޭލުން ހިންގަނީ ނަސްލު ނައްތާލުމުގެ ގަތުލްއާންމެއް ކަމަށް ތުހުމަތުކޮށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ހުށަހަޅާފައިވާ މައްސަލައަށް އަޔަލެންޑުން ތާއީދުކުރުން ފަދަ އެތައް ކަމަކާ ހެދި އެވެ.

ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާތަކަށް އިޒްރޭލުން ރައްދު ދޭ ގޮތާ މެދު އެންމެ ބޮޑަށް ފާޑުކިޔާ ގައުމުތަކުގެ ތެރޭގައި ވެސް އަޔަލޭންޑް ހިމެނެ އެވެ.

"ޑަބްލިންގައި ހުންނަ އިސްރާއީލުގެ އެމްބަސީ ބަންދުކުރަން ނިންމީ އައިރިޝް ސަރުކާރުގެ އިޒްރޭލާ ދެކޮޅު ހަރުކަށި ސިޔާސަތުތަކަށް ރިއާޔަތްކޮށްފައި،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރް ބުނީ އަޔަލެންޑުން ގެންގުޅެނީ ޔަހޫދީނަށް ނަފްރަތު ކުރުމުގެ ސިޔާސަތެއް ކަމަށާއި އަދި އަޔަލެންޑުން އިޒްރޭލާ މެދު ގެންގުޅެނީ ތަފާތުކުރުމުގެ ސިޔާސަތެއް ކަމަށެވެ.

"އަޔަލޭންޑުން ވަނީ އިޒްރޭލާ އެކު އޮންނަ ގުޅުމުގައި ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފައި."

މިދިޔަ ނޮވެމްބަރު މަހު އަޔަލޭންޑްގެ ބޮޑުވަޒީރު ސައިމަން ހެރިސް ވަނީ، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައި ވާތީ، ނަތަންޔާހޫ އަޔަލޭންޑަށް އަރައިފި ނަމަ، އަމުރު ތަންފީޒުކުރާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ގެ މައްޗަށް އައިސީސީން އަމުރެއް ނެރެފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޣައްޒާގައި ހިންގި "އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ" މައްސަލައިގަ އެވެ.